އެމްޑީޕީގެ ސަރުކާރުގައި ކުންފުނިތައް މެދުވެރިކޮށް ކުރި މަސައްކަތްތަކަށް މިލިއަނުން ދޭން ހުރި ފައިސާ މި ސަރުކާރުން ދައްކަމުން ދަނީ ލޯނެއް ނުނަގައި ފައިސާ ޗާޕު ނުކޮށްކަމަށް މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އިބްރާހިމް ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން، މުސްތަފާ ވަނީ ރާއްޖޭގެ އިގްތިސާދީ ހާލަތު އަލުން ކޮޅަށް ޖެހުމަށް ސަރުކާރުން ކުރަމުން ގެންދާ ބައެއް މަސައްކަތްތައް ފާހަގަ ކުރައްވާފަ އެވެ. މުސްތަފާ ވިދާޅުވީ ޒަމާންތަކެއް ވަންދެން ހައްލު ނުވެ އޮތް ޑޮލަރުގެ ކަޅު ބާޒާރު ނިމުމަކަށް ގެނައުމަށް އަލަށް ގާނޫނެއް ވުޖޫދު ކުރީ މި ސަރުކާރުން ކަމަށެވެ. އަދި އޭގެ ނަތީޖާ ވެސް ފެންނަމުން ދާއިރު، ހިނގަމުން މިދާ 20 ވަނަ މަޖިލީހުން ރައްޔިތުންގެ ހައްގުގައި ގިނަ މަސައްކަތްތައް ކުރެވިފައިވާނެކަމަށް މުސްތަފާ ވިދާޅުވި އެވެ.
މުސްތަފާ ވިދާޅުވީ ރާއްޖޭގެ މާލީ ހާލަތު ގޯސްވެ، މި ސަރުކާރުން ފިޔަވަޅުތައް އަޅަން ޖެހުމުގެ ޒިންމާ ނަގަން ޖެހޭނީ އެމްޑީޕީން ކަމަށެވެ. އޭރު އެއްވެސް ޕްލޭނެއް ނެތި ނަގަމުން ދިޔަ ދަރަނިތަކާއި، ޗާޕު ކުރި ފައިސާގެ ސަބަބުން ރައްޔިތުންނަށް ހީވެސް ނުކުރާހާ ބޮޑު ގެއްލުމެއް ލިބުނުއިރު އެ ހުރިހާ ފައިސާއެއް ކޮބައިތޯ މުސްތަފާ ސުވާލު އުފެއްދި އެވެ. މުސްތަފާ ވިދާޅުވީ އާންމު އެކި ކުންފުނިތަކަށް ދައްކަން ޖެހޭ ފައިސާ ވެސް އެމްޑީޕީ ހުރީ ކްލިއާރ ނުކޮށްކަމަށާއި، އެ މައްސަލަ ހައްލު ކުރަން ޖެހުނީ މި ސަރުކާރުން ކަމަށެވެ.
މުސްތަފާ ވިދާޅުވީ އެމްޑީޕީގެ ސަރުކާރު ނިމިގެން ދިޔައިރު ސަރުކާރު ހިއްސަވާ އެތައް ކުންފުންޏެއް އޮތީ ދަރަނިވެރި ކުރުވާފައި ކަމަށެވެ. އަދި އެމްޑީޕީން އެކަން ގަބޫލު ކުރުމަށް ބޭނުން ނުވީ ނަމަވެސް ހަގީގަތަކީ އެއީކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީން ފައިސާ ޗާޕު ކުރުމުގެ ސަބަބުން އިންފްލޭޝަނަށް އޭގެ އަސަރުކޮށް، ތަކެތީގެ އަގު އިންތިހާއަށް އުފުލިގެން ދިޔައިރު މާލީ ހާލަތު މިހާ ދަށަށް ދިއުމުގެ އެ ޒިންމާ އެ ޕާޓީން ނަގަން ބޭނުން ނުވާ ސަބަބެއް ނުވިސްނޭކަމަށް މުސްތަފާ ވިދާޅުވި އެވެ.
އެތައް ބިލިއަން ރުފިޔާއެއް އެބައޮތް ދައުލަތުގެ ކުންފުނިތަކުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދައްކަން.. އެ ފައިސާ ދެއްކުމަށްޓަކައި އެމްއެމްއޭ މެދުވެރިކޮށް ސަރުކާރުން ފައިސާ ދިން.. އެ ފައިސާ މިހާރު ދަނީ ކުންފުނިތަކަށް ދައްކައި ހަލާސް ކުރަމުން، އެއީ ފައިސާ ޗާޕުކޮށްގެންނެއް ނޫން.. އެކަން ކުރަން އޭރު ތިބި ބަޔަކަށް، ނޭނގިގެން ދެން މިހާރު ސަރުކާރުން އެކަން ކުރާތީ މޭކަރައި އެ ވާހަކަ ދައްކާނެ….
މުސްތަފާ ވިދާޅުވީ އެފަދަ ކުންފުނިތަކަށް ދޭން ހުރި ފައިސާ ދައްކައި ހަލާސް ކުރަމުން ދަނީ ލޯނެއް ނުވަތަ ފައިސާ ޗާޕުކޮށްގެން ނޫންކަމަށެވެ. އެހެންކަމުން އެމްޑީޕީއަށް އެކަން ވެސް އުނދަގޫކަމަކަށް ވެ ސަރުކާރާއި ދެކޮޅަށް މަގުމައްޗަށް ނިިކުތީކަމަށް މުސްތަފާ ވިދާޅުވި އެވެ.
މުސްތަފާ ވިދާޅުވީ އެމްޑީޕީ ބޭނުން ވަނީ ގައުމު ބަނގުރޫޓުވުމަށްކަމަށާއި، މަގުތަކަށް ނިކުމެ އިހުތިޖާޖު ކުރަމުން ދަނީ ވެސް އެ ސަަބަބާއި ހުރެކަމަށެވެ. އެހެން ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ރައްޔިތުން ބަލައިގަންނަ ވެރިއެއްކަމަށާއި އެމަނިކުފާނަށް ދުވަހުން ދުވަހަށް ތާއީދު ދަނީ އިތުރުވަމުންކަމަށް މުސްތަފާ ވިދާޅުވި އެވެ.

