އިންޑިއާގެ އެހީގައި ކުރިއަށްގެންދާ ތިލަމާލެ ބްރިޖް މަޝްރޫއުގެ 52 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށް އިމާރާތްކުރުމާއި ބިނާވެށި ކުރިއެރުވުމާ ބެހޭ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ. މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލުމަށް އަޅަމުންދާ މި ބްރިޖްގެ މަސައްކަތުގެ ދަށުން މިހާތަނަށް ހަތަރު ސަރަހައްދެއް ވަނީ ގުޅާލެވިފައެވެ.
މި މަޝްރޫއަށް މިހާތަނަށް 251,563,940.20 ޑޮލަރު ހޭދަކޮށްފައިވާއިރު، މި މަޝްރޫއު ފަންޑުކުރަނީ އިންޑިއާ ސަރުކާރުގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީއާއި 400 މިލިއަން ޑޮލަރުގެ ލޯނު އެހީންނެވެ. އަދި އިތުރު 15 މިލިއަން ޑޮލަރު ހިލޭ އެހީގެ ގޮތުގައި އިންޑިއާއިން ވަނީ ފަހުން ދީފައެވެ.
ގާތްގަނޑަކަށް 6.695 ކިލޯމީޓަރުގެ ދިގުމިނުގައި އެޅުމަށް ހަމަޖެހިފައިވާ މި ބްރިޖްގެ މަސައްކަތް އެފްކޮންސް އިންފްރާސްޓްރަކްޗާއާ ހަވާލުކުރެވުނީ 2021 ވަނަ އަހަރުގެ އޮގަސްޓް 26 ވަނަ ދުވަހުއެވެ. މި ބްރިޖްގައި ތިން ނެވިގޭޝަން ބްރިޖް ހިމެނޭއިރު، އޭގެ ކޮންމެ ބްރިޖެއްގެ ދިގުމިނަކީ 140 މީޓަރެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މި މަޝްރޫއު އަވަސްކުރުމަށް މަސައްކަތްތަކެއް ކުރަމުންދާއިރު، މިއަހަރުގެ ފެބްރުއަރީ މަހު އިންޑިއާގެ ޓީމަކުން ވަނީ މަޝްރޫއުގެ މަސައްކަތް ބެލުމަށް ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މި ދަތުރުގައި މަޝްރޫއު އަވަސްކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.
ސަރުކާރުން ލަފާކުރާ ގޮތުގައި ތިލަމާލެ ބްރިޖްގެ މަސައްކަތް އެއްކޮށް ނިމޭނެކަމަށް ބެލެވެނީ 2026 ވަނަ އަހަރުގައެވެ. މަޝްރޫއުގެ މަސައްކަތް ލަސްވަމުންދާތީ، މަސައްކަތް އަވަސްކޮށްދިނުމަށް އިންޑިއާ ސަރުކާރުގައި ރައީސް މުއިއްޒު ވަނީ އެދިވަޑައިގެންފައެވެ.

