ވެލާނާ އިންޓަނޭޝަލް އެއާޕޯޓްގެ ޑިޕާޗާރު ހޯލުން ހުއްދަނެތި ސިގަރޭޓު ކާޓަން ފޮށިތަކެއް ނެރެން އުޅެނިކޮށް ހައްޔަރު ކުރި ފުލުސް އޮފިސަރު ސަސްޕެންޑުކޮށްފިއެވެ.
މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނީ، މި މަހުގެ 24 ވަނަ ދުވަހުގެ ހެނދުނުގެ 06:20 ހާއިރު ވީއައިއޭގެ ޑިޕާޗާ ހޯލުން، ހުއްދަނެތި ގިނަ އަދަދެއްގެ ޑިއުޓީ ފްރީ ސިގަރެޓް އެތެރެކުރަން ބަޔަކު މަސައްކަތް ކުރިކަމުގެ މައުލޫމާތު ފުލުހަށް ހުށަހެޅީ ކަސްޓަމްސް ކަމަށެވެ.
މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ދެ މީހެކެވެ. އެއީ:-
- މ. ސިލްވާ ނެސްޓް/ މާލެ، އަހްމަދު އަފްސަލް (45 އ.)
- ދަފްތަރު ނަމްބަރު 14358/ މާލެ، ޔޫސުފް ނަޒީރު (38 އ.) އެވެ.
އޭގެ ތެރެއިން ޔޫސުފް ނަޒީރަކީ ފުލުހުންގެ ޚިދުމަތުގައި މަސައްކަތް ކުރާ ސާޖަންޓެކެވެ.
ފުލުހުން ބުނީ އެ މީހުން ހައްޔަރުކޮށް ކޯޓަށް ހާޒިރު ކުރުމުން ޝަރުތުތަކަކާއި އެކު ބަންދުން ދޫކޮށްލާފައިވާކަމަށެވެ.
މީގެ އިތުރުން، ސާޖަންޓު ޔޫސުފް ނަޒީރު ވަނީ 26 މާރޗު 2025ން ފެށިގެން މުސާރަ ނުލިބޭގޮތަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއިން ސަސްޕެންޑުކޮށްފައެވެ.

