މެޑިސިން ކިޔަވާ ދަރިވަރުންނަށް އިންޓަރންޝިޕް ހެދުމަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ގެނައުމުގެ ގޮތުން، އިތުރު ފަސް ކޮލެޖެއްގައި އިންޓަރންޝިޕް ހެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިހާތަނަށް ދިވެހި ދަރިވަރުންނަށް ބަންގްލަދޭޝްގައި އެމް.ބީ.ބީ.އެސް އިންޓަރންޝިޕް ހެދުމުގެ ފުރުސަތު ލިބެމުން އައީ ޗިޓަގޮންގް މެޑިކަލް ކޮލެޖް ހޮސްޕިޓަލް އަދި ޝޭރް-އޭ-ބަންގްލާ މެޑިކަލް ކޮލެޖް ހޮސްޕިޓަލް އިން އެކަންޏެވެ. ނަމަވެސް މިނިސްޓްރީ އޮފް ހެލްތާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ މަސައްކަތުން މިހާރު ވަނީ އިތުރު ފަސް ކޮލެޖެއްގައި އިންޓަރންޝިޕް ހެދުމުގެ ފުރުސަތު ހޯދިފައެވެ.
މި އިތުރަށް ހަމަޖެހުނު ފަސް ކޮލެޖަކީވެސް ބަންގްލަދޭޝް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް އަދި މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ޤަބޫލުކުރާ ކޮލެޖްތަކެކެވެ. މި ފުރުސަތުގެ ބޭނުން ހިފުމަށް ބޭނުންވާ ދަރިވަރުން މިނިސްޓްރީއަށް އީމެއިލް މެދުވެރިކޮށް ރިކުއެސްޓް ފޮނުވުމަށް ވަނީ އަންގާފައެވެ.
މީގެ އިތުރުން، ރާއްޖޭގައިވެސް އިންޓަރންޝިޕް ފުރުސަތުތައް އިތުރަށް ފުޅާކުރުމުގެ މަސައްކަތް ކުރިއަށްދާކަން މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ. މިގޮތުން މިއަހަރު ތެރޭގައި އިތުރު ސަރުކާރު ހޮސްޕިޓަލްތަކެއްގައި އިންޓަރންޝިޕް ފުރުސަތު ހުޅުވާލުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް މިނިސްޓްރީން މަޢުލޫމާތު ދީފައިވެއެވެ.

