ކުށުގެ މާހައުލަށް ހުށަހެޅޭ ކުދިން ރިހެބިލިޓޭޓު ކުރުމަށް ހަދާ ”ހޯޕް އައިލެންޑު“ ގިރާވަރު ފަޅަށް ބަދަލު ކުރުމަށް ނިންމައިފި އެވެ.
ހޯޕް އައިލެންޑް ހިންގަން ކަނޑައަޅައި އެންމެ ފުރަތަމަ އިއުލާނު ކުރީ ދ. ވާނީ ނަމަވެސް އޭގެ ފަހުން އެކި ރަށްރަށަށް އެ ޕްރޮޖެކްޓު ބަދަލުކޮށްފައި ވެއެވެ. އެންމެ ފަހުން އުތުރުތިލަފަޅުގައި ޕްރޮޖެކްޓު ހިންގުމަށް ރޯދަ މަހުގެ ތެރޭގައި ނިންމުމަށް ފަހު، މިހާރު ހޯމް ލޭންޑް މިނިސްޓްރީން ނިންމާފައި ވަނީ ހޯޕް އައިލެންޑް ގިރާވަރު ފަޅަށް ބަދަލު ކުރުމަށެވެ.
މި ޕްރޮޖެކްޓާއި ގުޅޭގޮތުން ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ހޯމް ލޭންޑް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ، އަހުމަދު ސިއްދީގު ވިދާޅުވީ ހޯޕް އައިލެންޑްގެ ކޮންސެޕްޓު ނިމި ވާނީގައި ހިންގުމުގެ ކުރެހުންތައް ވެސް ނިންމިކަމަށެވެ. ވާނީގައި ޕްރޮޖެކްޓު ކުރިޔަށް ގެންދާނަމަ، ހަރަދުގެ ގޮތުން ބޮޑެތި ގޮންޖެހުންތައް ދިމާވެދާނެކަމަށް ބެލެވޭތީ ޕްރޮޖެކްޓު މާލެ ކައިރިއަށް ބަދަލު ކުރުމަށް ނިންމީކަމަށް ސިއްދީގު ވިދާޅުވި އެވެ.
ސިއްދީގު ވިދާޅުވީ ސަރުކާރުން މިހާރު ނިންމާފައި ވަނީ ގިރާވަރު ފަޅު ހިއްކައިގެން ހޯޕް އައިލެންޑް އެ ރަށަށް ބަދަލު ކުރުމަށް ކަމަށެވެ.
ސަރުކާރުން ނިންމާފައި ވަނީ މި ޕްރޮޖެކްޓުގެ ދަށުން 700 ކުދިންގެ ޖާގައިގެ ތަނެއް ތަރައްގީ ކުރުމަށެވެ. އަދި ރަށް ތަރައްގީ ކުރާނީ ކުދިންގެ މުދައްރިސުންނާއި އިންސްޓްރަކްޓަރުން އަދި ފުލުހުންނަށް ވެސް ބޭނުން ކުރެވޭނެ ވަސީލަތްތަކާއި އެކުކަމަށް ވިދާޅުވި އެވެ.
ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިންނާއި އެކި ސަބަބުތަކަށް ޓަކައި ކުށަށް އަރައިގަންނަން މެދުވެރިވާ ކުޑަކުދިންނަށް ބޭނުންވާ ފަރުވާއާ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން ބަޔާންކުރާ ”ލޯންގް ޓާރމް ރެސިޑެންޝަލް ކެއަރ ފެސިލިޓީ“ މީހުން ދިރިނޫޅޭ ވަކި ރަށެއްގައި ގާއިމުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފަ އެވެ.
ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވީ ވިދާޅުވީ، ހޯޕް އައިލެންޑަށް ގެންދާ ކޮންމެ ކުއްޖަކު ވެސް 18 އަހަރު ވަންދެން އެތަނުގައި އުޅޭނެ ކަމަށެވެ. އެއަށްފަހު ދިވެހި ފުލުހުން ނުވަތަ ދިވެހި ސަފައިންގެ ޚިދުމަތުންކުރެ ތަނެއްގައި ވަކި މުއްދަތެއް ވަންދެން އެކުދިން ހިދުމަތް ކުރަންޖެހޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.
އެއަށްފަހު އެކުދިން ބޭނުންވާ ދާއިރާއަކުން ކުރިއަށް ދިއުމަށް ފުރުޞަތު ދެވޭނެކަންވެސް ފާހަގަ ކުރެއްވިއެވެ. އަދި ޖިނާޢީ ކުށެއް ކޮށްގެން ކުޑަކުދިން ޒިންމާވާން ޖެހޭ އުމުރު ކުޑަކުރުމުގެ މަސައްކަތް ފަށާފައިވާކަން ވެސް ހާމަކުރެއްވި އެވެ.
ކުށުގެ ވެށިން ކުޑަކުދިން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، ސަރުކާރުން ވަނީ ކުޑަކުދިންގެ އަދުލުގެ ނިޒާމް ފުރިހަމަ ކުރުމަށްޓަކައި ޖިނާއީ ކުށުގެ ޒިންމާ ނަގަން ޖެހޭ އުމުރު ކަމަށް މިހާރު ކަނޑައަޅާފައިވާ 15 އަހަރުގެ ބަދަލުގައި 12 އަހަރަށް ދަށްކުރުމަށް ނިންމައިފައެވެ. ޒިންމާ ނަގަންޖެހޭ ޢުމުރު 12 އަހަރަށް ކުޑަ ކުރެވުމާއެކު 12 އަހަރުގައި ކުށަށް އަރައިގަންނަ ކުދިންވެސް ރީހެބިލިޓޭޓްކުރުމަށް ހޯޕް އައިލެންޑަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

