ރައީސް ޑރ މުޙައްމަދު މުއިއްޒު ހުރިހާ ޙާލަތެއްގައިވެސް އިސްކުރައްވަނީ ރައްޔިތުންގެ މަސްލަޙަތުކަމަށް ކެލާ ދާއިރާގެ މެމްބަރު އަބްދުﷲ ޝަރީފް ވިދާޅުވެއްޖެ އެވެ.
ޝަރީފް މިފަދައިން ވިދާޅުވީ ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ދެއްކެވި ވާހަކަފުޅުގައެވެ.
ޝަރީފް ވިދާޅުވީ، މިއަދުގެ ސަރުކާރުން ރައްޔިތުންނަށް ގެއްލުންވާނެ ފަދަ ފިޔަވަޅެއް މިހާތަނަށް އަޅާފައިނުވާ ކަމަށާއި، އޭގެ ބަދަލުގައި މުޅިންވެސް ފެންނަން ހުރީ ރައްޔިތުންނަށް އެތަކެއް ފައިދާއެއް ވާނެ ފަދަ ކަންކަން ކަމަށެވެ. އޭގެ ތެރެއިން އެއް ކަމަކީ ޑޮލަރުގެ މައްސަލަ ޙައްލު ކުރުމަށް މި ސަރުކާރުން ކުރަމުންދާ އެކިއެކި މަސައްކަތްތައް ކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.
މެމްބަރު ވިދާޅުވީ، ޑޮލަރުގެ މައްސަލައަކީ ޒަމާންތަކެއް ވަންދެން ދެމިއޮތް އަދި މި ޤައުމަށް ދިމާވެފައިވާ ބޮޑު މައްސަލައެއް ކަމަށެވެ. އަދި މިއީ ކޮންމެ ސަރުކާރަކުންވެސް ޙައްލުކުރަން ބޭނުންވި ކަމެއްކަމަށް މެމްބަރު ވިދާޅުވިއެވެ.
އެހެންނަމަވެސް، ނިމިދިޔަ ސަރުކާރުތަކުގައި އެކަން ޙައްލުނުވެ އޮތީ ރައްޔިތުންނަށްވުރެ ވަކި ބައެއްގެ އަމިއްލަ މަސްލަހަތު އިސްކުރުމުގެ ސަބަބުންކަމަށްވެސް މެމްބަރު ވިދާޅުވިއެވެ. އޭރު ވެރިކަން ކުރެއްވި ބޭފުޅުން މަސައްކަތް ކުރެއްވީވެސް ވެރިކަން ދިފާއު ކުރެވޭނެ މަގުތައް ހޯދައިގެންކަމަށް މެމްބަރު ވިދާޅުވިއެވެ.
މިސާލަކަށް ބައްލަވާލައްވާ ޑޮލަރާ ގުޅޭގޮތުން އެޅުއްވި ފިޔަވަޅުތައް، ޑޮލަރުގެ މައްސަލައަކީ މި ޤައުމަށް ދިމާވެފައިވާ ބޮޑު މައްސަލައެއް، ކޮންމެ ސަރުކާރަކުންވެސް ބޭނުންވޭ އެކަން ކުރަން،
މިއަދު ކަންކަން ހިނގާ މަގު ތަފާތުކަން ފާހަގަ ކުރައްވައި މެމްބަރު ވިދާޅުވީ، ރައީސް ހުރިހާ ޙާލަތެއްގައިވެސް އިސްކުރައްވަނީ ރައްޔިތުންގެ މަސްލަޙަތު ކަމަށެވެ. އަދި ރައީސް ޑރ މުޙައްމަދު މުއިއްޒުގެ ވެރިކަމަކީ ކުޑަ ދުވަސްކޮޅެއްގެ ކެމްޕޭނަކާއެކު ކާމިޔާބީ ހޯދައި، މިހާރު އެތައް ބައެއްގެ އިތުބާރު ލިބިފައިވާ ވެރިކަމެއްކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.
ހަގީގީ މާނައިގައި ވެރިކަން ކުރުމަކީ ރައްޔިތުންނަށް ފައިދާވާނެ ގޮތްތައް ބަލައި އެކަންކަން ފަހިކޮށްދެވޭނެ ވެރިކަމެއް ޤާއިމުކޮށްދިނުންކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.
މެމްބަރު ޝަރީފް އިތުރަށް ވިދާޅުވީ، އިދިކޮޅެއްގެ ބޭނުމަކީ ސަރުކާރު ޒިންމާދާރު ކުރުވައި ޖަވާބުދާރީ ކުރުވުންކަމަށެވެ. އެހެން ނަމަވެސް އެ ޒިންމާ އަދާނުކޮށް ސަރުކާރާއި މެދު ނަފްރަތު އުފެއްދުމާއި، އިހުތިޖާޖުތައް ކުރުމުގައި އެމްޑީޕީ އޮތުމަކީ ހަމަޖެހުން ނަގާލުމަށް ކުރާ މަސައްކަތެއްކަމަށް އޭނާ ވިދާޅުވި އެވެ.

