ސަރުކާރުގެ ފަރާތުން ބިލެއް ހުށަހެޅުމަށް ފަހު، އެ ބިލެއް ފާސް ކުރަން ޖެހޭނީ އިތުރު އެއްވެސް ބަދަލެއް ގެނައުމަކާއި ނުލައިކަމަށް ބުނެ ބާރު ފޯރުވާފައި ނެތްކަމަށް ގައްދޫ ދާއިރާގެ މެމްބަރު މުހައްމަދު އަލީ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ސަރުކާރުން ނުފޫޒު ފޯރުވައި، ވަކި ގޮތަކަށް ބިލުތައް ފާސް ކުރުމަށް ބާރު އަޅާކަމަށް ދެކެވޭ ވާހަކަތަކުގެ އަޑު މިފަހަކަށް އައިސް ވަނީ ގަދަވެފަ އެވެ. ހާއްސަކޮށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު އަވަސް އަރުވާލައިގެން ފާސްކުރުމަކީ، އޭގެ ހެއްކެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެ އެވެ.
ތިން ބާރު ވަކިވެފައިވާ ނިޒާމެއްގައި، އެއް ބާރުން އަނެއް ބާރުގެ މައްޗަށް އަރައިގަންނަކަމަށް މަޖިލީހުގައި އެމްޑީޕީގެ މެމްބަރުން ދަނީ ތުހުމަތު ކުރަމުންނެވެ. އެކަމަކު ޕީއެންސީގެ މެމްބަރުން ގަބޫލު ކުރާ ގޮތުގައި ސަރުކާރަށް ޕާޓީގެ ޕާލިމަންޓްރީ ގުރޫޕުން ދޭ އެއްބާރުލުމަކީ އެއީ ނުފޫޒެއްގައި ޖެހުމެއް ނޫނެވެ. އަދި ސުޕަ މެޖޯރިޓީގެ ބޭނުން ނަހަމަ ގޮތުގައި ހިފައި ގާނޫނަށް ބޭނުން އިސްލާހުތަކެއް ގެނެސްފައި ވަނީ ކުރީ ސަރުކާރުގައިކަމަށް ވަނީ ބުނެފަ އެވެ.
މި ތުހުމަތުތަކަށް ރައްދު ދެއްވައި ސަންގުޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމްގައި މުހައްމަދު އަލީ ވިދަޅުވީ އެފަދަ އެއްވެސް ނުފޫޒެއް ފޯރުވި ހާދިސާއެއް ނުވަތަ ބިލެއްގެ މަސައްކަތެއް އިދިކޮޅު މެމްބަރުންނަށް ނުދެއްކޭނެ ކަމަށެވެ. މެމްބަރު ވިދާޅުވީ ސަރުކާރުގެ ފަރާތުން ސިޔާސަތުތައް ތަންފީޒު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ބިލުތައް ހުށަހަޅަމުން ގެންދާނެކަމަށާއި މެމްބަރުންގެ މަސައްކަތަކީ ބިލު ރަނގަޅަށް ދިރާސާކޮށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުން ކަމަށެވެ.
މުހައްމަދު އަލީ ވިދާޅުވީ އެއްވެސް ބިލެއް ހުށަހެޅުމަށް ފަހު، ބިލު ފާސް ކުރަން ޖެހޭނީ އިތުރު އެއްވެސް ބަދަލެއް ނުގެނެސްކަމަށް ސަރުކާރުން އަންގާފައި ނުވާކަމަށެވެ. މިހާތަނަށް މަޖިލީހުގައި ކުރި މަސައްކަތްތަކުގައި ބިލުތަކަށް ރަައްޔިތުންގެ ހިޔާލު ހޯދައި، އެ ވިސްނުމާއި އެއްގޮތަށް ވެސް އިސްލާހުތައް ގެނެސްފައި ހުންނާނެކަމަށް މުހައްމަދު އަލީ ވިދާޅުވި އެވެ.
އެހެންވީމަ ސަރުކާރުން ނުފޫޒު ފޯރުވައިގެން ކުރާ ކަންކަމެއް ނޫން މަޖިލީހުން ކުރާނީކީއެއް.. މަޖިލީހާއި ސަރުކާރު ތަފާތު..
20 ވަނަ ދައުރު ފެށިގެން އައިއިރު، ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުމަށް ގަސްދު ކުރާ 200 އަށް ވުރެ ގިނަ ބިލުގެ މަސައްކަތްތައް ފާހަގަކޮށްފައި ވާތީ އެކަމާއި ގުޅޭގޮތުން ސުވަލު ކުރުމުން މުހައްމަދު އަލީ ވިދާޅުވީ މިހާރު ވެސް މުހިންމު ބިލުތަކެއްގެ މަސައްކަތް ނިމިފައިވާކަމަށެވެ. އަދި ސަރުކާރުގެ ފަރާތުން ހުށަހަޅަން ޖެހޭ އިތުރު ބިލުތައް މި ދައުރަށް ހުށަހަޅާނެކަމަށް ވިދާޅުވި އެވެ.
މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ހާލަތްތައް ބަޔާންކޮށް ގާނޫނުއަސާސީއަށް ގެނައި އިސްލާހަކަކީ ވަރަށް ބޭނުންތެރި މުހިންމު އިސްލާހެއްކަމަށް މެމްބަރު ވަނީ ވިދާޅުވެފަ އެވެ. އަދި ވިދާޅުވީ ކުރިޔަށް އޮތް ތަނުގައި ވެސް ރައްޔިތުންގެ ލާބައާއި މަންފާއަށް ރަނގަޅު ހުރި އިތުރު އިސްލާހުތައް ވެސް ގެންނަން ޖެހޭ ހާލަތުގައި އެކަން ކުރެވޭނެ ކަމަށެވެ.

