ސަގާފަތާއި، އާދަކާދައާއި ތަރިކައިން ނެރެދޭ މާނަތަކަކީ އެބައެއްގެ ދިރިއުޅުމުގައި އެކުލެވިގެންވާ ސިފަތަކާއި ގޮތްތައް ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ދިވެހީންގެ ސަގާފަތާއި މިފަދަ ތަރިކަތަކުން އަދުގެ ޒުވާން ޖީލަށް ދަސްކޮށްދޭ ކަންކަމަކީ ކޮބާތޯ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، ދިވެހިންނަކީ ވަކި ގޮތަކަށް ތަރުތީބުވެގެން ވަކި ގޮތަކަށް އުސޫލުތަކެއްގައި ހިފަހައްޓައިގެން އަދި އެއް ސަފެއްގައި އެއް އަމާޒަކަށް އެކުގައި ކުރިޔަށް ދިޔަ ބައެއްކަމަށެވެ.
އެހެންކަމުން މި ހުރިހާ މާނައެއް މި ކުޅިވަރުގެ ތެރެއިން ދައްކާދޭ ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރަށް ތަހުޒީބު ޙަޟާރަތެއްގެ ސަގާފަތާއި، އާދަކާދައާއި ތަރިކައިން ނެރެދޭ މާނަތަކަކީ އެބައެއްގެ ދިރިއުޅުމުގައި ހުންނަ އެ ފަދަ ހަރުދަނާ ގޮތްތަކާއި ސިފަތައްކަން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ހިއްޗަށް ވަޑައިގަތުމަކީ ރަސްކަމުގެތެރޭގައި ބޭއްވޭ އަދި ރަސްގެފާނު ބައިވެރިވެވަޑައިގަންނަވާ ވަރަށް ހައިބަތު ހުރި ރަސްމިއްޔާތެއްކަމަށާއި ނަމަވެސް މިހާރު މި ބޭއްވުނީ ހަމައެކަނި އަދުގެ ޖީލުތަކަށް އޭގެ ތަމްސީލީ ދައްކާލުމެއްކަމަށް ވިދާޅުވިއެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ރާއްޖޭގެ ތަރިކަ އަދުގެ ޒުވާނުންނަށް ތައުލީމެއްގެ ގޮތުގައި ފޯރުވައިދިނުމުގެ ވިސްނުންފުޅަށް ބައްޓަން ކުރެވިގެން، ހިއްޗަށް ވަޑައިގަތުމުގެ ދަރުބާރު އަދުގެ ޒުވާން ޖީލާ ހަމަޔަށް ފޯރުވައިދިނުމަށެވެ.
މި ތަމްސީލު ގެނެސްދީފައިވަނީ ގިނަ މުއައްސަސާތަކަކުން ގުޅިގެން ވުޒާރާގެ އިސްނެންގެވުމުގެ މަތީންކަން ވަޒީރު ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން މިކަންކަން އުފެދިގެން އައިގޮތަކާއި އޭރު މިކަންކަމުން ނެގުނު މާނަތަކަކާ ދިވެހިންގެ ދިރިއުޅުމުގެ ހަޔާތުގައި މިކަންކަން އަދާ ކުރި ދައުރު އެއީ ދިރާސާކޮށް ބަލަން ޖެހޭ ކަންކަން ކަމަށާއި ހިއްޗަށް ވަޑައިގަތުމުގައި އިހު ޒަމާނުގައި ދީނީ ބައެއްވެސް ހިމެނޭ ކަމަށާއި މިހާރު މިގެނެވެނީ ހަމައެކަނި ތާރީޚީ ދައްކާލުމެއްގެ ގޮތުގައިކަން ވަޒީރު ފާހަގަ ކުރެއްވިއެވެ.
ހަމައެހެން އެކި ޒަމާނުގައި އެކި ތަފާތާއެކު ހިއްޗަށް ވަޑައިގަތުން ކުރިޔަށް ކުރިޔަށް ގެންދެވިފައިވާކަން ވެސް ފާހަގަ ކުރެއްވިއެވެ.

