ޤާނޫނުއަސާސީއަށް 16 އަހަރު ފުރުނުއިރު، އޭގެ އެންމެ ބޮޑު އެއް މައްސަލައަކީ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ އޮނިގަނޑު އިޞްލާޙު ނުކުރެވި އޮތުމެވެ. ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ މެންބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ ދެ މެންބަރުން ކޮމިޝަނުގައި ހިމެނުމަކީ ނުފޫޒު ފޯރުވުމަށް މަގުފަހިވާ ކަމެއްކަމަށް ޢާންމުކޮށް ޤަބޫލުކުރެވޭ ނަމަވެސް، މިކަން އިޞްލާޙުކުރުމަށް މިހާތަނަށް ޢަމަލީ ފިޔަވަޅެއް އެޅިފައެއް ނުވެއެވެ. މީގެ މައިގަނޑު ސަބަބަކީ، ކޮންމެ ސިޔާސީ ފަރާތަކުންވެސް ޖޭއެސްސީގެ އޮނިގަނޑަށް ބަދަލު ގެންނަން ޖެހޭކަމަށް ދެކެނީ އެފަރާތެއް އިދިކޮޅުގައި ތިބޭއިރު ކަމަށްވުމެވެ. ވެރިކަމުގައި ތިބޭއިރު، ޖޭއެސްސީއާއި ޝަރުޢީ ދާއިރާ ބާރުގެ ދަށަށް ގެނައުމަށް މަސައްކަތްކުރެއެވެ.
ޖޭއެސްސީގެ މިހާރުގެ އޮނިގަނޑުގައި ސިޔާސީ މެންބަރުންގެ އަޣުލަބިއްޔަތު އޮތުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ. 10 މެންބަރުންގެ ތެރެއިން 6 މެންބަރުން ޢައްޔަންކުރަނީ ރައްޔިތުންގެ މަޖިލީހާއި ސަރުކާރުގެ ތެރެއިންނެވެ. މިގޮތުން ރައީސުލްޖުމްހޫރިއްޔާ، އައްޔަން ކުރައްވާ މެންބަރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، މަޖިލީހުގެ މެންބަރެއް، ބަންޑާރަ ނައިބު، ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް އަދި ޢާންމު ރައްޔިތުންގެ ތެރެއިން މަޖިލީހުން ހޮވާ މެންބަރެއް އަދި ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން އިންތިހާބު ކުރާ ފަނޑިޔާރެއްގެ އިތުރުން ގާނޫނީ ވަކީލުންގެ ތެރެއިން މަޖިލީޙުގެ ރުހުމާއިއެކު އައްޔަން ކުރާ މެންބަރެއް ހިމެނެއެވެ. އަދި ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުން ކަނޑައަޅާ ފަނޑިޔާރެއް ހިމެނޭއިރު ސްޕްރީމް ކޯޓުން ކަނޑައަޅާ ފަނޑިޔާރެއް ހިމެނެއެވެ.
ޖޭއެސްސީގެ އޮނިގަނޑު އިޞްލާޙުކުރަން ޖެހޭކަމަށް އެންމެން އެއްބަސްވި ނަމަވެސް، އެކަން ކުރާނެ އެންމެ އެކަށީގެންވާ ގޮތަކާ މެދު އެއްބަސްވުމަކަށް ނާދެވެއެވެ. ހަމައެކަނި ފަނޑިޔާރުން ހިމެނޭގޮތަށް ކޮމިޝަން އެކުލަވާލުމަކީވެސް އެންމެ އެދެވިގެންވާ ގޮތް ނޫނެވެ. ސަބަބަކީ، ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލާ މުއައްސަސާއެއްގައި ހަމައެކަނި ފަނޑިޔާރުން ތިބުމަކުން ޝަރުޢީ ނިޒާމުގެ މިނިވަންކަން ފުރިހަމައަށް ކަށަވަރެއް ނުކުރެވޭނެތީއެވެ.
ޖޭއެސްސީގެ މައްސަލަ އަލުން މަޝްރަޙަށް އައިސްފައިވަނީ، އެ ކޮމިޝަނުން ތަޙުޤީޤުކުރަމުންދާ މައްސަލަތަކާ ގުޅިގެން އުފެދިފައިވާ ކަންބޮޑުވުންތަކާ ހުރެއެވެ. ޖޭއެސްސީއަކީ މައްސަލަތައް ނުބަލައި ފަސްކޮށް، ސިޔާސީ ބޭނުންތަކަށް ”ޕާރުސަލް“ ކުރާ ތަނަކަށް ވެގެން ނުވާނެއެވެ.
