އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓުގެ މައްސަލަ ރަނގަޅު ނުވެ، އިތުރަށް ގޯސްވަމުން ދާތީ އަލަށް ގެންދިޔަ 1.8 މެގަވޮޓުގެ ޖަނަރޭޓަރު ބޭނުންކުރަން ފަށައިފި އެވެ.
އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑޭ މައްސަަލަ ދިމާވާން ފެށީ މިދިޔަ އަހަރުގެ މެދުތެރޭ ހިސާބުގަ އެވެ. އޭރުން ފެށިގެން މިހާތަނަށް މި މައްސަލަ ހައްލު ނުކުރެވި، ގޯސްވަމުން ދާއިރު ރޯދަ މަހުގެ އެކި ވަގުތުތަކުގައި ވެސް ކުރިޔާލައި އެންގުމަކާއި ނުލައި ކަރަންޓު ކަނޑާލާ މައްސަލައިގައި ރައްޔިތުން ދަނީ ޝަކުވާ ކުރަމުންނެވެ.
ރޯދަ މަސް ފެށުމުގެ ކުރިޔަށް މުޅި ރާއްޖޭގެ ކަރަންޓުގެ މައްސަލަ ހައްލު ކުރެވޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވެއެވެ. އެހެން ނަމަވެސް އައްޑޫއަށް ކަރަންޓު ދޭން ބޭނުން ކުރާ ބައެއް ޖެންސެޓުތައް ހަލާކުވެފައި ހުރުމުގެ ސަބަބުން ލޯޑު ބޮޑުވާ ގަޑިތަކުގައި، އެކި ހިސާބުތަކުން ކަރަންޓު ކަނޑާލަން ޖެހެ އެވެ.
މި މައްސަލަ ހައްލު ކުރުމަށް 1.8 މެގަވޮޓްގެ ޖަނަރޭޓަރެއް ގެންގޮސް ބޭނުން ކުރަން ފެށި ނަމަވެސް، އޭގެ ފަހުން ވެސް ކަރަންޓު ކެނޑުމަށް އެއްވެސް ބަދަލެއް ނާދެއެވެ. އެހެންވެ އިތުރު އެހެންވެ ދެވަނަ ޖެނެރޭޓަރެއް ރާއްޖެއިން ބޭރުން ގެނައީ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު އިންޑިއާއިން ގެނައި 1.8 މެގަވޮޓްގެ ޖަނަރޭޓަރ އިންސްޓޯލްކޮށް ބޭނުން ކުރަން ފަށާފައިވާކަން ހާމަކުރެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ނަޖާހު އެވެ.
ނަޖާހު ވިދާޅުވީ ހަލާކުވެފައިވާ އިތުރު ޖެނެރޭޓަރެއް ވެސް މަރާމާތުކޮށް މިއަދު ބޭނުން ކުރަން ފަށާފައިވާކަމަށެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓުގެ ހިދުމަތް ދިނުމަށް ބަަހައްޓާފައި ވަނީ ޖުމްލަ 26.8 މެގަވޮޓްގެ 20 ޖަނަރޭޓަރު ސެޓެވެ. ކަރަންޓުގެ މައްސަލަ ދިމާވަމުން ދަނީ، ގިނަ ސެޓުތައް ހަލާކުވެފައި ހުރުމުގެ ސަބަބުންނެވެ.
އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލު ކުރުމުގައި ފެނަކައިގެ އިހުމާލުތަކެއްވާކަމަށް ބުނެ ކުންފުނީގެ ވެރިން ހާޒިރުކޮށްދޭން އެދި ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ވަނީ ހުށަހަޅާފަ އެވެ. އެ މައްސަލައިގައި ވެރިން ހާޒިރު ކުރުމަށް ނިންމި ނަމަވެސް، އަދިވެސް މަޖިލީހުން ކުންފުނީގެ ވެރިންނާއި ބައްދަލުކޮށްފައި ނުވެއެވެ.

