މިއަހަރުގެ ތެރޭގައި އެސްޓީއޯ ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭގޮތަށް މަދުވެގެން އެއްތަން ކޮންމެ އަތޮޅެއްގައިވެސް ޤާއިމު ކުރެވޭނެކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އެފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހު ގެނެސްދިން ”ރައްޔިތުންނާއެކު“ ޕޮޑްކާސްޓުގައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ، ރިޔާސީ އިންތިޚާބުގައިވެސް މަސްވެރިންނަށް ގިނަ ވައުދުތަކެއް ވެވަޑައިގެންފައިވާނެ ކަމަށާއި، ތެލުގެ އަގު ހެޔޮގޮތުގައި ލިބޭނެ ގޮތް ހެދުމަކީ އޭގެ ތެރެއިން އެއް ވައުދުކަމަށެވެ. އަދި އެ ވައުދު ފުއްދެވުމަށްޓަކައި މިއަހަރު ގިނަ މަސައްކަތްތަކެއް ކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި ވައުދުވެވަޑައިގެންނެވި ގޮތަށް އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭގޮތަށް ކޮންމެ އަތޮޅެއްގައިވެސް އެއް ރަށުގައި ޚިދުމަތް ޤާއިމުކޮށްދެއްވާނެ ކަމަށެވެ.
މަސްވެރިންނަށް ވަރަށް މުހިއްމު ކަމެއް ތެޔޮ އަގުހެޔޮކޮށް ލިބިގެން ދިއުން، އެހެންވީމާ އަޅުގަނޑު ރިޔާސީ އިންތިޚާބުގައިވީ ވައުދާ އެއްގޮތަށް ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށް މި ޤާއިމު ކުރަނީ އެސްޓީއޯގެ ރޭޓުގައި ތެޔޮ ލިބޭގޮތަށް، މިއަހަރުގެ ތެރޭގައި ކޮންމެ އަތޮޅެއްގައި މަދުވެގެން އެއްތަން ހަދާނަން
ރައީސް ވިދާޅުވީ، މިއަހަރުގެ ތެރޭގައި މަދުވެގެން އެއްތަން ކޮންމެ އަތޮޅެއްގައިވެސް ޤާއިމު ކުރެވޭނެ ކަމަށާއި، އެކަމުގެ ސަބަބުން މަސްވެރިންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
މީގެ އިތުރުން، 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދޫކުރުމަކީވެސް ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންނެވި ވައުދުފުޅެއް ކަމަށާއި، 10 ޑިސެމްބަރުން ފެށިގެން ކޮންމެ ދުވަހަކުވެސް އެ ވައުދުފުޅާ އެއްގޮތަށް ކަންކަން އިންތިޒާމުވަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.

