ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީ ވުމަކީ އަދި ޒާތީވާން ޖެހޭ ސަބަބެއް ނޫން!

ފުލުހުންގެ މުއައްސަސާއިން މުޒާހަރާއެއް ހުއްޓުވަނީ: ފޮޓޯ/ ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން ވޭޕް ބޭން ކުރުމަށް ނިންމާފައި ވަނީ، އުމުރުން 16 އަހަރުގެ ފިރިހެން ދަރިފުޅު ވޭޕް ބޭނުންކުރާތީކަމަށް ބުނެ އެމްޑީޕީގެ އެކި އިހުތިޖާޖުތަކުގައި ދައްކާ ވަހަކަތައް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ސާޖިދާ މުހައްމަދު ވަނީ ކުށްވެރި ކުރައްވާފައެވެ.

މިއީ އެ ކުއްޖާގެ ތައުލީމީ ހަޔާތަށާއި އިޖްތިމާއީ ހެދިބޮޑުވުމަށް ނޭދެވޭ އަސަރުތައް ކުރާނެ ވާހަތައްކަން ސާޖިދާ ފާހަގަކުރެއްވި އެވެ. އަދި މި ކަންތަކުގެ ސަބަބުން ދަރިފުޅުގެ މުސްތަގުބަލަށް ނޭދެވޭ އަސަރުކޮށް ރައްކާތެރިކަން ކަށަވަރު ނުވާ ވަރުގެ ކަންތަކަށް މަގުފަހިވެގެން ގޮސްދާނެކަމަށް ސާޖިދާ ވަނީ ފާހަގަ ކުރައްވާފައެވެ.

ސިޔާސީ ޙަރަކާތްތަކާއި ސިޔާސީ މަސައްކަތްތަކަކީ ކޮންމެ ޑިމޮކްރަޓިކް ވެރިކަމެއްގައިވެސް، މުހިއްމު އަދި ބޭނުންތެރި ޙަރަކާތްތަކެކެވެ. އެހެންނަމަވެސް ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައިވެސް ސިޔާސީ ކަންކަމުގައި ޒާތީވުމާއި، ސިޔާސީ ޙަރަކާތްތަކާއި ސިޔާސީގޮތުން ހިޔާލުފާޅު ކުރުމުގެ ނަމުގައި މީހުންގެ އަބުރަށް އަރައިގަތުމާއި އަބުރު ނަގާލުން ވަނީ ވަރަށް ބޮޑަށް އާންމުވެފައެވެ.

ސިޔާސީ ޙަރަކާތްތައް ބިނާވެގެން އަންނަންވާނީ ސިޔާސަތުތައް ހަރުދަނާ ކުރުމާއި، ސަރުކާރުތައް ޖަވާބުދާރީކޮށް ޒިންމާދާރު ކުރުވުމުގެ މަގުންނެވެ. އޭގެ ބަދަލުގައި މުޅިންވެސް ފެންނަމުން މިދަނީ ބިނާކުރަނިވި ގޮތެއްގައި ސިޔާސީ ޙަރަކާތްތައް ހިންގުމުގެ ބަދަލުގައި މީހުންގެ އަބުރަށް އަރައިގަތުމާއި، ޒާތީ ގޮތުން އެކި ޙަމަލާތައް ދޭ މަންޒަރެވެ. މިއީ ވޭތުވެދިޔަ އެކިއެކި ސަރުކާރުތަކުގައިވެސް އެކި މިންވަރަށް ފެނިފައިވާ މައްސަލަތަކެވެ.

ޚާއްސަކޮށް މީސްމީޑިއާގައިވެސް އެކި ގޮތްގޮތުން ސައްޙަނޫން ޚަބަރުތައް ފަތުރައި، ކޮންމެ ދުވަހަކުވެސް އެތައް ބައެއްގެ އަބުރު ކަތިލަމުންދާ މަންޒަރު އަޅުގަނޑުމެންނަށް އެބަފެނެއެވެ. އެކަމުގެ ތެދުދޮގު ބެލުމެއް ނެތި އެ ވާހަކަތައް ފެތުރުމަކީވެސް އާންމުވެފައިވާ ކަމެކެވެ.

