ކ. ތިލަފުށީގެ ކުނިން ހަކަތަ އުފައްދާ ޕްލާންޓުގެ މަސައްކަތް ނިމި، އަންނަ އަހަރު އޮޕަރޭޝަނަށް ގެނެވޭނެކަމަށް ޓޫރިޒަމް އެންޑް އެންވައިރޮމެންޓް މިނިސްޓަރ ތާރިގް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ މިފަދައިން ވިދާޅުވީ ގްރޭޓަރ މާލެ އެންވައިރޮމެންޓް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް މަޝްރޫއުގެ މަސައްކަތްތައް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ތިލަފުއްޓަށް ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.
ސަރުކާރު އުފެދިގެން އައިއިރު، ތިލަފުށީގެ މަޝްރޫއުތައް ހުރީ މަޑުޖެހިފައި ނަމެސް ހަރުދަނާ ފިޔަވަޅުތައް އަޅައި މަސައްކަތުގެ ސްޕީޑު އަވަސްވެފައިވާކަމަށް މިނިސްޓަރ ވިދާޅުވި އެވެ. ތާރިގު ވިދާޅުވީ ތިލަފުށީގައި ގާއިމު ކުރާ ކުނިން ހަކަތަ އުފައްދާ ނިޒާމުން ދުވާލަކު 500 ޓަނުގެ ކުނި އެންދޭނެކަމަށެވެ. މިނިސްޓަރ ލަފާ ކުރައްވާ ގޮތުގައި އެ އަންދާ ކުނިން 13 މެގަވޮޓްގެ ހަކަތަ އުފެއްދޭނެކަމަށް ބެލެވެއެވެ.
މީގެތެރެއިން 10 މެގަވޮޓް މާލެ ސަރަހައްދުގެ ގްރިޑަށް އިތުރުކޮށް، ބާކީ 3 މެގަވޮޓް ބޭނުން ކުރުމަށް ހަމަޖެހިފައި ވަނީ ތިލަފުށީގަ އެވެ. ފޭސް ދޭއްގެ އިންސިނިރޭޓަރ މަޝްރޫއުއަށް ހަރުވަނެކަމަށް ބެލެވެނީ 145 މިިލިއަން ޑޮލަރެވެ.
މި މަސައްކަތް އަންނަ އަހަރުގެ ފަހުކޮޅު ނިންމާލެވޭނެކަން ފާހަގަކޮށް މިނިސްޓަރ ވިދާޅުވީ ރައީސް މުއިއްޒުގެ އިރުޝާދަކީ މަސައްކަތް މިހާރު ކުރިޔަށް ގެންދާ ސްޕީޑު ވެސް އަވަސް ކުރުމަށް ކަމަށެވެ.
މީގެއިތުރުން މިނިސްޓަރ ވިދާޅުވީ މުޅި ރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ގިނަ ފިޔަވަޅުތައް އަޅާފައިވާކަމަށެވެ. އަދި މާލެއާއި ރީޖަނަލް ސެންޓަރުތައް ހިމެނޭ ގޮތަށް ކުނި މެނޭޖު ކުރުމުގެ ނިޒާމާއި ގުޅޭގޮތުން މަސައްކަތްތައް ކުރެވެމުންދާކަން ފާހަގަކުރެއްވި އެވެ.
ތިލަފުށީގައި ރައްކާތެރި ގޮތުގައި ކުނި މެނޭޖު ކުރުމަށް އެބަ މަސައްކަތް ކުރަން.. ހާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން މި ޕްރޮޖެކްޓު… އޭޑީބީގެ މި ޕްރޮޖެކްޓު ވެސް އިތުރަށް ހަލުވި ވެގެން ދިޔައީ..
އޭޑީބީ އާއި ޖަޕާން ފަންޑް ފޮރ ޕަވަޓީ ރިޑަކްޝަން (ޖޭއެފްޕީއާރު) ގެ އެހީގައި ދިވެހި ސަރުކާރުންވެސް ހަރަދުކޮށް ކުރިއަށް ގެންދާ މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހި އަމާޒު ކުރެވިފައި ވަނީ، މާލެ ސަރަހައްދާއި، އަދިވެސް އިތުރު ރަށްރަށުން ކުނި ނެގުމާއި، ކުނި އުފުލައި ނައްތާލުން ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށެވެ.
އެގޮތުން، ތިލަފުށީ ވޭސްޓް ރިސެޕްޝަން ފެސިލިޓީއަށް ހެޔޮ ބަދަލުތަކެއް ގެނައުމާއި، އައު ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތައް އެޅުމާއި، ޑިމޮލިޝަން ވޭސްޓް ޕްރޮސެސިން ޕްލާންޓެއްގެ އިތުރުން، ކުނީގެ ގޮތުގައި ބައު އުޅަނދުފަހަރު ނައްތާލުމަށް ހާއްސަ ޕްލާންޓެއް ތަރައްގީ ކުރުން ހިމެނެއެވެ. އަދި އެއް ރަށުން އަނެއް ރަށަށް ކުނި އުފުލުމަށް އައު އުޅަނދެއް ތަރައްގީ ކުރުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ.
މަޝްރޫއުގެ ދެވަނަ ފިޔަވަހީގައި ވޭސްޓް ޓު އެނާޖީ (ޑަބްލިއުޓީއީ) ޓެކްނޮލޮޖީ ނުވަތަ ކުނިން ހަކަތަ އުފެއްދުމުގެ ފަންނިއްޔާތު ތައާރަފުކޮށް، އެ ސަރަހައްދުގައި ދުވާލެއްގެ މައްޗަށް އުފެދޭ 774 ޓަނުގެ ކުނީގެ މައްސަލައަށް ހައްލު ހޯދުން ހިމެނެއެވެ. މި މަޝްރޫއުގެ އަމާޒަކީ، ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމަށް އާންމުންގެ ހޭލުންތެރިކަން އިތުރުކޮށް، ޓްރީޓްމަންޓާއި ރީސައިކަލް ކުރުމާއި ކުނި ނައްތާލުމުގެ އިންފްރާސްޓްރަކްޗަރ ރަނގަޅުކޮށް، ތިލަފުށީގެ ޒަމާންވީ ޑަމްޕްސައިޓް ނުވަތަ ކުނި ޖަމާކުރާ ސަރަޙައްދުގެ ތަޣައްޔަރުކަން ކުޑަކުރުމެވެ.

