ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލައިފިއެވެ.
ހައިކޯޓުގެ ފަނޑިޔާރުގެ މަގާމު ހުސްވީ އެ ކޯޓުގެ އިސް ފަނޑިޔާރުކަން ކުރައްވަމުން ގެނދެވި ހުސައިން ޝަހީދު ސުޕްރީމް ކޯޓުގެ ފަނޑީޔާރު ކަމަށް ބުދަ ދުވަހު އައްޔަނު ކުރެއްވުމާއި ގުޅިގެންނެވެ. އެހެންކަމުން ޖޭއެސްސީން ވަނީ ފަނޑިޔާރު ކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވައިލައިފައެވެ. އަދި އިސް ފަނޑިޔާރު ކަމުގެ މަގާމަށް ކުރިމަތި ލުމަށް ހައި ކޯޓުގެ ފަނޑިޔާރުންނަށް ވެސް ވަނީ ހުޅުވާލައިފައެވެ.
ހައި ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފައިވަނީ އޭޕްރިލް މަހުގެ 10ގެ ހެނދުނު 10:00 ޖެހުމާއި ހަމައަށެވެ. އަދި އިސް ފަނޑިޔާރު ކަމުގެ މަގާމަށް ހުޅުވާލައިފައިވަނީ މިމަހުގެ 29ގެ މެންދުރު 12:33 ޖެހުމާއި ހަމައަށެވެ.
ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ:
- އުމުރުން 25 އަހަރު ފުރިފައިވުން
- އިސްލާމީ ޝަރީއާ، ނުވަތަ ގާނޫނުގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން
- ފަނޑިޔާރު ކަމުގައި ނުވަތަ ގާނޫނީ ވަކީލު ކަން ކުރުމުގައި ނުވަތަ މި ދެ ކަމުގައި މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން
ހައި ކޯޓަށް އިސް ފަނޑިޔާރަކު ހަމަޖެހެންދެން އެ ކޯޓުގެ ހިންގުން ވަގުތީ ގޮތުން، ފަނޑިޔާރު މުހައްމަދު ފައިސަލްއާ ވަނީ ހަވާލުކޮށްފައެވެ. ހައި ކޯޓުގެ އިސް ފަނޑިޔާރު ޝަހީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރީ ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގައި ހުންނެވި ހުސްނުއްސުއޫދު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. ސުއޫދު މަގާމުން އިސްތިއުފާ ދެއްވީ ސުޕްރީމް ކޯޓަށް ރައީސް މުހައްމަދު މުއިއްޒު ނުފޫޒު ފޯރުއްވަން މަސައްކަތް ކުރައްވާ ކަމަށް ތުހުމަތު ކުރެއްވުމަށް ފަހުއެވެ.

