ކުޅުދުއްފުށީ ސިޓީ ޕޮލިސް ކަސްޓޯޑިއަލްގައި ހައްޔަރުގައި ހުރި މީހަކު އަމިއްލަޔަށް މަރުވާން މަސައްކަތް ކުރަން އުޅެފި ކަމަށް ފުލުހުންގެ މުވައްސަސާއިން ބުނެފިއެވެ.
ފުލުހުން އާންމު ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އޭނާ ހައްޔަރުގައި ހުރެ މަރުވާން އޭނާ މަސައްކަތް ކުރީ ހުކުރު ދުވަހުގެ ރޭ 21:12 ގައި ކަމަށެވެ. އަދި އެކަމާއި ގުޅިގެން އޭނާއަށް ކުޅުދުއްފުށި ހޮސްޕިޓަލްގައި ފަރުވާ ދެމުންދާކަމަށް މައުލޫމާތު ދިނެވެ.
މި ހާދިސާއާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއިއެކު ހިއުމަން ރައިޓްސް ކޮމިޝަނާއި އަދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް މި ހާދިސާގެ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މިހާދިސާގެ ތަހުގީގަށް މޭޖަރ ކްރައިމް އިންވެސްޓިގޭޝަންގެ ޓީމެއް ކުޅުދުއްފުއްޓަށް ފޮނުވުމަށް ނިންމާފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.
ފުލުހުން ބުނެފައިވަނީ އޭނާއަކީ މަސްތުގެ ހާލުގައި ހުރެގެން ގޭގެ މުދަލަށް ގެއްލުންދީ ހަމަނުޖެހުން ހިންގި މައްސަލައެއްގައި މިމަހުގެ 2 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 24 އަހަރުގެ ފިރިހެނެއް ކަމަށެވެ.
މީގެއިތުރަށް ފުލުހުން ބުނެފައިވަނީ މި ހާދިސާ ހިނގައިފައިވާ ގޮތުގެ އެތެރޭގެ ތަހުގީގެއް ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުން ހާއްސަ އިސްކަމެއް ދީގެން ކުރިއަށް ގެންދާ ކަމަށެވެ.

