މީހުންގެ އަބުރަށް އަރައިގަތުމުންނާއި، ދެބައޮޑުވުމާއި، ދޮގުވާހަކަ ފެތުރުމުން ދުރުހެލިވުމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ނަސޭޙަތްތެރިވެވަޑައިގެންފިއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށްގެންދިޔަ ޙާފިޡުން ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، އަޅުގަނޑުމެންގެ ހަޤީޤީ ވިސްނުން ބަހައްޓަންވީ، ކޮންމެ ދުވަހެއްގެ އަދި ކޮންމެ ވަގުތެއްގެ އަމަލީ މަސައްކަތްތަކާއި، އުޅުމާއި ގުޅުންތައް ބައްޓަންކުރާއިރު، ކީރިތި ޤުރްއާނުގެ ބޭނުން ހިފުމަށް ކަމަށެވެ.
ކޮންމެ މީހެއްގެވެސް ”ގައިޑުބުކް“ ނުވަތަ އަމަލީ ގޮތުން ކަންކަން ކުރަންވީގޮތް ބަލައި، ކަންކަން ކުރަންވީގޮތް ދަސްކުރާ ފޮތަކަށް ކީރިތި ޤުރްއާން ހައްދަވާ
ރައީސް ވަނީ ކޮންމެ މީހެއްގެވެސް ”ގައިޑުބުކް“ ނުވަތަ އަމަލީ ގޮތުން ކަންކަން ކުރަންވީގޮތް ބަލައި، ކަންކަން ކުރަންވީގޮތް ދަސްކުރާ ފޮތަކަށް ކީރިތި ޤުރްއާން ހެއްދެވުމަށް އެދިވަޑައިގެންފައެވެ.
ހަމައެއާއެކު، ކީރިތި ޤުރްއާނަކީ ހަމަ އެކަނި ޖަލްސާތަކުގައި ކިޔަވާލަން އޮންނަ ފޮތަކަށް ނުހަދައި، އަމަލީ ފޮތެއްކަމުގައި ހެދުމަށް އެމަނިކުފާނު ގޮވައިލެއްވިއެވެ.
މީގެ އިތުރުން، މި މުޖުތަމަޢުގައި ގެއްލެމުންދާ އިންސާނީ ކަރާމާތް، އަނބުރާ ގެނެވޭނީވެސް ކީރިތި ޤުރްއާނަކީ ކޮންމެ ދުވަހެއްގެވެސް އަމަލުތައް ބައްޓަންކުރާ ފޮތްކަމުގައި ހަދައިގެންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކީރިތި ޤުރްއާނުގައި މަނާކުރައްވާފައިވާ ކަންކަމުން ދުރުހެލިވުމަށްވެސް ބާރުއަޅުއްވާފައެވެ. އެގޮތުން އަބުރަށް އަރައިގަތުމުންނާއި، ދެބައޮޑުވުމާއި، ދޮގުވާހަކަ ފެތުރުމުން ދުރުހެލިވުމަށް، އެމަނިކުފާނު ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މުޅި މުޖުތަމަޢުގެ ކުރިއެރުމަށްޓަކައި އެއް މުސްލިމަކު އަނެއް މުސްލިމަކަށް އިހްތިރާމް ކުރުމަށް ބާރުއަޅުއްވައިފައެވެ. އަދި ފުރިހަމަ މުސްލިމަކީ އޭނާގެ އަތާއި ދުލުގެ ނުބައިކަމުން އެހެން މުސްލިމުން ސަލާމަތްވެގެންވާ މީހާކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެ ސުވާލު އަމިއްލަ ނަފުސާމެދު ހެޔޮނިޔަތުގައި ކޮށްފިނަމަ މުޅި މުޖުތަމަޢު ރަނގަޅުވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، މި މުޖުތަމަޢު ރަނގަޅު ވާނީ އަނެކާއަކީވެސް ތިމާ ފަދައިން ކަރާމާތެއް އޮތް މީހެއްކަމުގައި ޤަބޫލުކުރުމުންކަމުގައި ވިދާޅުވެ، އެމަނިކުފާނު ވަނީ އެކަމަށް ބާރުއަޅުއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވައިލައްވަމުންވެސް އެމަނިކުފާނު ވަނީ، ކިތަންމެ ގިނަ ބިނާރުތަކެއްގެ މަސައްކަތްކުރެވުނު ނަމަވެސް، ހަޤީޤީ ތަރައްޤީ ހާސިލްވާނީ ކީރިތި ޤުރްއާނާ އެއްގޮތަށް އަމަލުތައް ބައްޓަންކުރެވިގެންކަން ފާހަގަކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި ރައީސް ވަނީ ގުރުއާން ހިތުދަސްކޮށް ހާފިޒު ކަމުގެ ސަނަދު ހާސިލް ކުރެއްވި 24 ހާފިޒަކަށް ދަސްވެނިވިކަމުގެ ސެޓްފިކެޓު ޙަވާލުކޮށްދެއްވާފައެވެ.

