މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ ވިޒިޓް މޯލްޑިވްސް)އިން އިންޑިއާގެ އެންމެ ކާމިޔާބު އަދި އަގުހުރި ކްރިކެޓް ޓީމު ކަމަށްވާ މުމްބާއީ އިންޑިއަންސްގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރުގެ ގޮތުގައި މުހިންމު ޕާޓްނަޝިޕްއެއް ހަދައިފިއެވެ.
މިއީ ވިޒިޓް މޯލްޑިވްސް އިން އިންޑިއާ މާކެޓަށް އަމާޒުކޮށްގެން ހެދި މިފަދަ ބޮޑު ފުރަތަމަ ޕާޓްނާޝިޕެވެ. އަދި މި ޕާޓްނަޝިޕްގެ ސަބަބުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް އެންމެ މުހިންމު އެއް ސޯސް މާކެޓުގައި ރާއްޖޭގެ މަގާމު އިތުރަށް ހަރުދަނާވެގެންދާނެއެވެ.
ދުނިޔޭގައި ދެވަނައަށް އެންމެ ގިނައިން ބަލާ ކުޅިވަރުކަމަށްވާ ކްރިކެޓަކީ ޑިސްޕޯޒެބަލް އިންކަމް ބޮޑު އޯޑިއަންސެއް ލިބިފައިވާ ކުޅިވަރެއް ކަމުން، މި ޕާޓްނާޝިޕަކީ އިންޑިއާ އަދި ބައިނަލްއަގްވާމީ ފަތުރުވެރިންގެ މެދުގައި ދިވެހިރާއްޖޭގެ ބްރޭންޑް ހަރުދަނާކުރުމަށް އަޅާ ސްޓްރެޓެޖިކް ފިޔަވަޅެކެވެ.
އިންޑިއާއަކީ ރާއްޖޭގެ އެއް ޓޮޕް ސޯސް މާކެޓަކަށް ވުމުން، މި ޕާޓްނަޝިޕަކީ އިންޑިއާއިން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކޮށް، ބްރޭންޑް ހޭލުންތެރިކަން އިތުރުކޮށް، އިންޑިއާގެ އެކި ސިޓީތަކުގައި ފޯރި އުފެއްދޭނެ ޕާޓްނަޝިޕެކެވެ.
ވިޒިޓް މޯލްޑިވްސްއިން 2025 ވަނަ އަހަރު އިންޑިއާގެ 200،000 ފަތުރުވެރިން ގެނައުމަށް ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވުމަށް މި އެއްބާރުލުމުން ވަރަށް މުހިންމު ދައުރެއް އަދާކުރާނެއެވެ.
މި ޕާޓްނަޝިޕްގެ ތެރެއިން ވިޒިޓް މޯލްޑިވްސްއިން މުމްބާއީ އިންޑިއަންސްއާއެކު ޑިޖިޓަލް ޕްރޮމޯޝަންތަކާއި، އޮން ގްރައުންޑް އެކްޓިވޭޝަންތަކާއި، ދިވެހިރާއްޖެ އަކީ އެންމެ މަޤްބޫލް ލަގްޒަރީ ޓްރެވަލް މަންޒިލުގެ ގޮތުގައި ފާހަގަކޮށްދޭ އެކްސްކްލޫސިވް ތަޖުރިބާތައް ހިމެނޭ ގޮތަށް ޝައުގުވެރި ކެމްޕޭންތަކެއް ފަށާނެއެވެ.
ކްރިކެޓް ސަޕޯޓަރުންނާއި ފަތުރުވެރިންނަށް ވެސް ރާއްޖޭގެ ސާފު ގޮނޑުދޮށްތަކާއި ދުނިޔޭގެ ފެންވަރުގެ ރިސޯޓްތަކާއި ދިވެހިންގެ މެހެމާންދާރީ ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ދިވެހިރާއްޖެއަކީ އިންޑިއާގެ ފަތުރުވެރިން ބޭނުންވާފަދަ ލަގްޒަރީ ސްޓޭތަކާއި، ތަފާތު ތަޖުރިބާތައް ލިބޭ އިންޑިއާގެ ފަތުރުވެރިންގެ ގިނަ ބަޔަކު ދާން ބޭނުންވާ މަންޒިލެކެވެ. އަދި އިންޑިޔާގެ އެކި ސިޓީތަކުން ހަފްތާއަކު ގިނަ ޑައިރެކްޓް ފްލައިޓްތައް ރާއްޖެއަށް މެދުނުކެނޑި ދަތުރުކުރެއެވެ.

