ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތަކަށް 7 ވަނަ އިސްލާހު ގެނެސް، ރަމަޟާން މަހުގެ ފަހު 10 ދުވަހު މަސައްކަތްކުރާ މުވައްޒަފުންނަށް ލިބޭ މުސާރައާއި އިނާޔަތްތަކަށް ބަދަލުތަކެއް ގެނެސް، ނޭޝަނަލް ޕޭ ކޮމިޝަނުން ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފިއެވެ.
މި އިސްލާހުގެ ދަށުން، ރަމަޟާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން ރަމަޟާން މަސް ނިމެންދެން، ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް ދިނުމަށް މަސައްކަތަށް ނުކުންނަ މުވައްޒަފުންނަށް ހާޒިރީ އިނާޔަތް ދޭންޖެހޭނެއެވެ. އަދި މި ދުވަސްތަކަކީ ވަޒީފާއާ ބެހޭ ޤާނޫނުގައި ބަޔާންކުރާ ރަސްމީ ބަންދު ދުވަސްތަކާ އެއްފަދަ ދުވަސްތަކެއްގެ ގޮތުގައި ބަލައި، މުސާރައިން ދުވާލަކަށް ޖެހޭ މިންވަރުގެ ދެބައިކުޅަ އެއްބަޔާ އެއްވަރުގެ އިނާޔަތެއް ދޭންޖެހޭނެއެވެ.
އިތުރުގަޑީގެ ފައިސާ ދިނުމުގައިވެސް މި ދުވަސްތައް ބެލެވޭނީ ރަސްމީ ބަންދު ދުވަސްތަކެއްގެ ގޮތުގައެވެ. އަދި މިހާރު ކަނޑައެޅިފައިވާ 10 އިންސައްތައިގެ ތެރޭގައި މި ދުވަސްތައް ނުހިމަނައި، މުވައްޒަފުން ލައްވާ ކުރުވާ ހުރިހާ މަސައްކަތު ވަގުތުތަކަށް އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
ދައުލަތުގެ ޕޭ ފްރޭމްވަރކަށް ބަދަލުވެފައިވާ މުވައްޒަފުންނަށް، ރަމަޟާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން މަހުގެ ނިޔަލަށް، ހުކުރު އަދި ހޮނިހިރު ދުވަސްތައް ފިޔަވައި އެހެން ދުވަސްތަކަށް، އޮފީހަށް ހާޒިރުނުވިކަމުގައިވިޔަސް ހާޒިރީ އިނާޔަތް ދޭންޖެހޭނެކަމަށް ވަނީ ކަނޑައަޅާފައެވެ.
މި އިސްލާހަށް ޢަމަލުކުރަން ފަށާނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އިސްލާހު ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.

