ދިވެހި ފުލުހުންގެ 92 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ފުލުހުންގެ މަރުކަޒުތަކުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު މާލެ އާއި ރާއްޖޭގެ އެކި ރަށްރަށުގައި ބާއްވައިފިއެވެ.
މާލޭގައި ބޭއްވުނު ރަސްމިއްޔާތު އޮތީ ފުލުހުންގެ މައި މަރުކަޒު ޝަހީދު ޙުސައިން އާދަމް ބިލްޑިންގ ކުރިމަތީގައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ވަޒީރު ޢަލީ އިޙުސާނެވެ.
ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރްހާދު ފިކުރީ އަދި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ފުލުހުންގެ އެކްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑް އޮފިސަރުންނާއި ގިނަ އަދަދެއްގެ ފުލުހުންނާއި އާންމު މުވައްޒަފުންވެސް ބައިވެރިވެލެއްވިއެވެ.
ކީރިތި ޤުރުއާނުގެ ބަރަކާތުން ފެށުނު މި ރަސްމިއްޔާތުގައި ދިދަ ނެގުމަށްފަހު، ފުލުހުންގެ އަޒުމް ކިޔުމާއި ދުވަހާ ގުޅިގެން ހާއްސަ ދުއާއެއް ކިޔުން އޮތެެވެ. ފުލުހުންގެ ޢަޒުމް އިސްވެ ވިދާޅުވެދެއްވީ ޗީފް ސުޕްރިންޓެންޑް އޮފް ޕޮލިސް ޙަސަން ސަޢީދެެވެ. އަދި ދުއާ އިސްވެ ވިދާޅުވެދެއްވީ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ނަޡީފެެވެ.
މާލޭގައި ބޭއްވުނު މި ރަސްމިއްޔާތުގެ އިތުރުން، ރާއްޖޭގެ އެހެން ރަށްރަށުގައި ގާއިމުކޮށްފައިވާ ޕޮލިސް ސްޓޭޝަންތަކުގައިވެސް ދިދަ ނެގުމުގެ ރަސްމިއްޔާތުތައް ބޭއްވުނެވެ. މި ރަސްމިއްޔާތުތަކުގައި އެ ރަށްރަށުގެ ސަރުކާރު މުއައްސަސާތަކުގެ އިސްވެރިންނާއި މުވައްޒަފުންނާއި ޕޮލިސް ސްޓޭޝަންތަކުގެ މުވައްޒަފުން ބައިވެރިވިއެވެ.

