މޯލްޑިވްސް އިމިގްރޭޝަންގެ އަހަރީ ދުވަހުގެ ތަހުނިޔާ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ފަސީޙު ފޮނުއްވަވައިފިއެވެ.
ދުވަހުގެ މުނާސަބަތުގައި ފަސީޙު ހިއްސާކުރެއްވި ޚާއްސަ މެސެޖުގައި ވިދާޅުވީ، މާރޗު 24 ވަނަ ދުވަހު މޯލްޑިވްސް އިމިގްރޭޝަނަށް 75 އަހަރު ފުރި އަލިމަސް ޔޫބީލް ފާހަގަކުރަމުންދާއިރު، އިމިގްރޭޝަނަށް ޚިދުމަތްކޮށްދެއްވި އަދި މިހާރުވެސް ހީވާގިކަމާއެކު ޚިދުމަތް ކޮށްދެއްވަމުން އަންނަ އެންމެހައި މުވައްޒަފުންނަށް ޝުކުރާއި ތަހުނިޔާ ދަންނަވާ ކަމަށެވެ.
ފަސީޙު ވިދާޅުވީ، އިމިގްރޭޝަންގެ 75 އަހަރުގެ ދިގު ތާރީޚުގައި ޤައުމުގެ ދޮރާށިތައް ރައްކާތެރިކޮށް ބެލެހެއްޓުމުގައާއި، ރާއްޖެއިން ބޭރަށް ދަތުރުފަތުރު ކުރާ ދިވެހިންނާއި، ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަށް ބޭނުންވާ ގިނަ ޚިދުމަތްތަކެއް ޒަމާނުއްސުރެ ފޯރުކޮށްދެވެމުންދާ ކަމަށެވެ.
ހަމައެއާއެކު، ކުރިއަށް އޮތް ތަނުގައިވެސް އިމިގްރޭޝަންގެ ޚިދުމަތްތައް އިތުރަށް ފުޅާވެ، ލުއިފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދެވިގެންދާނެކަމަށް އުއްމީދު ކުރައްވާކަމަށްވެސް ފަސީޙު ވިދާޅުވިއެވެ. އަދި ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ކުރާ މަސައްކަތުގައި އިތުރު ކުރިއެރުންތައް ލިބިގެންދާނެކަމަށް އުއްމީދު ކުރައްވާކަމަށްވެސް ފަސީޙު ފާހަގަ ކުރެއްވިއެވެ.
ރާއްޖެއިން އެންމެ ފުރަތަމަ ޓްރެވަލް ޑޮކިއުމަންޓެއް ދޫކޮށްފައިވަނީ 1950 ވަނަ އަހަރު އޭރުގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒުންނެވެ. ނަމަވެސް އެ ޑޮކިއުމަންޓަކީ ހަމައެކަނި ރާއްޖެއާއި ސިލޯނާ ދެމެދު ދަތުރުކުރުމަށް ބޭނުންކުރެވޭ އެއްޗެކެވެ. އެގޮތުން އޭރު އެފަދަ ޑޮކިއުމަންޓެއް އުފެއްދުމުގެ ބޭނުމަކަށްވީ ވިޔަފާރީގެ ރޮނގުން ގުޅުންތައް ބަދަހިކޮށް، މަސް އެކްސްޕޯޓު ކުރުން ފަދަ ވިޔަފާރިތަކަށް ފަސޭހަކޮށްދިނުމަށެވެ.
އޭގެ ފަހުން އިމިގްރޭޝަންގެ ޚިދުމަތް ފުޅާވެ، މިހާރު ރާއްޖޭގެ ޕާސްޕޯޓަކީ މި ސަރަޙައްދުގައިވެސް އެންމެ ބާރުގަދަ އެއް ޕާސްޕޯޓެވެ.

