ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު ނުފޫޒު ފޯރުވިކަމަށް ޖޭއެސްސީއަށް އެއްވެސް ފަނޑިޔާރަކު ބަޔާން ދީފައިނުވާކަމަށް އޭނާގެ ގާނޫނީ ވަކީލުން ބުނެފިއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ އެސިސްޓަންޓް ރަޖިސްޓްރަރ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް ފަނޑިޔާރު ހުސްނުއްސުއޫދު ސުވާލުކޮށް ހުތުރުބަހުން މުއާމަލާތްކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ހާދިސާ ހިނގާފައިވަނީ ފަނޑިޔާރު މަހާޒްވެސް ހާޒިރުވެ ހުންނަވަނިކޮށްކަމަށްކަމަށް ފެންނަން އޮތްކަމަށްވުމުންނާއި އެކަމުގައި ބައިވެރިވުމެއް އޮތްކަމަށް ބެލެވޭތީ ޖޭއެސްސީންވަނީ އެ މައްސަލަ ބެލުމަށް އިސްނަގާފައެވެ. އަދި މި މަހުގެ 19 ވަނަ ދުވަހު ތަހުގީގަށް ހާޒިރުވުމަށް އަންގާފައިވެއެވެ.
މީގެ އިތުރުން ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު ޑރ އަޒްމިރަލްދާގެ ސުލޫކީ މައްސަލައެއް ބަލަމުންދަނީ ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ޑރ އިސްމާއިލް ލަތީފް މައްސަލައެއްގެ ތުހުމަތުގައި ގެންދެވުމުން އެ ދެ ފަނޑިޔާރުން ކްރިމިނަލް ކޯޓުގެ ގާޒީންނަށް ގުޅުއްވައި މި މައްސަލައަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރެއްވިކަމަށް ތުހުމަތުކޮށެވެ. ޖޭއެސްސީން ފާހަގަ ކުރާ ގޮތުގައި އެ މައްސަލަ އަމިއްލަ ފަރާތަކުން ކޮމިޝަނުގެ ސަމާލުކަމަށް ގެނައުމުން ކޮމިޝަނުގެ އަމިއްލަ އިސްނެގުމުގެ މަތިން މައްސަލަ ތަހުގީގުކުރަން ނިންމާފައިވާކަމަށެވެ.
މި މައްސަލައިގެ ތަހުގީގަށް ކްރިމިނަލް ކޯޓުގެ ތިން ގާޒީއަކު ބަޔާން ދެއްވާފައިވެއެވެ. އެ ގާޒީންގެ ބަޔާނަށް ބަލާއިރު، ޑރ. އިސްމާއިލްގެ ބަންދާ ގުޅިގެން އަޒްމިރަލްދާ އަދި ފަނޑިޔާރު މަހާޒުވެސް އެއްވެސް ގާޒީއަކަށް ގުޅުއްވައި ނުފޫޒު ފޯރުވަން އެއްވެސް ކަމެއް ކޮށްފައިނުވާކަން އެނގިގެންދާކަމަށް ވަކީލުން ފާހަގަ ކުރައްވައެވެ.

