ރޯދަ މަހުގައި ކިޔެވުން ބަންދު ކުރުމާ ގުޅޭގޮތުން މިއަހަރުގެ ދިރާސީ އަހަރު ފެށުމުން ސްކޫލްތަކުގެ މުދައްރިސުންނާއި، ޕްރިންސިޕަލުންނާއި ބެލެނިވެރިންނާއި މަޝްވަރާކުރަން ނިންމާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
ފޭސްބުކްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ ވިދާޅުވީ، ރޯދަމަހުގައި ކިޔެވުން ބަންދުކުރުމަށް ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ގިނަ ބެލެނިވެރީން އެދެމުންދާތީ، އެއީ ކުރެވިދާނެ ކަމެއްތޯ ބެއްލެވުމަށް އިރުޝާދު ދެއްވާފައިވާ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ، ރޯދަމަހުގެ ފަހު 10 ބަންދުވުމުން، އެދުވަސްތައް އުނިކޮށް ރޯދަމަހުގެ ބާކީ ސަރުކާރު ހުޅުވާ ދުވަސްތަކުގެ އަދަދަކީ 12 ނުވަތަ 13 ދުވަސް ކަމަށެވެ. އަދި މި 12 ނުވަތަ 13 ދުވަހުގައި ކިޔަވައިދެވެނީ ރޯދަމަސް ނޫން އެހެންމަސްތަކުގެ 6 ދުވަހުގެ ކިޔަވައިދިނުންކަންވެސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ، ރޯދަމަސް ބަންދުކުރުމަށް ގިނަ ބެލެނިވެރިން ރައީސްގެ އަރިހުން އެދިފައިވަނީވެސް މަދު ވަގުތުތަކަކަށް ސްކޫލަށް ދަރިވަރުން ގޮވައިގެން ދިއުމުގެ ތަކުލީފުގެ އިތުރަށް، ރޯދަމަހުގައި ކިޔަވައިދިނުމަށް މިހާރު ހަމަޖެހިފައިވާ 12 ނުވަތަ 13 ދުވަހުގެ ކިޔަވައިދިނުން އެހެން މަސްތަކުގެ ހައެއްކަ ދުވަހުން ގެންދެވޭނޭކަމަށް ބެލެވޭތީ ކަމަށެވެ.
މީގެ އިތުރަށް ރޯދަމަހުގައި ގިނަ އަދަދެއްގެ ދަރިވަރުން ގަވާއިދުން ސްކޫލަށް ހާޒިރުނުވުމާއި މުދައްރިސުންގެ ތެރެއިންވެސް ބައެއް މުދައްރިސުން އާންމު މަސްތަކާއި ޚިލާފަށް ރޯދަމަހުގައި ސަލާމުގެ ނުވަތަ އާއިލީ ޒިންމާގެ ޗުއްޓީ ނެގުން އިތުރުކަމަށް ރެކޯޑުތަކުން ދައްކާތީއާއި، އަދި މިކަންކަމުގެ ސަބަބުން ކިޔަވައިދިނުން އެންމެ އެކަށީގެންވާ ގޮތަށް ނުގެންދެވުމަކީވެސް ފާހަގަކޮށްލަންޖެހޭ ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އެހެންކަމުން މިނިސްޓަރ ވިދާޅުވީ، ރޯދަމަހުގެ ދުވަސްތަކުގައި ޢާންމު އުސޫލުން ކިޔަވައިދިނުމުގެ ބަދަލުގައި ޕްރޮޖެކްޓް-ބޭސްޑް ލާނިންގ ފަދަ ހަރަކާތްތައް ކުރިއަށް ގެންދެވިދާނެ ކަމަށެވެ. އަދި އިސްލާމްދީނަށް ހޭލުންތެރިކުރުވުމުގެ ގޮތުން ކުރިއަށްގެންދާ ތަފާތު ޕްރޮގްރާމްތަކާއި، ކީރިތި ޤުރުއާނަށް ދަރިވަރުންގެ ހިތްތަކުގައި ލޯބިޖެއްސުމަށް ހިންގާ ތަފާތު ހަރަކާތްތަކާއި މުބާރާތްތަކުގެ އިތުރަށް އަދަބީ ހަރަކާތްތަކަށް އިސްކަންދީގެން އިސްކޫލުގެ ހަރަކާތްތައް ކުރިއަށް ގެންދެވިދާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ހަމައެއާއެކު، އެ މުއްދަތުގެ ތެރޭގައި އިތުރަށް މުދައްރިސުންގެ ޕްރޮފެޝަނަލް ޑިވެލޮޕްމެންޓުގެ އެކި ހަރަކާތްތައްވެސް ގެންދެވިދާނެކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ، މިފަދަ ބަދަލެއް ގެނައި ކަމުގައިވިޔަސް، ބައިނަލްއަޤުވާމީ އިމްތިހާނުތަކަށް ތައްޔާރުވާ ކީ ސްޓޭޖް 4 އަދި 5ގެ ދަރިވަރުންގެ ކިޔެވުން އޮންނާނެ ކަމަށެވެ.
