ސްރީލަންކާގެ ލަގްޝަރީ ކްރޫސްލައިނާ އެމްއެސް ކްރިސްޓަލް ސިމްފަނީ މިއަހަރު ދެވަނަ ފަހަރަށް ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފިއެވެ. މި ފަހަރުގެ ދަތުރުގައި 307 ފަސިންޖަރުންނާއި 447 ފަޅުވެރިން ހިމެނެއެވެ.
އިމިގްރޭޝަންގެ ސީޕޯޓް ޑިވިޝަނުން އިސްނަގައިގެން ކުރިޔަށް ގެންދިޔަ ކްލިއަރެންސްގެ ހިދުމަތްތައް ވަނީ ކާމިޔާބުކަމާއެކު ނިންމާލެވިފައެވެ. އެމްއެސް ކްރިސްޓަލް ސިމްފަނީ އެންމެ ފުރަތަމަ ފަހަރަށް ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ މި އަހަރުގެ ޖަނަވަރީ މަހުގެ 10 ވަނަ ދުވަހުއެވެ. އެ ދަތުރުގައި 200 ފަސިންޖަރުން ބައިވެރިވިއެވެ.
ފާހަގަކޮށްލެވޭ ގޮތެއްގައި، މި މަހުގެ 9 ވަނަ ދުވަހު ސްރީލަންކާގެ އަނެއް ކްރޫސްލައިނާ، އެމްއެސް ޒުއިޑާޑޭމް ވެސް ވަނީ ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. އެ ދަތުރުގައި 1,274 ފަސިންޖަރުންނާއި 751 ފަޅުވެރިން ބައިވެރިވިއެވެ.
ދިވެހިރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، އެމްއެމްޕީއާރްސީ/ވިސިޓްމޯލްޑިވްސްއިން ދަނީ ޗައިނާއިން ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އިތުރުކުރުމަށް އަމާޒުކޮށްގެން ތަފާތު ޕްރޮމޯޝަނަލް ހަރަކާތްތައް ހިންގަމުންނެވެ. މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާ ވަނީ އެކި ގައުމުތަކަށް ޒިޔާރަތްކޮށް، އިންވެސްޓަރުންނާ މަޝްވަރާކުރައްވާފައެވެ.
ޓޫރިޒަމް މިނިސްޓްރީގެ ޑެއިލީ ރިޕޯޓުގައިވާ ގޮތުން، މިއަހަރު މިހާތަނަށް ކްރޫސްލައިން މެދުވެރިކޮށް 5000 ޓޫރިސްޓުން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. އަދި 23 މާރިޗު 2025 އާ ހަމައަށް ޖުމްލަ 569,119 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

