މާޗު މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދުތައް ނިމިދިޔަ ދެ އަހަރަށްވުރެވެސް އިތުރުކަން ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުގައިވާގޮތުން 2023 ވަނަ އަހަރުގެ މާޗު މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 488،371 ފަތުރުވެރިންނެވެ. އަދި 2024 ވަނަ އަހަރު 558،236 ފަތުރުވެރިންނަށް އިތުރުވެފައިވާއިރު މި އަހަރު 582،925 ފަތުރުވެރިން އައިސްފައިވާކަމަށް ބުނެފައިވެއެވެ. އެންކަމުން ނިމިދިޔަ އަހަރާއި އަޅާބަލާއިރު ފަތުރުވެރިން އަންނަ އަދަދުތައް 4.4 އިންސައްތަ އިތުރުކަމަށް ފާހަގަކޮށްފައިވެއެވެ.
ރާއްޖެއަށް އައި ފަތުރުވެރިންގެ ތެރެއިން އެންމެ ބޮޑު އިންސައްތައެއް ޒިޔާރަތްކޮށްފައިވަނީ ރިސޯޓުތަކަށެވެ. އެގޮތުން 402،226 މީހުން ރިސޯޓުތަކަށް ގޮސްފައިވާއިރު އެއީ ޖުމުލަައިގެ 69 އިންސައްތައެވެ. 25.5 އިންސައްތަ މީހުން ޒިޔާރަތްކޮށްފައިވަނީ ގެސްޓްހައުސްތަކަށެވެ. އެއީ 148،685 ފަތުރުވެރިންނެވެ.
މިވަގުތު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ މާކެޓުގެ ގޮތުގައި އޮތީ ޗައިނާއެވެ. އެ ގައުމުން މި މުއްދަތުގެ ތެރޭގައި ރާއްޖެއަށް 69،905 ފަތުރުވެރިން އައިސްފައިވެއެވެ. ދެވަނައިގައި އޮތް ރަޝިއާއިން 61،583 ފަތުރުވެރިން އައިސްފައިވާއިރު ތިންވަނައިގައި އޮތީ އިނގިރޭސިވިލާތެވެ. އެގައުމުން މާޗު 25 ވަނަ ދުވަހުގެ ނިޔަލަށް 59،690 ފަތުރުވެރިން އައިސްފައިވެއެވެ. ހަތަރުވަނައިގައި އިޓަލީ މާކެޓު އޮތްއިރު އިންޑިއާ އޮތީ ޖަރުމަނުވިލާތަށް ފަހު ހަވަނައިގައި ކަން ފާހަގަކޮށްލެވެއެވެ. އެ ގައުމުން މި މުއްދަތުގެ ތެރޭގައި ރާއްޖެއަށް 28،942 ފަތުރުވެރިން އައިސްފައިވެއެވެ.

