ވޭޕު މަނާކުރި މައްސަލައާއި ގުޅިގެން ކުޑަކުއްޖެއްގެ މައުލޫމާތު އާންމުކުރީ އެމްޑީޕީން ނޫންކަމަށާއި އެކަން ކުރީ ކުއްޖާގެ މަންމަ އަދި ގާނޫނީ ވަކީލެއްކަމަށް އެމްޑީޕީން ބުނެފިއެވެ.
އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ގާނޫނީ ޓީމުން މައުލޫމާތު ދިންގޮތުން އެ ޕާޓީގެ އިސް އެކްޓިވިސްޓުނަށް ކުޑަކުއްޖެއްގެ ކަރާމާތަށް އަރައިގަނެފައިވާކަމުގެ ތުހުމަތުކުރެވިފައިވާކަމަށެވެ. އެހެންކަމުން އެ މައްސަލައާއިމެދު އެއްޗެއް ބުނަންޖެހޭކަމަށް ގަބޫލުކުރާކަމަށާއި އެ މައްސަލައަކީ ހަގީގަތުގައި ކުޑަކުއްޖެއްގެ މަންމައާއި އިތުރު ބަޔަކުވެގެން އެ ކުއްޖާގެ ކަރާމާތް ނަގާލި މައްސަލައެއްކަމަށެވެ.
އެޓީމުން ބުނެފައިވާގޮތުން ކުޑަކުދިނަށް އަޅާލުމާއި ރައްކައުތެރިކަން ފޯރުކޮށްދިނުމާއި ކުޑަކުދިންގެ ހައްގުތައް ރައްކައުތެރިކުރުމުގައި މައިންބަފައިންނާއި ބެލެނިވެރިންނާއި މުޖުތަމައުގެ އިތުރުން ދައުލަތުގެ ޒިންމާވެސް އޮތްކަން ގަބޫލުކުރާކަމަށެވެ. އަދި އެކަމަކީ އިސްވެ ދެންނެވި ފަރާތްތަކުގެ ޒިންމާ އަދާކުރުމުގައި ވަރަށް ހާއްސަ އަހަމިއްޔަތުކަމަކާއި އިސްކަމެއް ދޭންޖެހޭ ކަމެއްކަން ފާހަގަކުރާކަމަށެވެ.
އެމްޑީޕީން ބުނެފައިވާގޮތުން އެ ޕާޓީން އަބަދުވެސް މިފަދަ ކަންކަމަށް އިސްކަންދޭނެކަމަށެވެ. ނަމަވެސް ދާދި ފަހުން ކުޑަކުއްޖެއްގެ މަންމައާއި އިތުރު ބަޔަކުވެގެން އެކުއްޖާގެ ކަރާމާތް ނަގާލިތަން ފެނިފައިވާކަމަށާއި އެ މައްސަލަ ފެށިގެން އައީ މުޒާހަރާއެއްގައި މީހަކު ދެއްކި ވާހަކައަކާއި ގުޅިގެންކަމަށް ބުނާކަން ހިއްސާކުރިއެވެ.
އެ ޕާޓީން ބުނެފައިވާގޮތުން އިޝާރާތްކުރާ މުޒާހަރާގައި އެވާހަކަތައް ދެއްކި މީހާ އެއްވެސް ވަރަކަށް ކުޑަކުއްޖާގެ މައުލޫމާތެއް ހާމަކޮށްފައިނުވާކަމަށާއި ވަކި ކުއްޖަކަށް ނިސްބަތްވާ ގޮތަށް ކުއްޖެއްގެ ނަން ނުވަތަ އުމުރުފަދަ މައުލޫމާތެއް ހާމަކޮށްފައިނުވާކަމަށެވެ. އަދި އެކުއްޖާގެ މައުލޫމާތު އާންމުވެގެންދިޔައީ ކުއްޖާގެ މަންމަގެ ފަރާތުން އާންމުކުރާ ބަޔާނެއްކަމަށް ބުނެ ގާނޫނީ ވަކީލަކު މީޑިއާގައި ބަޔާނެއް އާންމުކޮށް ނަމާއި އުމުރު ފަދަ މައުލޫމާތުތައް އާންމުކުރި ހިސާބުންކަންވެސް ފާހަގަކުރިއެވެ.
އެމްޑީޕީން ބުނެފައިވާގޮތުން ވަނަވަރު ހާމަކޮށްފައިވަނީ ކުއްޖާގެ މަންމަ، ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު އަދި ވަކީލު އާޒިމާ ޝުކުރޫކަމަށާއި އިސްވެ ފާހަގަކުރި ނޫސްވެރިންގެ ބައްދަލުވުމާއި ޖެހެންދެންވެސް ދެކެވެމުންދަނީ ކޮން ކުއްޖެއްގެ ވާހަކައެއްކަން ގިނަ އާންމު ރައްޔިތުންނަށް ނޭނގޭކަމަށެވެ. އެހެންކަމުން ކުއްޖާގެ މައުލޫމާތު ހާމަކޮށް ކަރާމާތަށް ގެއްލުންވާގޮތަށް ނުރައްކަލަށް ހުށައެޅިގެންދާގޮތަށް އެމްޑީޕީން އެކަން ކުށްވެރިކުރާކަމަށާއި ކުއްޖާގެ މަންމަ އަދި ގާނޫނީ ވަކީލުގެ މައްސަލަ ކަމާއިބެހޭ އިދާރާތަކަށް ހުށައެޅުމަށް ނިންމާފައިވާކަމަށެވެ.
އެ ޕާޓީން ބުނެފައިވާގޮތުން މައްސަލަ ހުށައަޅާނީ ފުލުހުންގެ ދަށުން މަސައްކަތްކުރާ އެފްސީޕީޑީ އަދި ޖެންޑާ މިނިސްޓްރީގެ ދަށުގައި މިބާވަތުގެ މައްސަލަތަކުގެ މަސައްކަތްތަކާއި ހަވާލުވެފައިވާ ފެމިލީ އެންޑް ޗިލްޑްރެންސް ސާވިސް ޑިޕާޓުމެންޓަށްކަމަށެވެ.

