ރާއްޖެއަށް ކަނޑުމަގުން މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރި ބަޔަކު ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 10 މީހަކު ހައްޔަރުކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ އިންޑިއާގެ 7 މީހަކާއި، އިންޑޮނޭޝިއާއަށް ނިސްބަތްވާ 3 މީހެކެވެ.
އެމީހުންގެ މައްޗަށް ތުހުމަތު ކުރެވެނީ ކަނޑުބޯޓެއްގައި މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރިކަމަށެވެ. އެގޮތުން އެމީހުން ތިބި ބޯޓުން 7 ކިލޯގެ މަސްތުވާތަކެތި ފެނިފައިވެއެވެ.
މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން ބައެއް މީހުންނަށް ތަރުޖަމާނެއްގެ އެހީތެރިކަން ބޭނުންވާކަމަށް ބުނެފައިވާތީއާއި ބައެއް މީހުން ވަކީލެއްގެ ފުރުސަތު ބޭނުންވާތީ އެމީހުން ބަންދުކޮށްފައިވަނީ ކުރު މުއްދަތަކަށެވެ. އެހެންކަމުން އެ މުއްދަތު ހަމަވުމުން ދެން ބަންދާމެދު ގޮތެއް ނިންމާއިރު، ކުރިއަށްދާނެކަމަށް ބެލެވެނީ ވަކީލުން އަދި ތަރުޖަމާނުންނާ އެކުގައެވެ.
އެމީހުން ބަންދުކުރުމަށް އަމުރުކޮށްފައިވަނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލާފައެވެ. އެގޮތުން އެމީހުންގެ މައްޗަށް ތުހުމަތު ކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކިވެސް ހުށަހެޅިފައިވެއެވެ. އަދި މި މައްސަލައިގައި ހިމެނޭ މީހުން ތިބި ބޯޓުން 7 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާކަމަށް ސީނަށް ދިޔަ ފުލުހުންގެ ބަޔާނުންވެސް އެނގޭކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.
ކްރިމިނަލް ކޯޓުގައި މި އަމުރު ނެރުއްވީ ގާޒީ އިސްމާއިލް ޝަފީއުއެވެ.