އެހެންނަމަވެސް މިއީ ހަމައެކަނި ވަކިވަކި ފަރުދުންނަށް ލިބިގެންދާ ގެއްލުމެއް ނޫނެވެ. ސަބަބަކީ އެއްވެސް ބެލުމެއްނެތި މީހުންގެ އަބުރު ކަތިލެވޭ މުޖުތަމައެއް ބައްޓަންވެގެން އައުމަކީ ޑިމޮކްރަޓިކް ވެއްޓަށްވެސް އޭގެ ނޭދެވޭ އަސަރު ކުރާނެކަމަކަށްވާތީއެވެ. ޤައުމެއްގެ ޙައިސިއްޔަތުން އޮންނަންޖެހޭ އެއްބައިވަންތަކަމާއި ހަމަޖެހުމަށްވެސް ބުރޫއަރާނެ ކަމަކަށްވާތީއެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން ސިޔާސީ ގޮތުންނާއި، ފިކުރީ ގޮތުންވެސް ޤައުމުގައި ހަމަނުޖެހުމާއި ބައިބައިވުން އުފެދި، މީހުންގެ އަބުރާއި ކަރާމާތް ގެއްލިގެން ދިއުމަށް މަގުފަހިވެގެންދެއެވެ.

ސިޔާސީ މީހުންނަކީ އޭގެ ޒާތުގައި ސިޔާސީ ފާޑުކިއުންތަކާއި ރައްދު ދިނުންތަކަށް ހުޅުވާލެވިފައިވާ މާހައުލެއްގައި އުޅެމުންދާ ބައެކެވެ. އެހެންނަމަވެސް އޭގެ މާނައަކީ ސިޔާސީ މައިދާނުގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ އާއިލާއާއި އަނބިދަރިންނާ ގުޅުވައި ޒާތީވުމެއް ނޫނެވެ.

އެހެންނަމަވެސް ސިޔާސީ ގޮތުން އޮންނަ ކޯޅުންތަކުގައި އެއް ބަޔަކު އަނެއްބައެއްގެ އަބުރަށް އަރައިގަނެ، އާއިލާއާއި ދަރިންނާ ގުޅުވައި ވާހަކަތައް ދެއްކުން މިއީ ބަލައިގަނެވޭ ކަމެއް ނޫނެވެ. އެއީ ކޮންމެ ވެރިކަމެއްގައި ހިނގި ކަމެއް ނަމަވެސް އެފަދަ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކެވެ.

ރާއްޖޭގައިވެސް އަބުރު ރައްކާތެރި ކުރުމުގެ ޤާނޫނެއް އޮވެއެވެ. އެހެންކަމުން މީހުންގެ އަބުރަށް އަރައިގަތުމަކީ އޭގެ ޒާތުގައިވެސް ޤާނޫނީ ކުށެކެވެ. ނަމަވެސް އެއީ ކުޑަކުއްޖެއްނަމަ، އެކަމުގެ ސަބަބުން ނުކުންނަ ގެއްލުންތަކާއި ނުރައްކާތައް އެތައް ގުނައަކަށް އިތުރުވެގެން ދެއެވެ. އަދި އެއީ އެ ކުދިންގެ މުސްތަޤުބަލަށްވެސް އެކަންކަމުގެ ނޭދެވޭ އަސަރުކޮށް، އެފަދަ ޙާލަތްތަކަށް އެކުދިން ވައްޓާލުމުގެ އެތައް ދޮރެއް ހުޅުވިގެންދާ ފަދަ ކަންކަމެވެ.

ވަކިން ޚާއްސަކޮށް ކުޑަކުދިންނާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކަކީ ޒިންމާދާރު އަދި އެކުދިންގެ ކަރާމަތް ރައްކާތެރި ކުރެވޭ ބީދައަކުން ދެއްކޭ ވާހަކަތަކެއްކަން ކަށަވަރު ކުރުމަކީވެސް މުހިއްމު ކަމެކެވެ.

މިކަންކަން ޙައްލު ކުރުމަށްޓަކައި ސިޔާސީ ޕާޓީތަކުންވެސް މިހާރަށްވުރެ ޒިންމާދާރުކޮށް ސިޔާސީ ޙަރަކާތްތައް ހިންގަންޖެހެއެވެ. އަދި ސިޔާސީ ޙަރަކާތްތަކުގެ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުންވެސް އެކަންކަމަށް ސަމާލުވެ، ޚާއްސަކޮށް ކުޑަކުދިންގެ އަބުރު ގެއްލޭ ފަދަ މަންޒަރުތަކާއި ވާހަކަތައް ރިޕޯޓު ކުރުމުން ދުރުހެލިވާން ޖެހެއެވެ. ސިޔާސީ ވުމަކީ އަދި ޒާތީވާން ޖެހޭ ސަބަބެއް ނޫނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: