މި އަހަރުގެ ތެރޭގައި ދަރަނީގެ ގޮތުގައި ދައްކަންޖެހޭ އަދަދު ދެއްކުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭތަން ފެނިގެންނުދާކަމަށާއި މަސައްކަތްކުރަމުންދަނީ ދައުރު ނިމޭ ހިސާބަށް ފަސްކުރުމަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ރާއްޖޭގެ ދަރަނީގެ މައްސަލައާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މެމްބަރު ޝަމްހީދު ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުގައި ދައުރުގެ ފަހުކޮޅު އިންތިހާބީ އަހަރެއްގައި ރިފޯމް އެޖެންޑާއެއްގެ މަތިން ދަރަނި ދެއްކުމަށްޓަކައި ޓެކްސް ބޮޑުކުރި މަންޒަރު ފެނިގެންގޮސްފައިވާނެކަމަށެވެ. އަދި އޭގެ އިތުރުން ސަރުކާރު ބަދަލުވެގެންދިޔައީ ހަރަދު ކުޑަކުރުމުގެ ޕްލޭނެއް ބަޖެޓުގައި ހިމެނައިގެން 2024 ވަނަ އަހަރު އެ މަސައްކަތްތައް ފެށުމަށް ތައްޔާރުވެފައިވަނިކޮށްކަން ފާހަގަކުރެއްވިއެވެ.
ޝަމްހީދު ވިދާޅުވީ، ދަރަނި ދެއްކުމަށްޓަކައި ގިނަ އަދަދެއްގެ ފައިސާ ސަރުކާރަށް ހަރަދުކުރަންޖެހިފައިވާ ވާހަކަ ދައްކަމުންދާ އަޑުއިވިގެންދާނެކަމަށެވެ. ނަމަވެސް ފިނޭންސް މިނިސްޓްރީން އާންމުކުރާ ތަފާސްހިސާބުތަކަށް ބަލުމުން 2023 ވަނަ އަހަރުގެ ތެރޭގައި ދަރަނި ދެއްކުމަށްޓަކައި ހަރަދުކުރި އަދަދުވެސް 2024 ވަނަ އަހަރުގެ ތެރޭގައި ހަރަދުކޮށްފައިނުވާކަން ސާފުވެގެންދާނެކަމަށެވެ.
އެހެންކަމުން އިތުރު ފައިސާތަކެއް އަދި ދައްކާފައިނުވާކަން އެނގޭކަމަށާއި މި އަހަރުގެ ތެރޭގައިވެސް ދަރަނި އިތުރަށް ދެއްކުމުގެ އެއްވެސް ވިސްނުމެއް އަދި ސަރުކާރުން ނުގެންގުޅޭކަމަށް ހިއްސާކުރެއްވިއެވެ. މެމްބަރު ވިދާޅުވީ، ސަރުކާރުން ގެންގުޅޭ ވިސްނުމަކީ 4 އަހަރު ފަހަތަށް މި ދައުރު ނިމޭ ހިސާބަށް ހުރި ދަރަނިތައް ދެއްކުމުގެ މުއްދަތު ފަސްކުރުންކަމަށެވެ. އެގޮތުން ސަރުކާރުން މަސައްކަތްކުރަމުންދަނީ ގައުމުތަކާއި ވާހަކަދައްކައިގެން ދަރަނިތައް ފަސްކުރުމަށްކަމަށާއި ކޮންމެހެން ދައްކަން ޖެހޭ ދަރަނިތައް ނޫނީ ދެއްކުމުގެ ވިސްނުން އަދި ނުގެންގުޅޭކަމަށް އަލިއެޅުއްވިއެވެ.
ޝަމްހީދު ވިދާޅުވީ، މުޅިންވެސް ގެންގުޅެމުންދަނީ ކިރިޔާވެސް މިވަގުތު ނުދައްކާ ވާއެއްޗެއް ލަސްކޮށްލުމުގެ ވިސްނުންކަމަށެވެ. އެހެންކަމުން އެއީ ރާއްޖެއަށް ކުރިމަތިވެފައިވާ މައްސަލަތަކުން އަރައިގަތުމަށް އޮތް ހައްލެއްކަމަށް ދެކިވަޑައިނުގަންނަވާކަމަށާއި ފަސްކުރަމުންދިޔަނަމަވެސް ކޮންމެވެސް އެއް ހިސާބަކުން އެ ފައިސާއަކީ ދައްކަންޖެހޭނެ އެއްޗެއްކަމަށް ވިދާޅުވިއެވެ. ޝަމްހީދު ވިދާޅުވީ، އެންމެ ރަނގަޅު ގޮތަކީ މިއަހަރު ދައްކަން ހުރި ފައިސާއެއް މިއަދުވެސް ދެއްކުންކަމަށާއި ނަމަވެސް މިދިޔަ އަހަރުގެ ތެރޭގައިވެސް ދައްކަން ބަޖެޓުކުރެވިފައި އޮތް އަދަދުވެސް ނުދައްކާ ފަސްކޮށްލިތަން ފެނިފައިވާކަމަށް އިޝާރާތްކުރެއްވިއެވެ.

