ބޭރު ފައިސާގެ ގާނޫނަށް ގެނެވުނު އިސްލާހުތަކާ ގުޅިގެން ރާއްޖޭގެ ބޭންކިންގ ނިޒާމުގެ ތެރެއަށް ޑޮލަރު މާރުކުރާ މިންވަރު 40 އިންސައްތަ އިތުރުވެފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުންނާއެކު ބޭއްވި ޕޮޑްކާސްޓެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ”ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް އެޅުނު ފިޔަވަޅުތަކުގެ ނަތީޖާ ވަރަށް ރަނގަޅު“ ކަމަށެވެ. މި މަސައްކަތް ފެށިގެން ދިޔައީ އެމްއެމްއޭގެ ގަވާއިދަކުން ކަމަށާއި، މިހާރު ޖެނުއަރީ 1 އިން ފެށިގެން އައު ގާނޫނެއް ވުޖޫދަށް އައިސްފައިވާ ކަމަށް ވެސް ފާހަގަކުރެއްވިއެވެ.
އައު ގާނޫނުގެ ދަށުން މިހާތަނަށް 150 މިލިއަން ޑޮލަރު މާރުކޮށްފައިވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި މިއީ ކުރިއާ އަޅާބަލާއިރު 40 އިންސައްތައިގެ އިތުރުވުމެއް ކަމަށް ވިދާޅުވިއެވެ. ގާނޫނުގެ ދަށުން ޑޮލަރު މާރުކުރަންޖެހޭ ފަރާތްތަކުގެ 95 އިންސައްތަ މީހުން މިހާރު ވަނީ ގާނޫނާ އެއްގޮތަށް ޢަމަލުކުރަން ފަށާފައެވެ.
ރައީސް މުއިއްޒު އިތުރަށް ވިދާޅުވި ގޮތުގައި، ބާކީ 5 އިންސައްތަ ފަރާތްތަކުގެ މައްޗަށް ވެސް ގާނޫނު ތަންފީޒުކުރެވޭނެއެވެ. އަދި އެމްއެމްއޭއިން މިހާރުވެސް ދަނީ އެ ފަރާތްތަކާއެކު މަސައްކަތްކުރަމުންނެވެ. މި މަސައްކަތުގެ ސަބަބުން ޓުއަރިޒަމް ސެކްޓަރ އިތުރަށް ފުޅާވެ، ދައުލަތަށް ލިބޭ އާމްދަނީ އިތުރުވެގެންދާނެ ކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، މިހާރު ރާއްޖެއިން ބޭރަށް ފުރާއިރު ދެވޭ 500 ޑޮލަރުގެ ލިމިޓް 1000 ޑޮލަރަށް އިތުރުކުރުމަށް ވަނީ ރޭވިފައެވެ. އަދި ކްރެޑިޓް ކާޑުގެ ލިމިޓް ދެގުނަކުރުމާއި، ޓީޓީ ހެދުމުގެ މަސައްކަތްތައް ހަރުދަނާކުރުން ފަދަ ކަންކަން ވެސް ސަރުކާރުގެ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

