ޖުޑިޝަރީއަށް އެއްވެސް ނުފޫޒެއް ނުފޯރުވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް އެމަނިކުފާނު ވަނީ ފަނޑިޔާރުން ސަސްޕެންޑު ކުރައްވައި ކޯޓުގައި ތަޅު އަޅުއްވާފައިކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަޙުމަދު ދީދީ ވިދާޅުވެއްޖެއެވެ.
ދީދީ މިފަދައިން ވިދާޅުވީ ސުލޫކީ މައްސަލަތަކެއްގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑުކޮށްފައިވާ މައްސަލައިގައި ސަންގުޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.
ވެރިކަމުގެ ހުވާ ކުރެއްވުމަށް ފަހު ގައުމާއި މުހާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގެ ތެރެއިން މިއަދާއި ހަމައަށް ވެސް ތަކުރާރު ކުރައްވަމުން ދަނީ ޖުޑިޝަރީއަށް އޮތް މިނިވަންކަމުގެ ވާހަކަތައްކަމަށް ދީދީ ވިދާޅުވި އެވެ. އެ ދުވަހުގެ ރަސްމިއްޔާތުން ރައްޔިތުންގެ ހަނދާނުގައި ހަރުލާފައި ހުރި، އެއް ވާހަކައަކީ ވެސް އެއީކަން ފާހަގަކުރައްވައި ދީދީ އެމަނިކުފާނުގެ ވިދާޅުވީ ބަހާއި އަމަލު ދިމާވިތޯ ރައްޔިތުން ވިސްނާލަން ޖެހޭކަމަށެވެ.
ދީދީ ވިދާޅުވީ ކޯޓުތަކަށް އަތް ބޭނުން ހުއްޓުނީކަމަށް ތަކުރާރުކޮށް ވިދާޅުވި ރައީސް އަމަލު ކުރެއްވި ގޮތަކީ މައްސަލައެއްގެ މެދުތެރެއިން ޝަރީއަތް ހުއްޓުވުމަށް ފަނޑިޔާރުން ސަސްޕެންޑުކޮށް ވަކި ކުރާނެކަމުގެ ބިރު ދެއްކުން ކަމަށެވެ.
ދީދީ ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑުކޮށްފައި ވަނީ، ގަނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ ކައިރި މުސްތަގުބަލެއްގައި ވެސް ބެލޭނެ ގޮތަކަށް ނޫންކަމަށެވެ. އެގޮތުން ދުސްތޫރީ މައްސަލައެއް ބެލެން އޮތީ ފުލް ބެންޗަށް ނުވަތަ އޮނަހިރި އަދަދެއް ހަމަވާ ގޮތަށް ފަސް ފަނޑިޔަރުންނަށް ނަމަވެސް ފަނޑިޔާރުން ސަސްޕްންޑުކޮށްފައި ވަނީ ވެސް އެ އަދަދު ވެސް ހަމަ ނުވާގޮތަށްކަމުގައި ދީދީ ވިދާޅުވި އެވެ.
އަޅުގަނޑުމެންގެ މަގުމަތީ ބަހުން ބުނާނަމަ ޖުޑިޝަރީ މިހާރު ވަނީ ފުނޑާލާފައި.. ސުޕްރީމް ކޯޓުން އެއީ ހަގީގަތަކީ.. ހުށަހެޅިފައި އޮތް މައްސަލަ ވެސް ނުބެލޭ ގޮތަށް ސަސްޕެންޑުކޮށްފައި އެއޮތީ.. ފުލް ބެންޗުން ބަލާ މައްސަލައެއް.. ފުލް ބެންޗުން ބަލާ މައްސަލައެއް ވެއްޖެއްޔާ ސުޕްރީމް ކޯޓުގެ ގާނޫނުގެ މި އިންނަ ގޮތުން ވެއްޖެއްޔާ އޮނިހިރު އަދަދަކަށް ވާން ޖެހޭ ބެންޗު.. އޮނިހިރު އަދަދު ހަމަ ނުވާ ގޮތަށް، ތިން ފަނޑިޔާރުން ސަސްޕެންޑުކޮށް މުޅި ޖުޑިޝަރީ ޕެރެލައިޒްކޮށްފައި އެއޮތީ.. އެއީ ފެންނަން އޮތް ހަގީގަތަކީ..
ދީދީ ވިދާޅުވީ ސަރުކާރުން ކޯޓުތަކަށް އެއްވެސް ނުފޫޒެއް ނެތްކަމަށް ތަކުރާރު ކުރިޔަސް ފެންނަން އޮތް ހަގީގަތަކީ މުޅި ދާއިރާ އެއްކޮށް ޕެރަލައިޒްކޮށް ތަޅު އަޅުވާފައިވާ މަންޒަރު ކަމަށެވެ.
ދީދީ ވިދާޅުވީ މި ހުރިހާ މައްސަލައެއް ވެސް ދިމާވީ، ގާނޫނުއަސާސީއަށް ގެނައީ ބާތިލު އިސްލާހެއްކަމަށް ކަނޑައަޅައިދޭން އެދި ކޯޓަށް ދިއުމެވެ. އަދި އެއީ ކުރިޔަށް ގެންދެވޭނެ މައްސަލައެއްކަމަށް ނިންމުމުން، ސަރުކާރުން ކޯޓަށް ނުފޫޒު ފޯރުވުމަށް ބޭނުންވީކަމަށް ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ސަސްޕެންޑު ކުރުމުން ހުސްނުއްސުއޫދު ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އަދި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ މައްޗަށް ކުރާ ތުހުމަތުތަކާއި ގުޅުވައި ދެ ފަހަރެއްގެ މަތީން ޖުޑިޝަލް ސާވިސް ކޮމިޝަނަށް ވަނީ ހާޒިރުކޮށްފަ އެވެ.
ކޯޓުގައި ހިނގަމުންދާ މައްސަލައަށް ސަރުކާރުން ނުފޫޒު ފޯރުވާފައިވާކަމަށް އެ ތިން ބޭފުޅުން ވެސް ވަނީ ވިދާޅުވެފަ އެވެ.

