މިދިޔަ އަހަރުގެ އަހަރީ ރިޕޯޓް، ދެ ޕާޓީއެއް ފިޔަވައި އެހެން ހުރިހާ ސިޔާސީ ޕާޓީއަކުން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށައަޅައިފިއެވެ. އީސީން ހާމަކުރި މައުލޫމާތުގައިވާ ގޮތުން، ރާއްޖޭގައި ހިންގަމުންދާ 9 ސިޔާސީ ޕާޓީގެ ތެރެއިން 7 ޕާޓީއަކުން ވަނީ އަހަރީ ރިޕޯޓް ހުށަހަޅާފައެވެ.
އަހަރީ ރިޕޯޓް ހުށަހަޅާފައިވާ ޕާޓީތަކުގެ ތެރޭގައި ޕީއެންސީ، އެމްޑީޕީ، ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ، އެމްއެންޕީ، އެމްޑީއޭ އަދި ދަ ޑިމޮކްރެޓްސް ހިމެނެއެވެ. އަދި މިހާތަނަށް އަހަރީ ރިޕޯޓް ހުށަނާޅާ ޕާޓީތަކަކީ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އާއި މޯލްޑިވްސް ތަރޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ، 2023 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ހުށަހެޅުމަށް ދީފައިވާ މުއްދަތު ހަމަވެފައިވަނީ މި މަހުގެ އެއްވަނަ ދުވަހު ކަމަށެވެ. ސިޔާސީ ޕާޓީތަކުގެ ޤާނޫނުގެ ދަށުން، ކޮންމެ އަހަރެއްގެވެސް އަހަރީ ރިޕޯޓް ސިޔާސީ ޕާޓީތަކުން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަކީ ލާޒިމު ކަމެކެވެ.
އިލެކްޝަންސް ކޮމިޝަނުން މިފަދަ މައުލޫމާތެއް ހާމަކުރީ މިއީ ފުރަތަމަ ފަހަރެވެ. އަދި ރިޕޯޓް ހުށަނާޅާ ޕާޓީތަކާމެދު އަޅާނެ ފިޔަވަޅުތަކާ ގުޅޭ މައުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

