މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ ވިޒިޓް މޯލްޑިވްސް) އާއި ލިވަޕޫލް ފުޓްބޯލް ކްލަބް (އެލްއެފްސީ) އާއި ގުޅިގެން ރާއްޖޭގެ ބްރޭންޑް އަށް ހޭލުންތެރި ކުރުމުގެ ގޮތުން ކުރިއަށް އޮތް ފެސްޓިވް ސީޒަނަށް ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ ގެނައުމަށް އަންނަ މަހު ބޮޑު ބްރޭންޑް ކެމްޕެއިނެއް ފަށަން ނިންމައިފިއެވެ.
އެމްއެމްޕީއާރުސީން ބުނެފައިވަނީ އިނގިރޭސިވިލާތުގެ މުހިންމު ތަންތަނުގައި ހައި އިމްޕެކްޓް އައުޓްޑޯ އަދި ޑިޖިޓަލް އިޝްތިހާރު ބޭނުންކޮށްގެން ކުރިއަށް ގެންދާ މި މާކެޓިން ހަރަކާތް ތިން މަސް ދުވަހަށް ކުރިއަށް ގެންދިއުމަށް ހަމަޖެފައިވާކަމަށެވެ. އަދި މި ކެމްޕެއިންގެ މަޤްސަދަކީ (އެލްއެފްސީ) ކްލަބުގެ މަޤްބޫލުކަމުގެ ބޭނުންހިފައި ގިނަ ބަޔަކު ރާއްޖެއަށް ދަތުރުކުރުމަށް ބާރުއެޅުން ކަމަށް ވަނީ ބުނެފައެވެ.
މި ކެމްޕެއިންގެ ދަށުން 100 އަށް ވުރެ ގިނަ ޓެކްސީގެ އިތުރުން ލަންޑަން ގެ މަގުތަކުގައި ދުއްވާ ބަސްތަކުގައި ރާއްޖޭގެ ރީތި މަންޒަރުތައް ދައްކާލުމަށް ވަނީ ހަމަޖެހިފައިއެވެ. އަދި އަންޑަގްރައުންޑް ގައި އިޝްތިހާރުކޮށް ބޮޑެތި އެއާޕޯޓުތަކާއި ބިޒްނަސް ކްލާސް ލައުންޖުތަކުގައި ރާއްޖޭގެ ރީތިކަން ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ. މި ކެމްޕެއިންގެ ސަބަބުން ގާތްގަނޑަކަށް 76 މިލިއަން ޓާގެޓެޑް އޯޑިއަންސަކާ ހަމައަށް ފޯރާނެ ކަމަށް ބެލެވޭއިރު، މި ކެމްޕެއިންގެ ޒަރިއްޔާއިން އެންމެ ފަހުގެ ލަގްޒަރީ ޓްރެވަލް ޑެސްޓިނޭޝަންގެ ގޮތުގައި ރާއްޖެ އޮތް މަގާމު އިތުރަށް ހަރުދަނާވެގެންދާނެއެވެ.
އިނގިރޭސިވިލާތުގެ އިތުރުން ވިޒިޓް މޯލްޑިވްސްއިން އަންނަނީ ޔޫރަޕާއި މެދުއިރުމައްޗާއި އިންޑިއާ އަދި ޗައިނާ ފަދަ މުހިންމު ޤައުމުތަކުގައި އޮފިޝަލް ލިވަޕޫލް އެފްސީ ސަޕޯޓާސް ކްލަބްތަކާ އެކު ޓާގެޓެޑް ކެމްޕޭންތަކެއް ހިންގުމަށް ވެސް ރާވަމުންނެވެ. 100 ގައުމެއްގައި 316 އޮފިޝަލް ލިވަޕޫލް ސަޕޯޓާސް ކްލަބް ހިމެނޭއިރު، މި އެއްބަސްވުމުގެ ސަބަބުން ރާއްޖެއަށް ދުނިޔޭގެ ފެންވަރުގައި ބޮޑު އެކްސްޕޯސަރ އެއް ލިބިގެންދާނެއެވެ.

