ދިވެހި ފުލުހުންގެ ޚިދުމަތުން މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މާލެ ސަރަހައްދުގައި ކެފޭގެ އުސޫލުން މަސްތުވާތަކެތީގެ ވިޔަފާރިކުރަމުން އައި 14 ތަނެއް މިއަހަރުގެ މިހާތަނަށް ބަންދުކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިއަހަރުގެ މާރިޗު 15 ވަނަ ދުވަހާ ހަމައަށް 14 ތަނެއް ބަންދުކުރެވިފައިވެއެވެ. އަދި މިވަގުތު މާލޭގައި މިފަދަ 6 ތަނެއް އަދިވެސް އޮޕަރޭޓްވަމުންދާ ކަމަށާއި، އެތަންތަން ބަންދުކުރުމަށް ގޮންޖެހުންތަކެއް ހުރި ކަމަށްވެސް ފުލުހުން ފާހަގަކުރެއެވެ.
މީގެ އިތުރުން، މިހާތަނަށް މާލެއިން 60 އަށްވުރެ ގިނަ ތަނެއް ފާހަގަ ކުރެވިފައިވާއިރު، މިފަދަ ތަންތަން ބަންދުކުރުމުގައި ހުރި ގޮންޖެހުންތަކުގެ ތެރޭގައި ގޭގެ ބެހެނިވެރިން އިތުރުވުމާއި، އާއިލީ މީހުން ހެކިބަސް ދިނުމުގައި ފަސްޖެހުމާއި، ގިނަ ބަޔަކަށް އެގްރިމަންޓްކޮށްފައި ހުރުމުން ފިޔަވަޅު އަޅަންޖެހޭ ފަރާތް ދެނެގަތުމުގައި ހުރި ދަތިތައް ހިމެނޭކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ހަމައެއާއެކު، މިފަދަ ތަންތަން ބަންދުކުރުމުގައި އެންމެ ބޮޑު ގޮންޖެހުމަކީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނު މިހާރު އޮތްގޮތުން ހުރި ހުރަސްތަކެވެ. މިކަން ހައްލުކުރުމަށްޓަކައި، މަސްތުވާތަކެއްޗާބެހޭ ގާނޫނަށް އިސްލާހުތަކެއް ހުށަހަޅާފައިވާއިރު، މި އިސްލާހުތަކުގެ ތެރޭގައި، މިފަދަ ތަންތަން ކޯޓު އަމުރަކާ ނުލައި 72 ގަޑިއިރަށް ފުލުހުންނަށް ބަންދުކުރެވޭ ގޮތަށް ހަމަޖެއްސުމާއި، ގިނަވެގެން 90 ދުވަހަށް ބަންދުކުރުމަށް ކޯޓަށް އަމުރުކުރެވޭނެ ގޮތް ހެދުން ހިމެނެއެވެ.
މި މައްސަލަތައް ހައްލުކުރުމަށް އާންމުންގެ އެހީތެރިކަން މުހިންމުކަމަށްވެސް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

