މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްއިން ކުރިއަށް ގެންދާ 55 ކައުންސިލް މަޝްރޫޢާއި، ފެރީ ޓާމިނަލްތައް ކައުންސިލްތަކާ ޙަވާލުކުރުމުގެ މަސައްކަތުގެ އަދާހަމަ، މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ހާމަކުރައްވައިފިއެވެ.
މި މަޢުލޫމާތު މިނިސްޓަރ ހިއްސާކުރެއްވީ، މިނިސްޓްރީގެ ރެކްރިއޭޝަން ކުލަބުން އިންތިޒާމުކޮށްގެން ޕަބްލިކް ވާރކްސް ޑިޕާޓްމެންޓުގައި ރޭ ބޭއްވި ޚާއްޞަ ތަރާވީޙުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މިނިސްޓަރ ވިދާޅުވީ ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން އެޅުމަށް ހަމަޖެހިފައިވާ، 55 ކައުންސިލް އިދާރާގެ ތެރެއިން މިހާރު ބިންގާ އެޅިފައިވާ 13 ތަނުގެ ސިވިލް ވާރކް މަސައްކަތްތައް ފެށުމާ ގުޅޭ ގޮތުން ބަދަލުކުރަންޖެހޭ ލިޔުންތައް އެ ފަރާތްތަކަށް މިހާރު ފޮނުވަން ފަށައިފައިވާކަމަށެވެ. އަދި އެ ތަންތަނުގެ މަސައްކަތް ކުރާނެ ފަރާތެއް ކައުންސިލްތައް މެދުވެރިކޮށް ހޯދުމަށް ފަހު، ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެކަމަށެވެ. އަދި މި 55 ކައުންސިލްގެ މަސައްކަތްތައް ކުރިއަށް އޮތް ދެ އަހަރާއި ބައިގެ ތެރޭގައި ނިމޭނެކަމަށެވެ.
މިނިސްޓަރ ރޭ ދެއްކެވި ވާހަކަފުޅުގައި 55 ކައުންސިލް މަޝްރޫޢުގެ މަސައްކަތް ކައުންސިލްތައް މެދުވެރިކޮށް އެ ރަށަކުން ބަޔަކު ހޯދާ، މަސައްކަތްކުރުމުގެ ޙަޤީޤީ ބޭނުމަކީީ، އެ ކަންކަމުގައި ކައުންސިލްތަކުގެ ބައިވެރިވުން އިތުރުކޮށް، އެ ރަށެއްގެ ރައްޔިތުންނަށް އިޤްތިޞާދީ މަންފާ ހޯދައިދިނުމަށް ކަމަށް ވިދާޅުވިއެވެ. އަދި އެ މަސައްކަތްކުރެވޭ އިރު ރަށު ފެންވަރުގައި އެކުލަވައިލެވިފައި އޮންނަ މޮނިޓަރެއް ކޮމިޓީއެއް ވެސް އެ ރަށްރަށުގައި އޮންނާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ރޭ މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ހއ، ހދ އަދި ށ. އަތޮޅުގައި ހެދިފައިވާ ފެރީ ޓާމިނަލްތަކާއި، ސްޕޮޓްތައް ކައުންސިލްތަކާ ޙަވާލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތަފްޞީލްވެސް ދެއްވިއެވެ. މިނިސްޓަރ ވިދާޅުވީ އެ ތަންތަން ޙަވާލުކުރުމަށް މިނިސްޓްރީއާ، ކައުންސިލްތަކާ ދެމެދު ވެވޭ ފަހުމުނާމާތައް މިހާރު ފޮނުވިފައިވާ ކަމަށެވެ. އެ ފަހުމުނާމާތަކުގައި ސޮއިކުރެވި އަދި އެ ތަންތަނުގައި ކުރަން ހުރި މަރާމާތުތައް ނިމުމުން، އެ ތަންތަނުގެ ޚިދުމަތް ރައްޔިތުންނަށް ކައުންސިލްތައް މެދުވެރިކޮށް ލިބިގެންދާނެކަމަށެވެ. މީގެ އިތުރުން ފެރީ ޓާމިނަލް ނޭޅި ހުރި ދިހަވަރަކަށް ރަށުގެ ފެރީ ޓާމިނަލް އެޅުމުގެ މަސައްކަތް އެމްޓީސީސީއާ ވާހަކަދައިގެން ކުރިއަށް ގެންދާނެ ކަމަށްވެސް، މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވިދާޅުވިއެވެ.
ރޭ ބޭއްވުނު މި ޚާއްޞަ ތަރާވީހުގައި މިނިސްޓްރީގެ ގިނަ ޢަދަދެއްގެ ދޭސީ އަދި ބިދޭސީ މުވައްޒަފުން ވެސް ބައިވެރިވެލެއްވިއެވެ.

