ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މައުސޫމް ކުއްޖެއްގެ އަބުރު ކަތިލައި، ކަރާމާތް ގެއްލުވާލިކަމުގެ ދައުވާ މަންދިއަށް އުފުލަން ޖެހޭ: ކެޕްސް ޖަމިއްޔާ

އިދިކޮޅު އެމްޑީޕީ ކުރިޔަށް ގެންދިޔަ މުޒާހަރާއެއްގެ ތެރެއިން/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޑަކުއްޖެއްގެ އަބުރަށް އަރައިގަނެ، ކަރާމާތް ގެއްލޭ ގޮތަށް އިދިކޮޅު އެމްޑީޕީގެ ސިލްސިލާ ޖަލްސާއެއްގައި ވާހަކަ ދެއްކި ވާހަކަ ސީރިއަސްކޮށް ބަލައި، މައްސަލައިގައި ދައުވާ ކުރަން ޖެހޭ ނަމަ އެ ފިޔަވަޅު އެޅުމަށް ޗައިލްޑް އެބިއުސް ޕްރިވެންޝަން ސޮސައިޓީ (ކެޕްސް) އިން ގޮވާލައިފި އެވެ.

ކެޕްސް މި ބަޔާން އާންމު ކުރީ، އެމްޑީޕީގެ ސެކްރެޓޭރިއެޓްގެ މެމްބަރު މަރިޔަމް ޒުބެއިރު (މަންދީ) ރައީސް މުއިއްޒުގެ 18 އަހަރު ނުވާ ދަރިކަލަކާއި ގުޅުވައި ވާހަކަ ދައްކަވާފައިވާ މައްސަލަ ހޫނުވެ، ގިނަ ބަޔަކު އޭނާއަށް ފިޔަވަޅު އެޅުމަށް ގޮވާލަމުން ދަނިކޮށެވެ.

ޕާޓީގެ ސިލްސިލާ ޖަލްސާއެއްގައި މަންދީ ބުނީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވޭޕް ރާއްޖޭގައި މަނާކުރުމަށް ނިންމެވީ ދަރިކަލުން އެ ބޭނުން ކުރާތީ ކަމަށެވެ. އޭގެ ފަހުން ދެން ތިއްބެވި ކުދިންނާއި ގުޅުވައި ވެސް ސޯޝަލް މީޑިއާގައި އެ ކުދިންގެ ފޮޓޯތައް އާންމުކޮށް ސިޔާސީ ގޮތުން ފާޑުކިޔާފައި ވެއެވެ.

މި މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާގެ އާއިލާއިން ވަނީ، މަންދީގެ މައްޗަށާއި އެމްޑީޕީގެ މައްޗަށް މަދަނީ ދައުވާ ހުށަހެޅުމަށް ނިންމާފަ އެވެ.

މައްސަލައިގައި އާންމު ކުރި ބަޔާނުގައި ކެޕްސްއިން ބުނީ، ސިލްސިލާކޮށް އެމްޑީޕީ ކުރިޔަށް ގެންދާ މުޒާހަރާތަކުގެ ތެރެއިން ހަރަކާތެއްގައި ޕާޓީގެ އެކްޓިވިސްޓެއް ދެއްކި ވާހަކައިގައި ކުޑަކުއްޖެއް ކަރާމާތަށް އަރައިގެންފައިވާކަމަށެވެ.

ބަޔާނުގައި ބުނީ ކުޑަކުދިންނަށް ހާއްސަ އޯގާތެރިކަމެއް ބާއްވައި، އަޅާލުމަށް އިސްލާމް ދީން ވެސް ބާރުއަޅާކަމަށާއި އެހެން ނަމަވެސް އެ ހުރިހާކަމަކަށް ގޮންޖަހައި އެމްޑީޕީގެ މުޒާހަރާއެއްގައި ދެކެވުނު ވާހަކައާއި މެދު ނުހަނު ކަންބޮޑުވާކަމަށެވެ. މިއީ ކުޑަކުއްޖެއްގެ ކަރާމާތަށް އަރައިގަނެ، އެ ކުއްޖާއާއި ގުޅޭގޮތުން ހަގީގަތާއި ހިލާފަށް ފަތުރާފައިވާ ވާހަކަތަކެއްކަމަށް ވެސް ބަޔާނުގައި ވެއެވެ.

އެ ޖަމިއްޔާއިން ބުނެފައި ވަނީ މިއީ ސީރިއަސް ބޮޑެތި ކުށެއްގެ ގޮތުގައި ބަލައި، ފިޔަވަޅު އަޅަން ޖެހޭކަމަށާއި އަޅާނުލައި ދޫކޮށްލުން ވެގެން ދާނީ މިހާރަށް ވުރެ ބޮޑަށް މިފަދަ ކުށްތައް ތަކުރާރު ކުރުންކަމަށެވެ.

ކެޕްސްއިން ބުނީ ސިޔާސީ ގޮތުން ކިތަންމެ ބޮޑު ވާދަވެރިކަމެއް އޮތް ނަމަވެސް ނުވަތަ އަނެއް ބަޔަކަށް ކިތަންމެ ފާޑުކިއުމެއް އަމާޒު ކުރި ނަމަވެސް އެއްވެސް ފަރާތަކުން ކުޑަކުދިންނާއި ގުޅޭގޮތުން އެފަދަ ވާހަކައެއް ދައްކައި ކުދިންގެ ހައްގާއި ކަރާމާތް ގެއްލުވާލުމަކީ އެއްވެސް މިންވަރަކަށް ތައްހަމަލުކޮށް ބަލައިގަނެވޭނެކަމެއް ނޫންކަމަށެވެ.

މި ބަޔާން ނެރެފައި ވަނީ ކެޕްސް ބުނި ގޮތުގައި، އެއީ ރައީސުލްޖުމްހޫރިއްޔާގެ ދަރިކަލުންނަށް އަމާޒުވާ ވާހަކައަކަށް ވާތީއެއް ނޫނެވެ.

ކުޑަކުދިންނާއި ގުޅޭގޮތުން އަސްލެއް ނެތް ވާހަކަތައް ދެއްކުމުގެ ސަބަބުން، ނަފްސާނީ ގޮތުން ވެސް އޭގެ އަސަރު ނުހަނު ބޮޑަށް ކުރާކަމަށް ބަޔާނުގައި ވެއެވެ. އެހެންކަމުން ސިޔާސީ ބޭނުމެއްގައި ކުށެއް ނެތް މައުސޫމް ކުއްޖެއްގެ އަބުރު ކަތިލައި، ކަރަމާތް ގެއްލުވާލިކަމުގެ ކުށުގެ ދައުވާ މަންދިއަށް އުފުލަން ޖެހޭކަމަށް ބަޔާނުގައި ވެއެވެ.

ބަޔާނުގައި ވަނީ މިއީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށް، ދައުވާ ކުރަން ޖެހޭ ފަރާތްތަކަށް ދައުވާ ކުރުމަށް ވެސް ގޮވާލާގަ އެވެ.

މި މައްސަލައިގައި ކުޑަކުދިންގެ ހައްގުގައި މަސައްކަތް ކުރާ އެކި ޖަމިއްޔާތަކުން ބަޔާން ނެެރެފައި ވެއެވެ. އަދި އިލެކްޝަންސް ކޮމިޝަނާއި، ހިއުމަން ރައިޓްސް ކޮމިޝަނުން ވަނީ ގާނޫނުގައި ބަޔާން ކުރާ ގޮތުގެ މަތީން ސިޔާސީ ހަރަކާތްތައް ހިންގުމަށް އިލްތިމާސްކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: