ގަވައިދާ ހިލާފަށް އިމިގްރޭޝަންގެ އޮފިސަރުންތަކެއް ހިންގި އޮޕަރޭޝަނެއްގައި ބިދޭސީންތަކެއްގެ އަތުން ނާޖާއިޒް މަންފާ ހޯދި މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ވަނަވަރު އާންމުކޮށްފި އެވެ.
ކުރީގެ ކޮންޓްލޯރަރ ޖެނެރަލް ޝަމްއާން ވަހީދު ހިމެނޭހެން މި މައްސަލައިގައި ހައްޔަރު ކުރީ ފަސް މީހެކެވެ. އެގޮތުން އެ މީހުންގެ ވަނަވަރު މިއަދު ފުލުހުން އާންމު ކުރިއިރު އެެއީ ތ. ބުރުނީ (23 އ.) މުހައްމަދު އަލްސަން އިސްމާއީލް، ގ. ހެޕީ ސައިޑް (37 އ.) އިބްރާހިމް އަހުމަދު، ގ. ހެޕީ ސައިޑް (47 އ.) ހަސަން ސެހެޝާންގެ އިތުރުންމ. ހަޒާރީވިލާ (40 އ.) އަހުމަދު ލައްސާން އެވެ.
މި މައްސަލަ އެންމެ ފުރަތަމަ ފެންމަތިވެގެން އައީ ސަރުކާރުގައި އެންމެ ބޮޑަށް އާންމުންގެ ތައުރީފު ލިބުނު ޝަމްއާން މަގާމުން ކުއްލި ގޮތަކަށް ވަކިކުރުމާއި އެކު އެވެ. އޭނާ ވަކި ކުރީ މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކޮށްގެން ގަވައިދާ ހިލާފަށް އޮޕަރޭޝަނެއް ހިންގައި ބިދޭސީންތަކެއް އުޅޭ ގެއެއް ބަލައި ފާސްކޮށް ނަގުދު ފައިސާއާ އެކު އެ ބިދޭސީންތައް ގެންދިޔުމަށް ފަހު ހިނގި ކަންތުގައި ޝާމިލްވާކަމުގެ ތުހުމަތަށެވެ.
ޓާސްކް ފޯސް އަދި ރިސްކު މެނޭޖުމަންޓްގެ ޑިޕާޓްމަންގައި ނުހިމެނޭ އޮފިސަރުންތަކެއް ކުރި އެ ރެއިޑުގެ މައްސަލަ ވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
އެ ރެއިޑުން ހިފެހެއްޓި ބިދޭސީންތަކުގެ ތެރެއިން 530،000ރ. އާ އެކު ޑިޓެންޝަނަށް ގެންދިޔަ ބިދޭސީ މިހާ ދޫކޮށްލީ ފުލުހުން ބުނި ގޮތުގައި ޝަމްއާންގެ އެންގުމަށެވެ. އަދި ބިދޭސީން އުޅުނު ގެ ބަލައި ފާސްކުރި އިމިގްރޭޝަންގެ މުވައްޒަފުން ޑިޓެއިނުން ދޫކޮށްލި ބިދޭސީމީހާއާ މަގުމަތިން ބައްދަލުކޮށް އެ ފައިސާ ހިފައިގެން ގޮސް ވަނީ ޝަމްއާން ދިރިއުޅޭ ގެއަށެވެ.
ޝަމްއާން ދިރިއުޅޭ ގެއިން ވެސް ބައި މިލިއަނެއްހާ ރުފިޔާއާއި، ޑޮލަރު ފެނުނުކަމަށް މައުލޫމާތު ލިބެއެވެ. އަދި ފުލުހުން ވަނީ ޝަމްއާންގެ އެޕާޓްމަންޓު ބަލައި ފާސްކޮށް އިލެކްޓްރޯނިކް ސާމާނު ވެސް ގެންގޮސްފަ އެވެ.
ފުލުހުން ވަނީ މި މައްސަލައިގައި ޝަމްއާންގެ އަނބިމީހާގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފަ އެވެ.

