ކީރިތި ރަސޫލާގެ ރިސާލަތުގެ އެންމެ މާތް އަދި މަތިވެރި ސިފައަކީ ރިވެތި އަހްލާގު ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ކޮންގްރެސް ޕާޓީގެ އިހްޔާ ފޯރަމްގައި ޤުރުއާނާއި އިޖްތިމާއީ އަހްލާގާއި ގުޅޭގޮތުން މިނިސްޓަރ ޝަހީމް ވިދާޅުވީ ކީރިތި ރަސޫލާގެ މުޅި ރިސާލަތު ސިފަކުރައްވާ މާތްﷲ ވަހީކުރައްވާފައިވަނީ އާލަމް ތަކަށް ތަހްމަތެއް ކަމުގައި މެނުވީ ތިމަންރަސްކަލާންގެ ކަލޭގެފާނު ނުފޮނުވާ ކަމަށެވެ. މި ރަހްމަތުގެ ސިފަ އެއީ ރިވެތި އަހްލާގުގެ އެންމެ މަތީ ސިފަ ކަމަށް ޝަހީމް ވިދާޅުވިއެވެ. ޝަހީމް ވިދާޅުވީ ރަސޫލާގެ ޝަހްސިއްޔަތުގެ ”އައިޑެންޓިޓީއަކީ“ ރިވެތި އަހްލާގު ކަމަށެވެ.
ކީރިތި ރަސޫލާގެ ރިސާލަތުގެ އެންމެ މާތް އަދި މަތިވެރި ސިފައަކީ ރިވެތި އަހްލާގު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ކީރިތި ރަސޫލާގެ ހަދީޘް ބަސްފުޅެއްގައި އަހްލާގައި ގުޅިގެން ވިދާޅުވެފައިވަނީ ”ތިމަންކަލޭގެ ފާނުގައި އަހްލާގު ރަސޫލު ކަމައިގެން ފޮނުއްވިގެންވާ ކަން ކަށަވަރީ ރިވެތި އަހްލާގު ފުރިހަމަ ކުރެއްވުމަށްޓަކައި“ ކަމަށް ޝަހީމް ވިދާޅުވިއެވެ. ޝަހީމް ވިދާޅުވީ ރިވެތިއަހުލާގުގެ ތެރޭގައި ހމެނޭ އެންމެ މަތީ ސިފައަކި އެއްބައިވަންތަކަމުގެ ސިފަ ކަމަށެވެ. އަދި އެއްބައި ވަންތަ ކަމާއި، އެއްބައެއް ވަންތަ ކަމާއި އަހުވަންތަ ކަމުގެ ސިފަ ކަމަށް ޝަހީމް ފާހަގަކުރެއްވިއެވެ.
”ކީރިތި ޤުރުއާނުގައި މާތްﷲ ވަހީ ކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވަނީ މި އުންމަތަކީ އެއްބައިވަންތަ އުންމަތެކެވެ. އެއްބައެއް ވަންތަ އުންމަތެކެވެ. އަހުވަންތަ އުންމަތެކެވެ. މުއުމިނުންވާކަން ކަށަވަރީ އަހުންތަކެއް ކަމުގައެވެ. އިސްލާމްދީނުގެ ރުކުންތަކާއި ބޮޑެތި އަޅުކަންތައް ތަރުތީބު ކުރެވިފައިވާ އަސްލުތަކަށް އަޅުގަނޑުމެން ބަލާއިރުގައި އެއްބައިވަންތަ ކަމުގެ މިސާލުތައް އެ އަޅުގަނޑުމެންނަށް އެއިން ފެނޭ“
އިޖުތިމާއީ އެކުވެރިކަމުގެ ސިފަތައް ދީނުގެ އަޅުކަންތަކުން ފެންނަ ކަަމަށް މިނިސްޓަރ ޝަހީމް ވިދާޅުވިއެވެ. ނަމާދުގެ ހުކުމް ތަކަށް ބަލާއިރުވެސް އަދި ރަސޫލާގެ ހަދީޘްފުޅުންވެސް އެނގޭ ކަމަކީ އެކަނި ކުރާ ނަމާދަށްވުރެން ޖަމާއަތުގައި ކުރާ ނަމާދުގައި 27 ދަރަޖަ އިތުރުވެގެންވާ ކަން ކަމަށް ޝަހީމް ވިދާޅުވިއެވެ.
”މީން ރަމްޒު ކޮށްދެނީ އުންމަތުގެ އެއްބައިވަންތަކަން ތަރުތީބު ވެފައިވާ ގޮތް. އެޖަމާއަތް ރެޔާއި ދުވާލު ތަކުރާރު ވަމުންދޭ. އެއް ތަނަކުން މުސްލިމުންގެ ޖަމާއަތުގެ މެމްބަރުން ބަދަލުވެ އަދި މި ޖަމާއަތް ހަފްތާއަކު އެއަށްވުރެ ބޮޑުކޮށް ބޭއްވޭ. އެއީ ހުކުރުގެ ޖަމާއަތް. އަދި މިޖަމާއަތް އަހަރަކު ދެފަހަރު އެއަށްވުރެ ބޮޑުކޮށް ބޭއްވޭ. އެއީ އީދުގެ ޖަމާއަތް. ޟިން ކޮންމެ ޖަމާއަތަކަށް ހާޒިރުވާ މެމްބަރުން އެއް ޖަމާއަތަކަށްވުރެ އަނެއް ޖަމާއަތް އިތުރު. އެއް ޖަމާއަތަށްވުރެ އަނެއް ޖަމާއަތް ބޮޑު. އަދި މިޖަމާއަތް އަހަރަކު އެއްފަހަރު އަރަފާތު ބިމުގައި އެއްވޭ“
އެހެންކަމުން ޖަމާއީ ތަރުތީބުތަކަށް ބަލާއިރުވެސް އެއްބައި ވަންތަކަމާއި އެއްބައެއް ވަންތަކަމާއި އަހުވަންތަކަމަށް ދެއްވާފައިވާ މަތިވެރިކަން ފެނިގެން ދާ ކަމަށް ޝަހީމް ވިދާޅުވޮިއެވެ. އަދި މީގެއިތުރަށް ރޯދައި ހުކުމް ތަކަށް ބެލިޔަސް ހަމަ ފާހަގަވެގެން ދަނީ މިފަދަ ކަންކަން ކަމަސް ވިދާޅުވިއެވެ.

