ސަރުކާރުން އަމާޒުކޮށްފައިވާ ގޮތަށް ބަލިމީހުންނަށް ބޭނުންވާ ބޭސްތައް އިތުރު ތަކުލީފަކާއި ނުލާ ބޭސް ފިހާރަތަކުން ލިބޭނެ އިންތިޒާމް ހަމަޖެއްސުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.
މިކަމަށްޓަކައި މިނިސްޓްރީ އޮފް ހެލްތުގައި މިއަދު ބޭއްވި ބައްދަލުވުމުގައި މިނިސްޓަރ އޮފް ހެލްތު އަބުދުﷲ ނާޡިމް އިބްރާހިމް އާއި މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް ޑރ.ޢާއިޝަތު ޝިހާމްގެ އިތުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއާއި އާސަންދަ އަދި އެންސްޕާގެ އިސްވެރިން ވަނީ ބައިވެރިވެފައެވެ.
މި ބައްދަލުވުމުގައި މައިގަނޑުގޮތެއް މަޝްވަރާކުރެއްވި ކަންތައްތަކުގެ ތެރޭގައި ސަރުކާރުގެ އަމާޒާ އެއްގޮތަށް ބޭސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމާއި، ބޭސް ލިބުމުގައި މިހާރު ހުރި ދަތިތައް ހައްލުކުރުމާއި ގުޅޭގޮތުން ވަނީ މަޝްވަރާ ކުރެވިފައެވެ.
ބަލްކް ޕްރޮކިއުމަންޓް ނިޒާމުގެ ދަށުން ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގެ މާކެޓްތަކުން ރާއްޖެއަށް ބޭސް އެތެރެކުރުމުގައި ކުރެވެން ހުރި މަސައްކަތްތަކާއި، ބަލްކްޕްރޮކިއުމަންޓް ނިޒާމުގެ ތެރެއިން ބޭސް އެތެރެކުރާއިރު، ސަރުކާރުން ވައުދުވެފައިވާ ފަދައިން ކޮލިޓީ ރަނގަޅު ބޭސް ގެނައުމާއި، އެނިޒާމުގެ ތެރެއިން ގެނެވޭ ބޭސްތަކާއި ގުޅޭގޮތުން މައުލޫމާތު ޑޮކްޓަރުންނަށް ފޯރުކޮށްދިނުމާއި ގުޅޭގޮތުން ވެސް ވަނީ މަޝްވަރާކުރެވިފައެވެ.
މި މައުލޫމާތު ސެޝަންތައް ކުރިއަށް ގެންދަނީ މިނިސްޓްރީ އޮފް ހެލްތާއި، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއާއި އެންސްޕާ އަދި އާސަންދަ ގުޅިގެންނެވެ.

