ހަރަދު ކުޑަކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވި ފިޔަވަޅުތައް ތަންފީޒު ނުކުރެވި ރާއްޖޭގައި އިންވެސްޓު ކުރުމާއި މެދު ބޭރުގެ އިންވެސްޓަރުން ސުވާލު އުފައްދަމުންދާކަމަށް ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި އަމީން ވިދާޅުވީ އަޑިއަޅާލާފައި އޮތް ރާއްޖޭގެ މާލީ ނިޒާމުގެ ހާލަތު ރަނގަޅުކޮށް، އިގްތިސާދު ކޮޅަށް ޖެހުމަށްޓަކައި އެތައް ވާހަކައެއް ރިޔާސީ އިންތިހާބުގައި ރައީސް މުއިއްޒު ދެއްކެވިކަމަށެވެ. ބޭރުގެ އެކި ގައުމުތަކުން އެހީ ލިބޭނެކަމުގެ ފެހި ސިގްނަލް ލިބިފައިވާކަމަށް ރައީސް މުއިއްޒު ރައްޔިތުންނަށް ޔަގީން ދެއްވިއިރު ވެރިކަމަށް އަހަރެއްވީ އިރު ވެސް އެ ވިދާޅުވި ގައުމުތަށް ކޮބައިތޯ އަމީން ސުވާލު އުފެއްދެވި އެވެ.
އަމީން ވިދާޅުވީ ރައްޔިތުން މި ސަރުކާރަށް ވޯޓު ދިން އެންމެ ބޮޑު އެއް ސަބަބަކީ، އިގްތިސާދީ ހާލަތު ރަނގަޅު ކުރުން ކަމަށެވެ. އެހެން ނަމަވެސް ހާލަތު ރަނގަޅު ނުވެ، އިތުރަށް ގޯސްވާއިރު ސަރުކާރުން އިއުލާނު ކުރި އެއްވެސް ފިޔަވަޅެއް މިހާތަނަށް ވެސް ތަންފީޒު ނުކުރެވޭކަމަށް އަމީން ވިދާޅުވި އެވެ.
އަމީން ވިދާޅުވީ ހަރަދު ކުޑަކުރުމަށް ރައީސް މުއިއްޒު ފިޔަވަޅުތައް އިއުލާނު ކުރެއްވުމަށް ފަހު، އެކަން ވެގެން ދިޔައީ ހުސް ވާހަކަތަކެއްގެ ގޮތުގައި ކަމަށެވެ. އަދި ކުންފުނިތަކުން ބޭކާރު ބޮޑެތި ހޭދަތައް ކުރަމުން ގެންދިއުމާއި އެކު، މި ސަރުކާރުން ވެސް ދަނީ ސިޔާސީ މަގާމުތައް އިތުރު ކުރަމުންކަމަށް އަމީން ވިދާޅުވި އެވެ.
ރާއްޖެ އޮތީ ބަނގުރޫޓުވާ ހާލަތެއްގައިކަމަށް ތަކުރާރު ކުރައްވައި އަމީން ވިދާޅުވީ ކޮންސްޓަރަކްޝަން ކުންފުނިތަކުން ފެށިގެން ގޮސް އާންމު ރައްޔިތުންގެ ކަންމަތީ ފިހާރަތައް ވެސް ނުހިނގާކަމަށެވެ. އަދި ޑޮލަރުގެ ކަޅު ބާޒާރު ހައްލު ނުވެ، ޑޮލަރުގެ އަގު އުފުލިފައިވާކަން ފާހަގަކުރެއްވި އެވެ.
އަމީން ވިދާޅުވީ އަހަރެއް ފާއިތުވެ ދިޔައިރު، ރާއްޖެއަށް އިންވެސްޓު ކުރަން އައި ބޭރުގެ އެއްވެސް އިންވެސްޓަރެއް ނެތްކަމަށެވެ.
ބަނގުރޫޓު ނުވިޔަސް، ގައުމު މިއޮތީ ބަނގުރޫޓުވެފައި.. ކޮންސްޓްރަކްޝަން ކުންފުންޏެއް ނުހިނގާ.. ކަންމަތީ ފިހާރައެއް ނުހިނގާ.. ޑޮލަރު ހުރީ 19 އަށް 20 ރުފިޔާއަށް.. ބޮޑު އިންވެސްޓަރެއް ރާއްޖެއިން ބޭރުން މިތަނަށް އައިސް އިންވެސްޓެއް ކުރީކީއެއް ނޫން.. ތިބި އިންވެސްޓަރުން ތިބީ ސުވާލުމާކެއްގެ ތެރޭގައި..
މީގެއިތުރުން އަމީން ވިދާޅުވީ ރާއްޖޭގައި ތިބި އިންވެސްޓަރުންނާއި ބޭރުގެ އިންވެސްޓަރުން ވެސް ތިބީ ސުވާލު މާކެއްގެ ތެރޭގައިކަމަށެވެ. އޭގެ ސަބަބެއްކަމަށް އަމީން ވިދާޅުވީ މިދިޔަ ހަ މަސް ދުވަހުގެ ތެރޭގައި މި ސަރުކާރުން ޓޫރިޒަމްގެ ގާނޫނަށް ތިން އިސްލާހު ގެނެސްފައިވާކަމަށެވެ. އެހެންކަމުން އިންވެސްޓަރުންނަށް، އެ މީހުންގެ އިންވެސްޓްމަންޓުތަކަށް ވާނެ ގޮތަކާއިމެދު ސުވާލު އުފެދޭކަމަށް އަމީން ވިދާޅުވި އެވެ.
އަމީން ވިދާޅުވީ އިންވެސްޓަރުންނަށް އޮތް އެންމެ ބޮޑު ބިރަކީ، އިންވެސްޓްމަންޓުތައް ކޮންމެވެސް އެއް ބަހަނާއެއްގައި ސަރުކާރަށް ނަގައި އެގްރިމަންޓުތައް ބާތިލު ކުރުންކަމަށެވެ. އެފަދަ ހާލަތެއް އެންމެ ފަހުން ގަނައި އިސްލާހުގައި އޮތްކަން ފާހަގަކޮށް އަމީން ވިދާޅުވީ ރިސޯޓު ވެސް ގެއްލުމުގެ ބަދަލަކާއި ނުލައި ދައުލަތަށް ނެގޭނެކަމަށް ޓޫރިޒަމްގެ ގާނޫނުގައި މިހާރު ކަނޑައަޅާފައިވާކަމަށެވެ.
އިގްތިސާދީ ހަލަތާއި ގުޅޭގޮތުން ރައީސް މުއިއްޒު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި ގެންގުޅެފައިވާ މާލީ ސިޔާސަތުތަކުގެ ގެއްލުމާއި ގޮންޖެހުންތައް ދިމާވަމުން ދަނީ މި ސަރުކާރަށް ކަމަށެވެ. އަދި މި ސަރުކާރުން މަސައްކަތް ކުރާނީ އިތުރަށް ދަރަނި ނުނަގައި، ފައިސާ ޗާޕު ނުކޮށް ގައުމު ހިންގުމަށްކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައި ވެއެވެ.

