ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ ޓީބީ ދުވަހުގެ ތަހުނިޔާ ރައީސް ޑރ މުޙައްމަދު މުއިއްޒު ދަންނަވައިފިއެވެ.
ކޮންމެ އަހަރެއްގެވެސް މާރޗު މަހުގެ 24 ވަނަ ދުވަހަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ ޓީބީ ދުވަހެވެ.
ދުވަހުގެ މުނާސަބަތުގައި ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޓީބީ ނައްތާލުމަށްޓަކައި ކުރާ މަސައްކަތުގައި ރާއްޖެއިންވެސް ދެމި އޮންނާނެ ކަމަށެވެ.
ރައީސް ވިދާޅުވީ، ރާއްޖެއަކީ ޓީބީ ބަލީގެ 70 އިންސައްތަ ކޭސްތައް ދެނެގަނެވޭ އަދި ބަލިން ފަސޭހަވުމުގެ ރޭޓުވެސް 85 އިންސައްތައިގައި އުޅޭ 5 ޤައުމުގެ ތެރެއިން އެއް ޤައުމު ކަމަށެވެ.
ރައީސް ވަނީ ޓީބީއަށް ފަރުވާ ހޯދުމަށްޓަކައި ކުރެވޭ މަސައްކަތްތަކާއި، ބަލީގެ ކުރިކޮޅުގައި ބަލި ދެނެގަތުމަށް ކުރެވޭ މަސައްކަތްތަކުގައި ދެމިތިއްބަވާނެކަން ފާހަގަ ކުރައްވާފައެވެ.
މިއަހަރުގެ ޓީބީ ދުވަހުގެ ޝިއާރަކީ ”ޔެސް ވީ ކެން އެންޑް ޓީބީ: ކޮމިޓް، އިންވެސްޓް، ޑެލިވަރ“ އެވެ.
މުޅި ދުނިޔޭގެ ފެންވަރުގައި އަދި ސަރަހައްދީ ފެންވަރުގައި ތަފާތު ބަލިތައް ކޮންޓްރޯލްކޮށް، ބަލިތައް ދެނެގަތުމުގެ ތަހުލީލުތަކާއި، ބަލިތަކަށް ބޭހާއި ފަރުވާ ކަށަވަރުކުރުމާއި، އަދި ދުރާލާ ބަލިތަކުން ރައްކާތެރިވުމާއި، ބަލިތަކާއެކުވެސް އާއްމު ދިރިއުޅުމެއްގައި އުޅެވޭނެ އަދި ސިއްހީ ދުޅަހެޔޮކަން ދެމެހެއްޓޭނެ ފަންނީ އުސޫލުތަކާއި މިންގަނޑުތައް އެކުލަވާލައި އާއްމުކުރުންފަދަ ކަންކަމުގައި ޑަބްލިޔުއެޗްއޯއިން ގިނަގުނަ ކާމިޔާބީތަކެއް ހާސިލުކޮށްފައިވާއިރު، ރާއްޖެއިންވެސް އެ އަމާޒުގައި ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

