އިމިގްރޭޝަންގެ ޑިޓެންޝަނަށް ގެންދިޔަ ބިދޭސީ މީހާ ދޫކޮށްލުމަށް ފަހު، އޭނާގެ އަތުން ފެނުނު 530،000ރ. ހިފައިގެން އިމިގްރޭޝަންގެ އޮފިސަރުން ދިޔައީ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު ޝަމްއާން ވަހީދުގެ ގެއަށް ކަމަށް ތަހުގީގުން އެނގޭ ކަމަށް ފުލުހުންގެ ބުނެފިއެވެ.
އިމިގްރޭޝަންގައި ހިނގާފަިވާ ކޮރަޕްޝަންގެ މައްސަލަތަކެއް ފެންމަތިވެ، އިމިގްރޭޝަން ކޮންޓްރޯލަރގެ މަގާމުގައި ހުރި ޝަމްއާން އޭނާގެ މަގާމުން ރޭގެވަގުތެއްގައި ވަނީ ވަކިކޮށްފައެވެ. މިމައްސަލަތައް ފެންމަތިވެފައިވަނީ މިކަމާއި ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިމިގްރޭޝަންގެ މުވައްޒަފުންތަކެއް މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ބިދޭސީންތަކެއް އުޅޭ ގެއެއް ބަލައި ފާސްކޮށް ނަގުދު ފައިސާއާ އެކު އެ ބިދޭސީންތައް ގެންދިޔަ ކަމުގެ މައުލޫމާތު ތަހުގީގަށް ލިބިފައިވާ ކަމަށެވެ.
ފުލުހުން ބުނެފައިވަނީ އެ އޮޕަރޭޝަން ހިންގީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި ޑިޓެއިން ކުރުމުގެ ޒިންމާ އިމިގްރޭޝަނުން އަދާކުރާ ޓާސްކް ފޯސް އަދި ރިސްކު މެނޭޖުމަންޓްގެ މުވައްޒަފުން ފިޔަވައި އެ އިދާރާގެ އެހެން ސެކްޝަންތަކުގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް ކަމަށެވެ. އެއީ އެ މުވައްޒަފުންގެ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ހިންގި އޮޕަރޭޝަނެއް ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ވަނީ ބުނެފައެވެ.
އެ ބިދޭސީންތަކުގެ ތެރެއިން 530،000ރ. އާ އެކު ޑިޓެންޝަނަށް ގެންދިޔަ ބިދޭސީއަކު އޭރުގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާންގެ އަމުރަށް އޭގެ އެއް ދުވަސް ފަހުން ދަންވަރުގެ ވަގުތެއްގައި ދޫކޮށްލި ކަމަށް ބަޔާޏުގައި ވަނީ ބުނެފައެވެ. އަދި ބިދޭސީން އުޅުނު ގެ ބަލައި ފާސްކުރި އިމިގްރޭޝަންގެ މުވައްޒަފުން ޑިޓެއިނުން ދޫކޮށްލި ބިދޭސީމީހާއާ މަގުމަތިން ބައްދަލުކޮށް އެ ފައިސާ ހިފައިގެން ގޮސް ވަނީ ޝަމްއާން ދިރިއުޅޭ އިމާރާތަށް ކަން ވެސް ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ޝަމްއާން ދިރިއުޅޭ ގެ ފާސްކޮށް ގިނަ އަދަދެއްގެ ފައިސާ އާއި އިލެކްޓްރޯނިކް ސާމާނުތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފަ އެވެ. އަދި ކޯޓު އަމުރެއްގެ ދަށުން ތިން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުންގެ ބަޔާނުގައި ވަނީ ބުނެފައެވެ. އަދި މި މައްސަލަތަކާ ގުޅިގެން ކޯޓު އަމުރުގެ ދަށުން 5 މީހުން ހުއްޓުވައި ބަލައި ފާސްކޮށް އެ މީހުންގެ އަތުން އިލެކްޓްރޯނިކް ސާމާނުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވާ ކަމަށްވެސް ބަޔާނުގައި ވަނީ ބުނެފައެވެ.
މި މައްސަލާގައި ޝަމްއާން ކުއްލި ގޮތަކަށް މަގާމުން ވަކިކޮށް ރޭ ދަންވަރު އިމިގްރޭޝަން ކޮންޓްރޯލަރަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު ފަަސީހު އައްޔަނުކޮށްފައެވެ.

