އަދަދު ނޫހުގެ ނޫސްވެރިޔާ އަދި ސީ.އީ.އޯ ޙުސައިން ފިޔާޒު މޫސާއަށް ފޯނުން ގުޅުއްވައި، ބިރު ދައްކައި އިންޒާރުދީފައިވާކަމަށް ބުނާ މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ދައުވާ ނުކުރަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ.
މި މައްސަލައާއި ގުޅިގެން ޕީޖީ އޮފީހުން ބުނެފައިވަނީ 14 މާރިޗު 2025 ވަނަ ދުވަހުގެ 19:04 އެހައިކަށްހައިއިރު ރައީސް، ނޫސްވެރިޔާ ފިޔާޒުއަށް ފޯނުން ގުޅުއްވައި، ބިރު ދައްކައި އިންޒާރުދީފައިވާކަމަށް ބުނެ ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅި މައްސަލަ އެ ޚިދުމަތުން ތަހުގީގުކުރުމަށް ފަހު، 23 މާރިޗު 2025 ދުވަހު ޑިއުޓީ ޕްރޮސިކިއުޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.
އެހެންކަމުން މި މައްސަލާގައި ފުލުހުންގެ ޚިދުމަތުން ހޯދާފައިވާ ހެކި ޤަރީނާ ޕީޖީން ދިރާސާކޮށް ބަލާފައިވާ ކަމަށް ވަނީ ބުނެފައެވެ. އަދި ބެލިބެލުމުން ރައީސް ފިޔާޒުއަށް ގުޅައި އިންޒާރު ދިންކަމަށް ޤާނޫނީ ގޮތުން މާނަކުރެވޭނެ ފަދަ ބަހެއް ނުވަތަ އިބާރާތެއް އެމަނިކުފާނު ބޭނުންކުރައްވާފައިވާކަން އެނގެން ނެތް ކަމަށް ޕީޖީން ވަނީ ބުނެފައެވެ. އެހެންކަމުން މި މައްސަލައިގައި ދަޢުވާ ނުކުރުމަށް ޕީޖީ އޮފީހުން ނިންމާފައިވާ ކަމަށް ވަނީ ބުނެފައެވެ.
ޕީޖީ އޮފީހުން ވަނީ އިންޒާރުދިނުމުގެ ކުށް ޤާނޫނުގައި ތަޖުރީމުކޮށްފައިވާ ގޮތްވެސް ބުނެދީފައެވެ. އެގޮތުން ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ގެ 120 ވަނަ ބާބު ގައި ބުނެފައިވަނީ އިންޒާރެއް ދިންކަމަށް ޤާނޫނީ ގޮތުން ބެލެވޭނީ، މީހަކު ފަރުވާލެއްނެތި ކުރާ ޢަމަލެއްގެ ސަބަބުން، މީހަކަށް، އޭނާ މަރުވެދާނެކަމުގެ ނުވަތަ އޭނާގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެކަމުގެ ބިރެއް ކުރިމަތިކުރުވައިފިކަމަށް ވާނަމައެވެ. އަދި މީހަކަށް އަނިޔާއެއް ލިބިދާފަދަ ކުށެއް ކޮށްފާނެކަމުގެ ބިރުދެއްކައިފިނަމައެވެ.
މީގެއިތުރަށް ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ގެ 2 ވަނަ މާއްދާގައި އިންޒާރެއް ދިންކަމަށް ޤާނޫނީ ގޮތުން ބެލެވޭނީ، މީހެއްގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ނުވަތަ ޢާއިލާގެ މެންބަރަކަށް ނުވަތަ ތިމާގެ ބެލެނިވެރިކަމުގެ ދަށުގައިވާ މީހަކަށް ގެއްލުމެއް ދީފާނެކަމުގެ ބިރުދައްކައި ނުވަތަ އިންޒާރުދީފައިވާ ނަމަ ކަމަށްވެސް ބުނެފައިވެއެވެ.
ޕީޖީން ބުނެފައިވަނީ ފިޔާޒުގެ ފަރާތުން ފުލުހުންގެ ޚިދުމަތަށް މައްސަލަ ހުށަހަޅުއްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ އޭނާއަށް ގުޅުއްވައި ދެއްކެވި ވާހަކަފުޅެއްގެ ތެރޭގައި ”ޤާނޫނީ ގޮތުން އެންމެ ހަރުކަށި ފިޔަވަޅު އަޅުއްވާނެކަމަށް“ ވިދާޅުވެ އޭނާއަށް އިންޒާރު ދީފައިވާކަމަށް ބަޔާންކޮށް ކަމަށެވެ. އެހެންކަމުން މިއީ ޤާނޫނީ ނައްސުތަކަށް ފެތޭ އިންޒާރުދިނުމުގެ ޢަމަލަކަށްނުވާ ކަމަށާއި އަދި މިއީ ޖިނާއީ ދަޢުވާއެއް ކުރެވޭނެ މައްސަލައެއް ނޫންކަމަށް ޕީޖީން ވަނީ ނިންމާފައެވެ.

