ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ އާތު އަވަރ ހޮނިހިރު ދުވަހުރެގޭ ކުރިއަށްދާނެކަމަށް އެންވަޔރމަންޓް މިނިސްޓްރީން ބުނެފިއެވެ.
މިނިސްޓްރީން ބުނީ، އާތު އަވަރ ފާހަގަކުރުމަށް އެއްގަޑިއިރު ވަންދެން ލައިޓުތައް ނިއްވާލުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން މިއަހަރު އާތު އަވަރ ގޮތުގައި ރާއްޖޭގައި ފާހަގަކުރަނީ ހޮނިހިރު ދުވަހުގެރޭ 21:45 އިން 22:45 އަށެވެ.
މިއީ މޫސުމަށް އަންނަމުންދާ ބަދަލުތަކާ މެދު އިންސާނުންގެ ހޭލުންތެރިކަން އިތުރުކުރުމާ އެކު، ތިމާވެށްޓާ ރައްޓެހި ދިރިއުޅުމުގެ ވައްޓަފާޅިއަކަށް ދިޔުމަށް ހިތްވަރު ދިނުމަށް ފާހަގަކުރާ ވަގުތުކޮޅެކެވެ.
އެންވަޔަރަނަމަންޓް މިނިސްޓްރީން ވަނީ އާތު އަވަރ ފާހަގަކުރުމަށް އާންމުންނާއި ވިޔަފާރި ކުންފުނިތަކާއި އެކިއެކި މަދަނީ ޖަމިއްޔާތަކުން ބައިވެރިވުމަށް އެދިފައެވެ. އެހެންކަމުން އެ ވަގުތު ތެރޭގައި ކޮންމެހެން ބޭނުންކުރަންޖެހޭ ތަކެތި ފިޔަވައި އެހެން ހުރިހާ ތަކެތި ނިއްވާލަން މިނިސްޓްރީން އެދެ އެވެ.
މީގެ އިތުރުން، ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ޙިމާޔަތްކޮށް، ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާއި އެ ބަދަލުތަކުގެ ސަބަބުން ނެތިގެންދާ ދިރުންތަކާއި، މާޙައުލީ ބަދަލުތަކަށް ހޭލުންތެރިކުރުވުމަށް ކުރާ މިމަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް އެންމެން އެކުގައި މި ޙަރަކާތުގައި ބައިވެރިވުމަކީ މުހިއްމުކަމެއްކަމަށްވެސް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
އެންމެ ފުރަތަމަ ”އާރތު އަވަރ“ ފާހަގަކޮށްފައިވަނީ 2007 ވަނަ އަހަރު އޮސްޓްރޭލިއާގެ ސިޑްނީގައެވެ.