ފަނޑިޔާރުންގެ މައްސަލައްސަލަތައް ބެލުމުގައި ޖޭއެސްސީން ޢަމަލުކުރަމުންދާ ގޮތާމެދު ސުވާލު އުފެދިފައިވެއެވެ. މިސާލަކަށް، ކުދިކުދި ކަންކަމާ ގުޅިގެން ފަނޑިޔާރުންގެ މައްޗަށް ސުލޫކީ މައްސަލަ އުފުލައި، އެ ފަނޑިޔާރުންގެ މަޤާމުގެ ޤަދަރަށް އުނިކަން އަންނަ ގޮތަށް ޢަމަލުކުރަމުންދާކަމުގެ ޝަކުވާ އެބަހުއްޓެވެ. މިފަދަ ޢަމަލުތަކުން ފަނޑިޔާރުންގެ މިނިވަންކަމަށް އަސަރުކޮށް، ޝަރުޢީ ދާއިރާގެ މުސްތަޤިއްލުކަން ގެއްލިގެންދާކަން ފާހަގަކުރެވެއެވެ.
ވޭތުވެދިޔަ އަހަރުތަކުގައި ކޮންމެ ސަރުކާރަކުންވެސް ސުޕްރީމް ކޯޓުގެ ބެންޗަށް ބަދަލު ގެނެސްފައިވާކަން ފާހަގަކުރެވެއެވެ. މިކަމުގެ ސަބަބުން ޝަރުޢީ ދާއިރާގެ އެންމެ މަތީ ފަންތީގައި ހުންނަންޖެހޭ ދެމެހެއްޓެނިވި އަދި ހަރުދަނާކަން ގެއްލި، ކޯޓުތަކުގެ ނިންމުންތަކާމެދު ޢާންމުންގެ އިތުބާރު ދަށްވެގެން ގޮސްފައިވެއެވެ.
ފަނޑިޔާރުންގެ މައްސަލަތައް ބެލުމުގައި ސިޔާސީ ނުފޫޒު ފޯރުވުމުގެ ސަޤާފަތް ނައްތާލުމަކީ މުހިންމު ކަމެކެވެ. ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ފަނޑިޔާރުންގެ މިނިވަންކަން ޙަޤީޤަތުގައިވެސް ލިބިދިނުމަށްޓަކައި، ޖޭއެސްސީގެ އޮނިގަނޑަށް އިޞްލާޙު ގެނައުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. މިގޮތުން، ފަނޑިޔާރުންގެ މައްސަލަތައް ސިޔާސީ ބޭނުންތަކަށް ރައްކާކޮށްފައި ބެހެއްޓުމުގެ ޘަޤާފަތް ނިމުމަކަށް ގެނައުމަށް މަސައްކަތްކުރަންޖެހެއެވެ.
ޝަރުޢީ ދާއިރާގެ މިނިވަންކަމާއި މުސްތަޤިއްލުކަން ކަށަވަރުކުރުމަށްޓަކައި، ޖޭއެސްސީގެ އޮނިގަނޑު އިޞްލާޙުކުރުމުގައި ގެންނަން ފެންނަ ބައެއްކަންކަން ނުވަތަ ސަމާލުކަން ދޭން ޖެހޭ ބައެއްކަންކަން އަޅުގަނޑު ހިޔާލަށް ފެންނަ ގޮތް ދަންނަވާލާނަމެވެ.
1. ކޮމިޝަނުގައި ސިޔާސީ ފަރާތްތަކުގެ ތަމްސީލު މަދުކުރުން.
2. ޤާނޫނީ އަދި ޝަރުޢީ ދާއިރާގެ މާހިރުންގެ ބައިވެރިވުން އިތުރުކުރުން.
3. ފަނޑިޔާރުންގެ މައްސަލަތައް ބެލުމުގައި ހާމަކަން ބޮޑު، ޢަދުލުވެރި ނިޒާމެއް ޤާއިމުކުރުން.
4. ކޮމިޝަނުގެ މެންބަރުން ޢައްޔަންކުރުމުގައި ހަރުދަނާ އުސޫލުތަކެއް ކަނޑައެޅުން.
ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ އޮނިގަނޑު އިޞްލާޙުކުރުމަކީ ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާގެ މިނިވަންކަމާއި މުސްތަޤިއްލުކަން ކަށަވަރުކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. މިކަމުގައި ސިޔާސީ ފަރާތްތަކާއި، ޤާނޫނީ މާހިރުން އަދި މަދަނީ މުޖުތަމަޢުގެ ފަރާތްތައް ގުޅިގެން މަސައްކަތްކުރުމަކީ މުހިންމު ކަމެކެވެ.

