މީގެ ގާތްގަނޑަކަށް 30 އަހަރު ކުރިން ތިލަފުއްޓަށް ކުނި ޖަމާކުރަން ފަށައި އުފެދިފައިވާ ކުނީގެ ބޮޑު ފަރުބަދަ ހުސްކޮށް، ޒަމާނީ ބަދަލުތަކާ އެކު އެ ސަރަހައްދު މެނޭޖު ކުރުމަށް ސަރުކާރުތަކުން އެކި ގޮތްގޮތުން މަސައްކަތްކޮށްފައި ވެއެވެ. އެގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިޔަށް ގެންދާ ގްރޭޓަރ މާލެ އެންވަޔަރަންމަންޓް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް މަޝްރޫޢު ފާހަގަކުރެވެ އެވެ.
މިއަދުގެ މެންދުރު ފަހު ތިލަފުއްޓަށް ވަޑައިގެން ރައީސް ވަނީ، ތިލަފުށީގެ އެ މަޝްރޫއު ކުރިޔަށް ދާ ގޮތް ބައްލަވާލައްވާފަ އެވެ. ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ އަމާޒަކީ، ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމުގެ ނިޒާމެއް ރާއްޖޭގައި ގާއިމުކުރުމެވެ.
އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި ޖަޕާން ފަންޑް ފޮރ ޕަވަޓީ ރިޑަކްޝަން (ޖޭއެފްޕީއާރު) ގެ އެހީގައި ދިވެހި ސަރުކާރުންވެސް ހަރަދުކޮށް ކުރިއަށް ގެންދާ މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހި އަމާޒު ކުރެވިފައި ވަނީ، މާލެ ސަރަހައްދާއި، އަދިވެސް އިތުރު ރަށްރަށުން ކުނި ނެގުމާއި، ކުނި އުފުލައި ނައްތާލުން ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށެވެ.
އެގޮތުން، ތިލަފުށީ ވޭސްޓް ރިސެޕްޝަން ފެސިލިޓީއަށް ހެޔޮ ބަދަލުތަކެއް ގެނައުމާއި، އައު ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތައް އެޅުމާއި، ޑިމޮލިޝަން ވޭސްޓް ޕްރޮސެސިން ޕްލާންޓެއްގެ އިތުރުން، ކުނީގެ ގޮތުގައި ބައު އުޅަނދުފަހަރު ނައްތާލުމަށް ހާއްސަ ޕްލާންޓެއް ތަރައްގީ ކުރުން ހިމެނެއެވެ. އަދި އެއް ރަށުން އަނެއް ރަށަށް ކުނި އުފުލުމަށް އައު އުޅަނދެއް ތަރައްގީ ކުރުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ.
މަޝްރޫއުގެ ދެވަނަ ފިޔަވަހީގައި ވޭސްޓް ޓު އެނާޖީ (ޑަބްލިއުޓީއީ) ޓެކްނޮލޮޖީ ނުވަތަ ކުނިން ހަކަތަ އުފެއްދުމުގެ ފަންނިއްޔާތު ތައާރަފުކޮށް، އެ ސަރަހައްދުގައި ދުވާލެއްގެ މައްޗަށް އުފެދޭ 774 ޓަނުގެ ކުނީގެ މައްސަލައަށް ހައްލު ހޯދުން ހިމެނެއެވެ. މި މަޝްރޫއުގެ އަމާޒަކީ، ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމަށް އާންމުންގެ ހޭލުންތެރިކަން އިތުރުކޮށް، ޓްރީޓްމަންޓާއި ރީސައިކަލް ކުރުމާއި ކުނި ނައްތާލުމުގެ އިންފްރާސްޓްރަކްޗަރ ރަނގަޅުކޮށް، ތިލަފުށީގެ ޒަމާންވީ ޑަމްޕްސައިޓް ނުވަތަ ކުނި ޖަމާކުރާ ސަރަޙައްދުގެ ތަޣައްޔަރުކަން ކުޑަކުރުމެވެ.
މި ޒިޔާރަތުގައި ރައީސް ވަނީ، ތިލަފުށީ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގެ މަސައްކަތްތައް ވެސް ބައްލަވާލައްވާފަ އެވެ. އެގޮތުން ގެނެވިފައިވާ ހެއު ބަދަލުތަކަށް ބަލާއިރު، ހުއްޓިފައި އޮތް ކުނި ބޭލިން ތައްޔާރު ކުރުމުގެ މަސައްކަތް އަލުން ފަށައި، ދުވާލެއްގެ މައްޗަށް މިހާރު 76 ބޭލްގެ ކުނި އުފައްދައެވެ. އަދި ޖާގައިގެ ބޭނުން އޭގެ ފުރިހަމަ ގޮތުގައި ހިފުމަށްޓަކައި، 991 ކުނި ބޭލް ވަނީ އެހެން ސަރަހައްދަކަށް ބަދަލުކުރެވިފައެވެ.
މީގެއިތުރުން ރިސޯޓްތަކުން އުފައްދާ ކުނި ޖަމާ ކުރާ ސަރަޙައްދަށް އުޅަނދުފަހަރު ހުސްކޮށް، އަނބުރާ ފޮނުވާލަން ހޭދަވާ ވަގުތު، 1 ދުވަހުން 1 ގަޑިއިރަށް ކުޑަކޮށް، ލޭންޑިންގް ކްރާފްޓް އޯފްލޯޑްކުރާ ސަރަޙައްދުގެ ކްލިއަރަންސްއަށް ހޭދަވާ ވަގުތު، 3 ދުވަހުން، 5 ގަޑިއިރަށް ވަނީ ކުޑަކުރެވިފައެވެ. މިއާއި އެކު އެޑްވާންސް ސަވައިލަންސް ސިސްޓަމްތަކާއެކު ފެސިލިޓީގެ ސެކިއުރިޓީ ވަނީ ވަރުގަދަކޮށްފައެވެ. އަދި ކުނިން ހަކަތަ އުފައްދާ ޕްލާންޓަށް ވަދެވޭ މަގުތައް ސާފުކުރުމަށް 6500 ޓަނުގެ ކުނި، ލޭންޑްފިލް ކަވަރގެ ގޮތުގައި އަލުން ވަނީ ބޭނުންކޮށްފައެވެ.
މީގެއިތުރުން ކުރިއަށް އޮތް 2 އަހަރަށް ކުނި މެނޭޖް ކުރުމަށް 5000 އަކަމީޓަރުގެ އައު ވޭސްޓް ސެލްއެއްވެސް ވަނީ ތަރައްޤީކޮށްފަ އެވެ.
މި މަޝްރޫއުތަކުގެ މަގްސަދަކީ ރާއްޖޭގެ ކުނި މެނޭޖްކުރުމަށާއި ތިމާވެށީގެ ރައްކާތެރިކަމަށް ހުރި ގޮންޖެހުންތަކަށް ޙައްލު ހޯދައި، މޫސުމީ ކުއްލި ނުރައްކަލުގެ ހިރާސް ކުޑަކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި، ދެމެހެއްޓެނިވި، ހަރުދަނާ ގޮތެއްގައި ސާބިތުވުމެވެ.

