އިނގިރޭސިވިލާތުގެ ލަންޑަންގައި ހުންނަ ނަންބަރ 9 ރޯޒްމޮންޓް އެވެނިއު، މޯލްޑިވްސް ސްޓޫޑަންޓްސް އެސޯސިއޭޝަން-ޔޫ.ކޭ (އެމް.އެސް.އޭ- ޔޫ.ކޭ) އާ އަލުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަވާލުކުރައްވައިފިއެވެ.
ޒަމާނުއްސުރެ، އިނގިރޭސިވިލާތުގައި ކިޔަވާ ދިވެހި ދަރިވަރުން ދިރިއުޅުމަށާއި، ނާދީއެއްގެ ގޮތުގައި ބޭނުންކުރަމުންއައި މި ޢިމާރާތް ދުވަސްކޮޅަކަށް، އިނގިރޭސިވިލާތުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުގެ ބޭނުމަށް ވަނީ ނަގާފައެވެ. އެހެންނަމަވެސް، މިއަދުން ފެށިގެން، އެ ޢިމާރާތް ވަނީ، އެމް.އެސް.އޭ- ޔޫ.ކޭ އާ ރަސްމީގޮތުން ހަވާލުކުރައްވާފައެވެ.
ރައީސް އިނގިރޭސިވިލާތައް ކުރައްވަމުންގެންދަވާ ޒިޔާރަތުގައި ވަނީ، އިނގިރޭސިވިލާތުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާއެކު މެންދުރުގެ ފަރީއްކޮޅެއްގައި ބައިވެރިވެވަޑައިގެންފައެވެ.
މި ފަރީއްކޮޅުގައި އެމަނިކުފާނު ވަނީ، ދަރިވަރުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، ދަރިވަރުންގެ ސިއްޙަތާއި، ދިރާސީ މަސައްކަތްތަކާބެހޭ މަޢުޅޫމާތު އޮޅުންފިލުއްވާފައެވެ. އަދި މި ސަރުކާރުން، ދަރިވަރުންނަށް ހުރި ދަތިތައް ލުއިކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވާނޭކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.
ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގައި، އެ ތަނެއްގައި ދިރިއުޅޭ ދިވެހި ދަރިވަރުންނާ ބައްދަލުކުރެއްވުމަކީ ރައީސް އިސްކަންދެއްވާ ކަމެކެވެ.

