މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީން އަތުން ނާޖާއިޒް މަންފާތަކެއް ނެގި ކަމަށް ބުނާ މައްސަލައިގައި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދު ބަންދުކުރި މައްސަލަ ހައި ކޯޓަށް ހުށައަޅައިފިއެވެ.
ހައިކޯޓުގެ ރަޖިސްޓްރީން ލިބޭ މައުލޫމާތުން އެނގޭ ގޮތުގައި، ޝަމްއާން ބަންދުކުރަން ނެރުނު އަމުރު އޭނާގެ ފަރާތުން އެ ކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ. އެހެންނަމަވެސް އިސްތިއުނާފުގެ މައްސަލަ ބަލައިގަތުމާމެދު ހައި ކޯޓުން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.
މައްސަލައިގެ ކުރު ހުލާސާ
ޝަމްއާން މަގާމުން ވަކިކުރެވުނީ ގަވާއިދާ ހިލާފަށް އޮޕަރޭޝަނެއް ހިންގައި، ބިދޭސީންތަކެއް އުޅޭ ގެއެއް ބަލައި ފާސްކޮށް، ނަގުދު ފައިސާއާއެކު އެ ބިދޭސީން ގެންދިއުމަށްފަހު ހިނގި ހާދިސާއަކާ ގުޅިގެންނެވެ. މި މައްސަލައިގައި ޓާސްކް ފޯސް އަދި ރިސްކު މެނޭޖުމަންޓް ޑިޕާޓްމަންޓުގައި ނުހިމެނޭ ތިން އޮފިސަރަކު ވަނީ ހައްޔަރުކޮށް ބަންދުކޮށްފައެވެ.
ފުލުހުންގެ ތަހުގީގަށް ހާމަވެފައިވާ ގޮތުގައި، އެ ރެއިޑުން ހިފެހެއްޓި ބިދޭސީންގެ ތެރެއިން 530,000 ރުފިޔާއާއެކު ޑިޓެންޝަނަށް ގެންދެވުނު ބިދޭސީއަކު ދޫކޮށްލެވުނީ ޝަމްއާންގެ އެންގުމަށެވެ. އަދި އިމިގްރޭޝަންގެ މުވައްޒަފުން އެ ބިދޭސީއާ މަގުމަތިން ބައްދަލުކޮށް، އެ ފައިސާ ހިފައިގެން ގޮސްފައިވަނީ ޝަމްއާން ދިރިއުޅޭ ގެއަށެވެ.
މީގެއިތުރުން، ފުލުހުން ޝަމްއާންގެ އެޕާޓްމަންޓް ބަލައި ފާސްކުރުމުން ބައި މިލިއަނެއްހާ ރުފިޔާއާއި ޑޮލަރު އަދި އިލެކްޓްރޯނިކް ސާމާނު ވެސް ފެނިފައިވާކަމަށް މައުލޫމާތު ލިބެއެވެ. މި މައްސަލައާ ގުޅިގެން ދެ މީހަކު ފުރުން މަނާކުރުމުގެ އަމުރެއް ވެސް ކޯޓުން ނެރެފައިވާކަން ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ ހާމަކޮށްފައެވެ.

