މި އަހަރުގެ ފިތުރު އީދު ދުވަހުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އީދު ސަލާމް ކުރެވުން އީދު ދުވަހު ހެނދުނު މުލިއާގޭގައި ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.
ރައީސް އޮފީހުން ވަނީ އީދު ދުވަހު ރައީސްގެ ދެކަނބަލުން އީދު ސަލާމް ކުރައްވާނެ ވަގުތާއި އަދި ތަނުގެ ތަފްސީލްތައް ހާމަކޮށްފައެވެ. ރައީސް ޑރ. މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު އާންމުންނާއި އީދު ސަލާމް ކުރެއްވުން ހަމަޖެހިފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، މުލިއާގޭގައެވެ.
އީދު ދުވަހުގެ ހެނދުނު 9:00 އަކުން 11:00 ޖެހުމާއި ހަމައަށް ސަލާމް ކުރުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު މުލިއާ ގެއަށް ވަދެވޭނީ މެދުޒިޔާރާތް މަގަށް ހުންނަ މުލިއާގެ މައި ގޭޓުންނެވެ.
އީދު ސަލާމް ކުރުމަށް ދައުލަތުގެ ވެރިންނާއި، ސަރުކާރުގެ ކުންފުނިތަކުގެ ވެރިންނާއި، ޑިޕްލޮމެޓުންނާއި، އަމިއްލަ ކުންފުނިތަކާއި އެކި ޖަމިއްޔާ ޖަމާއަތްތަކުގެ މަންދޫބުންނާއި ކުދި ބޮޑު އެންމެހާ ރައްޔިތުންނަށް ވަނީ ދައުވަތު ދެއްވާފައެވެ.
މިދިޔަ އަހަރުގެ ފިތުރު އީދު ދުވަހު ވެސް ރައީސްގެ ދެކަނބަލުން އީދު ސަލާމް ކުރެއްވުން ބޭއްވީ މުލިއާގޭގައެވެ. އެ ފަހަރު ގަޑިއިރަކަށް އީދު ސަލާމްކުރެއްވުން ބޭއްވިއިރު މި ފަހަރު އީދު ސަލާމްކުރެއްވުން ބާއްވަނީ ދެ ގަޑިއިރަށެވެ.

