ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އަޅަން ހަވާލުކުރި ސީލައިފްގެ އެއްބަސްވުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބާތިލު ކުރީ ރަނގަޅަށްކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ.
އެޗްޑީސީ އާއި ސީލައިފް ގްލޯބަލް ދެމެދު ހުޅުމާލޭގައި 3،000 އެޕާޓްމަންޓް ޔުނިޓް އިމާރާތްކުރުމުގެ މަޝްރޫއުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ 2014 މާޗް 13 ގައެވެ. ސީލައިފްއިން އެއްބަސްވުމާއި ހިލާފަށް، މަސައްކަތް ކުރިއަށް ނުގެންގޮސް، ކްރެޑިޓް ސުއީސްގެ ނަމުގައި ފޯޖްކޮށްފައިވާ ޕަފޯމަންސް ގެރެންޓީއެއް ހުށަހަޅައި، ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލައިގައި އެއްބަސްވުން ބާތިލު ކުރީ އޭގެ 4 އަހަރު ފަހުން 2018، ޑިސެމްބަރ 24 ގައެވެ.
އެއްބަސްވުން ބާތިލު ކުރީ ގާނޫނާއި ހިލާފަށްކަމަށް ކަނޑައަޅައިދޭން އެދި، ސީލައިފްގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި އެވެ. މައްސަލައިގައި ސީލައިފްގެ ފަރާތުން އެދިފައި ވަނީ އެއްބަސްވުން ބާތިލުކުރި ކުރުމާއި ގުޅިގެން އެފަރާތަށް ގެއްލުމުގެ ބަދަލު ދިނުމަށް، އެޗްޑީސީގެ މައްޗަށް އަމުރެއް ނެރެދިނުމަށެވެ.
މައްސަލައިގައި ކޯޓުން މިއަދު ނިންމާފައި ވަނީ، އެއްބަސްވުން އެޗްޑީސީން ބާތިލުކޮށްފައި ވަނީ ރަނގަޅަށްކަމަށް ކަނޑައަޅައި، ބަދަލު ދޭން ޖެހޭ ހާލަތެއް ނެތްކަމަށް ހުކުމްކޮށްފަ އެވެ.
އެ ނިންމުމާއި ގުޅޭގޮތުން އެޗްޑީސީން މީޑިއާތަކަށް ބުނީ ހުޅުމާލޭގައި ކުރިއަށް ގެންދާ މިފަދަ އެކިއެކި މަޝްރޫއުތަކުގެ އެއްބަސްވުމާއި ހިލާފަށް އަމަލުކުރާ ފަރާތްތަކާއި މެދުގައި އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އަޅާނެކަމަށެވެ.

