އިޒްރޭލުން ލުބުނާނަށް އަމާޒުކޮށް ވައިގެ ޙަމަލާތަކެއް ދީފިއެވެ.
އަލްޖަޒީރާގައި ރިޕޯޓު ކޮށްފައިވާ ގޮތުން އިޒްރޭލުން ވަނީ ލުބުނާނުގައި ޙަރަކާތްތެރިވާ ހިޒްބުﷲ ޖަމާއަތުގެ އަސްކަރީ ޓާގެޓުތަކަށް ކަމަށް ބުނެ ވައިގެ ޙަމަލާތައް އެ ޤައުމަށް އަމާޒުކޮށް ފޮނުވާލާފައެވެ. އެގޮތުން މި ޙަމަލާތައް ފޮނުވާލާފައިވަނީ އެ ޤައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޯޑަރަކަށެވެ.
އިޒްރޭލުން ބުނާ ގޮތުގައި މިއީ އިޒްރޭލުގެ އުތުރުގެ ހިސާބުތަކަށް ދާދި ފަހުން ފޮނުވާލި ރޮކެޓު ޙަމަލާތަކެއްގެ ބަދަލު ހިފުމުގެ ގޮތުން އެ ޤައުމުން ދިން ބަދަލު ޙަމަލާތަކެކެވެ. ނަމަވެސް އިޒްރޭލަށް އަމާޒުވި މި ޙަމަލާތަކުގެ ޒިންމާ މިހާ ހިސާބަށް އެއްވެސް ބަޔަކު ނަގާފައެއް ނުވެއެވެ.
އިޒްރޭލުން ދިން މި ޙަމަލާ ކުށްވެރިކޮށް މިހާރު ލުބުނާންގެ ރައީސް އޮފީހުން ވަނީ ބަޔާނެއްވެސް ނެރެފައެވެ. އެގޮތުން ލުބުނާން ބަލިކަށިކޮށްލުމަށް ކުރާ މަސައްކަތް ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށް މި ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މީގެ ކުރިންވެސް އިޒްރޭލުން ވަނީ އެކި ފަހަރުމަތިން ލުބުނާނަށް އަމާޒުކޮށް އެކި ވަރުގެ ޙަމަލާތައް ދީފައެވެ.

