ޖުޑީޝަން ސާވިސް ކޮމިޝަން (ޖެއެސްސީ) އަށް ހާޒިރުވާން ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރަށް އަންގައިފިއެވެ.
ތަހުގީގަށް ހާޒިރުވުމަށް ޖޭއެސްސީއިން މަހާޒްއަށް ފޮނުވާފައިވާ އަމުރުގައި ވަނީ 19 މާރޗުވާ ބުދާ ދުވަހު 11:15 އަށް އެ ކޮމިޝަނަށް ވަޑައިގަތުމަށެވެ.
ޖޭއެސްސީން ބުނެފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ އެސިސްޓަންޓް ރަޖިސްޓްރަރ ހުސައިން މުހައްމަދު ހަނީފް 25 އޮކްޓޫބަރު 2022ގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހާޒިރުކޮށް ހައިކޯޓުގެ ނަންބަރު CR/197/2022/12-95 ސިޓީއާއި ގުޅިގެން ސުވާލުކޮށް ހުތުރުބަހުން މުއާމަލާތް ކޮށްފައިވާކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދުގެ މައްޗަށް ތުހުމަތު ކުރެވުނު ކަމަށެވެ. އެ މައްސަލަައިގައި ހާދިސާ ހިނގާފައިވަނީ ސުޕްރީމް ކޯޓުގެ ނަމްބަރު SC-A/82/2022 ޤަޟިއްޔާ ބައްލަވާ ބެންޗުގައި ތިއްބެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ ހާޒިރުގައި ކަން ހައިކޯޓުގެ ނަމްބަރު IFB/195/2022/18-95 ސިޓީން އެނގެން އޮތް ކަމަށެވެ.
އެހެންކަމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒްގެ ބައިވެރިވުމެއް އެ މައްސަލައިގައި އޮތް ކަމަށް ކޮމިޓީއަށް ބެލެވޭތީ އެ މައްސަލަ ޖޭއެސްސީން އިސްނަގައިގެން ބަލާ މައްސަލަ މައްސަލައެއްގެ ގޮތުގައި ތަހްގީގްކުރުމަށް އެ މައްސަލައިގެ އަޑުއެހުމަށް ހާޒިރުވުމަށް ވަނީ އަންގާފައެވެ.
މަހާޒް ބުދަ ދުވަހު ޖޭއެސްސީއަށް ހާޒިރުވާން އަންގާފައި ވާއިރު ފަނޑިޔާރު ވަނީ މިމަހުގެ 9 ވަނަ ދުވަހުވެސް ޖޭއެސްސީއަށް ހާޒިރުކޮށްފައެވެ. ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު މިދިޔަ ހަފްތާގައި ސަސްޕެންޑުކޮށްފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ހާލަތްތައް ބަޔާންކޮށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކޮށް ދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުންތައް ނިމި އަމުރު ނެރެން ކުޑަތަންވެފައި ވަނިކޮށެވެ. އަދި އެއާއި އެކު ސުޕްރީމް ކޯޓުގެ ބެންޗު ކުޑަ ކުރުމަށް ނިންމައި، ދެ ފަނޑިޔާރަކު ވަކި ކުރުމަށް ވެސް ރައްޔިތުންގެ މަޖިލީހުން ހަމަ އެ ދުވަހު ފާސްކުރި އެވެ.
ސަސްޕެންޑު ކުރި ފަނޑިޔާރުންގެ ތެރެއިން، ހުސްނުއްސުއޫދު އިސްތިއުފާ ދެއްވިއިރު ކުރާ ތުހުމަތުތަކަށް ރައްދު ދީ ބަޔާން ނެރުއްވީ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރެވެ. ދެން ސަސްޕެންޝަނުގައި ހުންނެވީ ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.
ފަނޑިޔާރު އަޒްމިރަލްދާ އާއި މަހާޒް، މި ދެ ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއްވެސް ވަނީ ބަލަން ފަށާފައެވެ. އެއީ ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފްގެ މައްސަލައެއްގައި، ކްރިމިނަލް ކޯޓުގެ ގާޒީންނަށް ގުޅައި ނުފޫޒު ފޯރުވަން މަސައްކަތްކުރި ކަމަށް ކުރެވޭ ތުހުމަތާ ގުޅިގެންނެވެ.