އެހެންކަމުން މި ދުވަސްތަކުގައި ހުރިހާ މުދައްރިސުން ރަސްމީކޮށް މަސައްކަތައް ނުކުންނަވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މުދައްރިސުންގެ އަހަރީ ޗުއްޓީ ލިބޭނީ އަބަދުވެސް އޮންނަގޮތައް ކޮންމެ އަހަރެއްގެ ދިރާސީ އަހަރު ނިމުމުންނެވެ. މިގޮތުން 2025ގެ ދިރާސީ އަހަރުން ފެށިގެން މުދައްރިސުންގެ އަހަރީ ޗުއްޓީ ލިބޭނީ ޑިސެމްބަރ މަހުން ފެށިގެންނެވެ.
2025ގެ ދިރާސީ އަހަރު ފެށުމުން، އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ ދެއްވާފައިވާ ލަފާފުޅާމެދު ސްކޫލްތަކުގެ މުދައްރިސުންނާއި، ޕްރިންސިޕަލުންނާއި ބެލެނިވެރިންނާއި މަޝްވަރާކުރަން ނިންމާފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ކިޔަވައިދޭ ދުވަސްތައް ނޫނީ ގަޑިތައް ނުގެއްލޭގޮތަށް ކުރިއަށްއޮތްތަނުގައި ކޮންމެ އަހަރަކުވެސް މުޅި ރަމަޟާން މަސް އެއްކޮށް ސްކޫލުތައް ބަންދުކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދާދި ފަހުން ވަނީ ވިދާޅުވެފައެވެ.
“ރައްޔިތުންނާ އެކު” މިނަމުގައި ކުރިއަށްގެންދިޔަ ޕޮޑްކާސްޓްގައި ރައީސް ވިދާޅުވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. އިސްމާޢީލް ޝަފީއުއަށް އެކަމާއި ގުޅިގެން ދަންނަވާފައިވާނެކަމަށެވެ. މިއަހަރު އެކަޑެމިކް ކަލެންޑަރުގައި ހަމަޖެއްސުމަށް ކުރިން އޮތީ މިއަހަރުގެ ރަމަޟާން މަހުގެ އެއް ހަފުތާ ފިޔަވައި މުޅި ރަމަޟާން މަސް ބަންދުކުރާ ގޮތަށްކަމުގައި ރައީސް ވިދާޅުވިއެވެ.
އެހެންނަމަވެސް ފަހުން އެކި ކަންކަން ހަމަޖެއްސުމަށްފަހު މުޅި ރަމަޟާން މަސް ބަންދުކުރައްވާގޮތަށް ކަންކަން ހަމަޖެއްސެވުމުން ގިނަ ބެލެނިވެރިންގެ ފަރާތުން އެކަމަށް އެދެވޭ، ރަނގަޅު ހިޔާލު ތަކެއް ލިބިވަޑައިގެންނެވިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ރަމަޟާން މަސް ބަންދުކުރުމަކީ ގިނަ ބެލެނިވެރިން އެދޭކަމެއް ކަމުގައި އެމަނިކުފާނަށް ފާހަގަވާތީ ކުރިއަށްއޮތް އަހަރުތަކުގައިވެސް އެކަމަށް މަގުފަހިކޮށްދެއްވުމަށް މަސައްކަތް ކުރައްވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ރަމަޟާން މަސް ސްކޫލްތައް އެއްކޮށް ބަންދުކުރުމުން ލިބޭ ފައިދާތަކުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ. މިގޮތުން މިކަމުގެ ސަބަބުން ދަރިވަރުންނާ ބެލެނިވެރިންވެސް އަޅުކަމުގައި ވަގުތު ހޭދަކުރުމަށް މަގުފަހިވެގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ރަމަޟާން މަހުގެ ދުވަސްތައް ބަންދު ކުރަން މަޝްވަރާ ކުރެއްވީ އެއީ ރަމަޟާން މަހަކީ އަޅުކަމުގެ މަސްވަރެއް ކަމަށާއި އެހެންކަމުން އެކަމަށް ބާރު އެޅުއްވުމަށް ކަމަށެވެ.
ރައީސް ވިދާޅުވީ ރަމަޟާން މަހަށްފަހު އީދު ބަންދާ ގުޅިގެން، ސަރުކާރުން އިސްނަގައިގެން، މުސްލިމުން އުފާފާޅުކުރުމަށް މަގުފަހިކުރަން ޖެހޭނެކަން އެމަނިކުފާނު ޤަބޫލުފުޅުކުރައްވާކަމަށެވެ. އަދި އެކަމަށް މަގުފަހިކޮށްދެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ ތަފްޞީލީ މަޢުލޫމާތުވެސް މި ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ހިއްސާކުރެއްވިއެވެ.

