ތެލަސީމިއާ ސެންޓަރަކީ ތެލަސީމިއާ ކުދިންނާ ވީހާވެސް ގާތްކޮށް އޯގާތެރިކަމާއެކު ޚިދުމަތް ފޯރުކޮށްދޭތަނަކަށް ހައްދަވަން ބޭނުންފުޅުވެ ވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
”ރައްޔިތުންނާ އެކު“ ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ވިދާޅުވީ ތެލަސީމިއާ ސެންޓަރުގެ ހިންގުން ހަރުދަނާކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅުއްވާފައިވާ ކަމަށެވެ. މިގޮތުން އެ ސެންޓަރު ހިންގުމަށް ޚާއްޞަ ވަކި ފަރާތެއް ނެތްކަން ފާހަގަކުރައްވައި، ސިވިލް ސަރވިސްގެ ތެރެއިން އެކަށޭނަ ފަރާތެއް މިހާރު ވަނީ ޢައްޔަނުކުރައްވާފައެވެ.
ރައީސް ވިދާޅުވިގޮތުގައި، ސެންޓަރުގެ މުވައްޒަފުންގެ ތެރެއިން ބަދަލުވާން އެދުނު ފަރާތްތައް ބަދަލުކުރައްވައި، އެ މަޤާމުތަކަށް އައު މުވައްޒަފުން ހަމަޖައްސަވާފައިވެއެވެ. އަދި ނަރުހުންގެ މަދުކަން ހައްލުކުރުމަށް 5 ނަރުހުން ނެގުމަށް މިހާރުވަނީ އިޢުލާނު ކުރައްވާފައެވެ.
އޮރެންޖް ހިޔާއަށް ބަދަލުކުރުމުގެ މަސައްކަތް ސިފައިންނާ ހަވާލުކުރެއްވުން
ތެލަސީމިއާ ސެންޓަރު ”އޮރެންޖް ހިޔާ“ އަށް ބަދަލުކުރުމުގެ މަސައްކަތް މި މަހުގެ 28 ވަނަ ދުވަހުން ފެށިގެން ސިފައިންނާ ހަވާލުކުރައްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. މި މަސައްކަތް އެއް މަސްދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަވާލުކުރައްވާފައެވެ.
އޮރެންޖް ހިޔާއަށް ތެލަސީމިއާ ސެންޓަރު ބަދަލުވުމުން، އެތަނަށް ދަތުރުކުރާ ފަރާތްތަކަށް އެމް.ޓީ.ސީ.ސީގެ ބަސް ހުއްޓިއެއް ހަމަޖައްސައި، ހިލޭ ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. މިއީ ސަރުކާރުގެ ރިޔާސީ ވަޢުދެއްގެ ގޮތުގައި ހިމެނޭ ސްޓޭޓް އޮފް ދި އާޓް ތެލަސީމިއާ ސެންޓަރެއް ގާއިމްކުރުމުގެ މަސައްކަތުގެ ބައެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

